އަލިފާނުގެ ހާދިސާއެއް ހިނގާ އެކަކަށް އަނިޔާވެއްޖެ
މިއަދު ހެނދުނު މާލެ ސިޓީ ދެކުނު ފަރާތު ފަޅު ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެކަކަށް އަނިޔާވެއްޖެއެވެ. އަލިފާން ހިފާފައިވަނީ ފަޅުގައި އަޅާފައިވާ ލޯންޗެއްގައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން މިހާރު ވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ.
އެމްއެންޑީއެފް އިން ކުރި ޓްވީޓެއްގައި ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:13 ހާއިރު ކަމަށާއި އެއްކޮށް އަލިފާންގަނޑު ނިއްވާލެވުނީ 06:45 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އަދި ފަޅުގައި އޮތް ލޯންޗުތަކުގެ ތެރެއިން ފަސް ލޯންޗަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.
އަލިފާން ރޯވި ތިން ލޯންޗު ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ އިރު، ކައިރީގައި އޮތް ދެ ލޯންޗަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

