ފިރިހެނުން ބޯ ނިވާކުރުމަކީ ވާޖިބު ކަމެއްތަ ؟

الحمد لله والصلاة والسلام على رسول الله:
ފިރިހެނުން ބޯ ނިވާކުރުމަކީ ވާޖިބު (މަޖުބޫރު) ކަމެއް ކަމަށް ދީނީ ޢިލްމުވެރިންގެ ތެރެއިން އެއްވެސް ބޭފުޅަކު ވިދާޅުވެފައިވާކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް، ގިނަ ޢިލްމުވެރިންތަކެއް އެއީ މުސްތަޙައްބު (އެދެވިގެންވާ) ކަމެއް ކަމަށް ބަޔާންކުރައްވައެވެ. އަދި މީސްތަކުންގެ ކުރިމަތީގައި ބޯ ހާމަކޮށްގެން އުޅުމަކީ، ވަކިން ހާއްސަކޮށް ދުވަސްވީ މީހުންނާއި ޢިލްމުވެރިންގެ މުރުއްވަތްތެރިކަމާއި ޝަޚްޞިއްޔަތަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި ބައެއް ބޭފުޅުން ސިފަކުރައްވައެވެ. މިފަދަ ބޭފުޅުން ބޯ ހާމަކުރުމުން ލިބޭ އުނިކަން އެހެން މީހުންނަށްވުރެ ބޮޑުކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
މިކަމުގައި އެންމެ ބުރަދަން ހުރި ގޮތަކީ، ބޯ ހާމަކުރުމަކީ ހުރިހާ ޒަމާނަކާއި ހުރިހާ މާޙައުލެއްގައި މުރުއްވަތްތެރިކަން ގެއްލޭ ކަމެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، މިކަމުގެ ޙުކުމް ބިނާވެގެންވަނީ އެ މުޖުތަމަޢެއްގެ ތެރޭގައި އޮންނަ އާދަކާދަތަކުގެ މައްޗަށެވެ.
އިމާމް އައްޝާޠިބީ (ރަޙިމަހުއްﷲ) މީސްތަކުންގެ އާދަކާދަތައް ދެ ބަޔަކަށް ބައްސަވާފައިވެއެވެ:
ޝަރުޢީ ދަލީލުތަކުގެ އަލީގައި އެއީ ރަނގަޅު ނުވަތަ ނުބައި ކަމެއްކަން ކަނޑައެޅިފައިވާ ކަންކަން: މިފަދަ ކަންކަމުގައި ރުޖޫޢަވާންޖެހޭނީ އިސްލާމީ ޝަރީޢަތަށެވެ. އެއީ މީސްތަކުންގެ ތެރޭގައި އާދަކާދަ އޮތް ގޮތަކަށް ނޫނެވެ.މިސާލަކަށް: ޢައުރަ ނިވާނުކޮށް ބެހެއްޓުމަކީ، މީސްތަކުންގެ ތެރޭގައި އެއީ އާދަކާދައެއް ކަމުގައި ވީނަމަވެސް، ޝަރީޢަތުގައި ނުބައިވެގެންވާ މަނާކަމެކެވެ. އަދި ނަޖިސް ފިލުވުމަކީ ޝަރީޢަތުގައި އަމުރުކުރައްވާފައިވާ ރަނގަޅު ކަމެކެވެ. މީހުން އެކަމަށް ފަރުވާކުޑަކުރި ނަމަވެސް އެކަން އޮންނާނީ އެގޮތަށެވެ.
ޝަރީޢަތުގައި ވަކި ގޮތަކަށް އަމުރުކުރައްވާފައި ނުވަތަ މަނާކުރައްވާފައި ނުވާ، މީސްތަކުންގެ އާދަކާދައިގެ މައްޗަށް ދޫކޮށްލެވިފައިވާ ކަންކަން:މިފަދަ ކަންކަންވެސް ދެ ބަޔަކަށް ބެހިގެންވެއެވެ:(ހ) ބަދަލުނުވާ ދާއިމީ އާދަކާދަތައް: މިސާލަކަށް ކެއިންބުއިމަށް އޮންނަ ޝައުޤުވެރިކަން.(ށ) ޒަމާނާއި މުޖުތަމަޢަށް ބިނާކޮށް ބަދަލުވާ އާދަކާދަތައް: މިސާލަކަށް ވަކި ކަމަކީ ރަނގަޅު ކަމެއް ނުވަތަ ހުތުރު ކަމެއްގެ ގޮތުގައި މުޖުތަމަޢުތަކުން ދެކޭ ގޮތް ތަފާތުވުން.
މި ދެވަނަ ބާވަތުގެ ކަންކަމާ ގުޅޭގޮތުން އިމާމް އައްޝާޠިބީ ވިދާޅުވެފައިވަނީ: “ބޯ ހާމަކޮށްގެން އުޅުން ފަދަ ކަންކަމަކީ އެކި ތަންތަނުގައި ތަފާތުވާ ކަންކަމެވެ. އިރުމަތީގެ ޤައުމުތަކުގައި (މިސާލަކަށް މިޞްރު ފަދަ އިރުމަތީ އިސްލާމީ ބިންތަކުގައި) އަބުރުވެރި މީހުން ބޯ ހާމަކޮށްގެން އުޅުމަކީ ހުތުރު ކަމެކެވެ. ނަމަވެސް ހުޅަނގުގެ އިސްލާމީ ބިންތަކުގައި (މިސާލަކަށް މަޣުރިބު ކަރައާއި އަންދަލުސްގައި) އެއީ ހުތުރު ކަމެއް ނޫނެވެ. އެހެންކަމުން، މިކަމުގެ ޝަރުޢީ ޙުކުމްވެސް އެ ތަނެއްގެ އާދަކާދައަށް ބިނާކޮށް ތަފާތުވެއެވެ. އިރުމަތީގެ މީހުންނަށް އެއީ މުރުއްވަތްތެރިކަން ގެއްލޭ ކަމެއް ނަމަވެސް، ހުޅަނގުގެ މީހުންނަށް އެއީ އެފަދަ ކަމެއް ނޫނެވެ.” (އަލް-މުވާފަޤާތު، 2/284)
ނިންމުމަކީ، ފިރިހެނުން ބޯ ނިވާކުރުމަކީ އެ މީހަކު ދިރިއުޅޭ މުޖުތަމަޢެއްގައި ކަންކަން އޮންނަ އާދަކާދައަށް ބަލަންޖެހޭ ކަމެކެވެ. މީހަކު ދިރިއުޅޭ މުޖުތަމަޢެއްގައި އެކަން އޮންނަ ގޮތަށް އަމަލުކުރުން އެދެވިގެންވެއެވެ. އެއީ ޝަރީޢަތާ ޚިލާފުނުވާ ކަންކަމުގައި މީހުންނާ ވަކިވެގަނެ، ފާހަގަވާ ފަދަ ތަފާތު ހެދުން އެޅުމުން (ލިބާސުއް ޝުހުރާ) ދުރުހެލިވުމަށެވެ.
والله أعلم.
(ރިފަރެންސް: އިސްލާމް.ކިއު.އޭ ޑޮޓް އިންފޯ)

