ދީން

ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.

މާތް ﷲ ސުބުޙާނާހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށް ހަމަ ކޮންމެ މުސްލިމަކުވެސް ލޯބިކުރާނެއެވެ. އެކަލާންގެ ރުއްސެވެމާއި ފުއްސެވުން އެދޭމީހާ އެކަލާންގެ އަމުރު ފުޅުތަކަށް ބޯލަނބަންޖެހެއެވެ. އެހެނީ ފަރުޟުތައް އަދާކޮށް ނަހީތަކުން ދުރުވެގެންނަންޖެހެއެވެ.

މިގޮތުން ރޯދައަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުނެވެ. އާއެކެވެ. ހަމަ ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭ ފަސްރުކުނުގެ ތެރޭގައި ހިމެނެނެނީ މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ޙައްޖުވުމާއި އަދި ރަމަޟާންމަހު ރޯދަ ހިފުމެވެ.

ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލުމަހުން 6 ދުވަހު ރޯދަ ހިފުމަކީ މުސްލިމު އަޅުންނަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. އެހެނީ ރަމަޟާން މަހުގެ ރޯދައަށްފަހު، ޝައްވާލުމަހުން 6 ރޯދަ ހިފުމުގެ ސަބަބުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތެރޭގައި އޭނާއަށް ހުރެވޭތީއެވެ.

ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.

ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. «مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتاًّ مِنْ شَوَّال كَانَ كَصِيَامِ الدَّهْرِ» [رواه مسلم وغيره]

މިބަސްފުޅުގެ މާނައީ ‘ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.’

الإمام النووي رحمه الله ވިދާޅުވިއެވެ.

ޢިލްމުވެރިން ވިދާޅުވެއެވެ. މުޅި އަހަރުގެ ރޯދަ ހިފި ކަމުގައި ވަނީ، އެއީ ހަމަކަށަވަރުން ހެޔޮކަމެއް ވަނީ އޭގެ 10 ގުނަ ފަދައިންނެވެ. ފަހެ ރަމަޟާން މަހަކީ 10 މަސް ފަދައެވެ. 6 ދުވަހަކީ ދެމަސް ފަދައެވެ.”

އޭގެ މާނައަކީ؛ ކޮންމެ ހެޔޮކަމެއް އެއީ އޭގެ 10 ގުނަ ފަދައިން ސަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ. އެގޮތުން މުޅި ރަމަޟާންމަހުގެ ރޯދަ ހިފުމުން އޭގެ 10 ގުނަ ސަވާބާއި ދަރުމަ ލިބިގެން ދެއެވެ. އެއީ 10 މަސް ދުވަހެވެ.

6 ރޯދަ ހިފުމުން އެއީ 60 ރޯދަ ހިފި ފަދައެވެ. އެއީ ދެމަސް ދުވަހެވެ.

އެހެން ކަމުން މުޅި އަހަރުގެ ރޯދަ ހިފުމާއި އެއްފަދަ ކަމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވަނީ އިރުޝާދު ދެއްވާފައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މި މަތިވެރި ބޮޑު ދަރުމައިން އަމިއްލަ ނަފްސާއި ގާތްތިމާގެ މީހުންނާއި އެކުވެރިން މަޙްރޫމު ނުކުރައްވާށެވެ. އަމިއްލައަށް މި 6 ރޯދަ ހިއްޕަވާށެވެ. އަދި އެހެންމީހުންނަށްވެސް މީގެ މާތްކަމާއި މަތިވެރިކަން ބަޔާންކޮށްދެއްވާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close