ދީން

އެކި މީހުން ކުރިމަތިލާން ޖެހެނީ އެކި އިމްތިޙާނުތަކާއެވެ. (ފަސްވަނަބައި)

މުޞީބާތްތަކާއި އިމްތިޙާނުތަކުގައިވާ ބައެއް “މުހިންމު” ފައިދާތަކުގެ ތެރެއިން:-

  1. މުޞީބާތުގެ ފައިދާއަށްޓަކައި އުފާކުރުން

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ ‏”‏ الأَنْبِيَاءُ ‏”‏ ‏.‏ قُلْتُ يَا رَسُولَ اللَّهِ ثُمَّ مَنْ قَالَ ‏”‏ ثُمَّ الصَّالِحُونَ إِنْ كَانَ أَحَدُهُمْ لَيُبْتَلَى بِالْفَقْرِ حَتَّى مَا يَجِدُ أَحَدُهُمْ إِلاَّ الْعَبَاءَةَ يُحَوِّيهَا وَإِنْ كَانَ أَحَدُهُمْ لَيَفْرَحُ بِالْبَلاَءِ كَمَا يَفْرَحُ أَحَدُكُمْ بِالرَّخَاءِ ‏”‏ ‏(ސުނަނު އިބްނު މާޖާ 4024)

މާނައީ: އަބޫ ސަޢީދު އަލްޚުދުރީގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! މީސްތަކުންގެ ތެރެއިން ބަލާއާއި މުޞީބާތް އެންމެބޮޑަށް ކުރިމަތިވަނީ ކޮންބަޔަކަށްތޯއެވެ؟” ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “ނަބީ ބޭކަލުންނަށެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. “ދެން ކޮންބަޔަކަށްތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއަށްފަހު، ޞާލިޙުންނެވެ. އެބައިމީހުންގެ ތެރެއިން މީހަކު ލާނެ ފޭރާމެއް މެނުވީ ނުވާ ދަރަޖައަށް ފަޤީރުކަމުން އިމްތިޙާނު ކުރެވެއެވެ. އަދި ތިޔަބައިމީހުން ތަނަވަސްކަމާއި ފާގަތިކަމާމެދު އުފާ ކުރާ ފަދައިން އެބައިމީހުންގެ މީހަކު ބަލާއާއި މުޞީބާތްތަކާމެދު އުފާ ކުރެއެވެ.”

އެބައިމީހުން އުފާކުރީ މުޞީބާތުގެ ބޮޑުކަމާއި ހިތިކަމަށްޓަކައި ނޫނެވެ. އެހެނެއްކަމަކު އެބައިމީހުން އުފާކުރީ، އެކަމެއްގެ މޭވާއާއި ފައިދާއަށްޓަކައެވެ. ބަލިމީހާ އޭނާގެ ބައްޔަށް ލިއްބައިދޭ ހިތި ބޭސްތައް ބޯހިނދު އުފާކުރާ ފަދައިންނެވެ.

  • މުޞީބާތުގެ ސަބަބުން ލިބޭ ފައިދާތަކަށް ޝުކުރުވެރިވުން

ބަލިމީހާ އޭނާގެ ގުނަވަންތައް ބުރިކުރާ ޑޮކްޓަރަށް ޝުކުރުވެރިވާ ފަދައިންނެވެ. އެ ގުނަވަންތައް ބުރިކުރުމުގެ ސަބަބުން އޭނާގެ ޝަހުވަތްތަކުން (އެދޭ އެދުންތަކުން) މަނާވެއެވެ. އެހެނެއްކަމަކު، އޭނާއަށް ޝިފާ ލިބެއެވެ.

  • މުޞީބާތްތަކާއި އިމްތިޙާނުގެ ސަބަބުން ފާފަތައް ފޮހެވުން

ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ޝޫރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ‎﴿٣٠﴾‏ މާނައީ ” ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.” ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. أَنَّ عَائِشَةَ ـ رضى الله عنها ـ زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَا مِنْ مُصِيبَةٍ تُصِيبُ الْمُسْلِمَ إِلاَّ كَفَّرَ اللَّهُ بِهَا عَنْهُ، حَتَّى الشَّوْكَةِ يُشَاكُهَا ‏”‏‏.‏

މާނައީ ” ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ. ” އެކަމެއްގެ ސަބަބުން، މާތް ﷲ އެމީހެއްގެ ފާފަތައް ފުއްސަވާ ޙާލުގައި މެނުވީ، މުސްލިމަކަށް މުޞީބާތެއް ކުރިމަތިނުވެއެވެ. އެއީ، އޭނާގެ ގަޔަށް ހެރޭ ކައްޓެއްކަމުގައި ވިޔަސް މެއެވެ.”

(ޞަޙީޙުލް ބުޚާރީ – 5640)

(ނުނިމޭ)

މި ލިޔުމުގެ އެހެން ބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close