ދީން

ދުނިޔޭގެ އިޤްތިޞާދީ ކާރިސާތަކުގެ އަޞްލަކީ ރިބާ: ޚުތުބާ

ދުނިޔެއަށް ކުރިމަތިވެފައިވާ ގިނަ އިޤްތިޞާދީ ކާރިސާތަކުގެ މައިގަނޑު ސަބަބަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ރިބާގެ ނުރައްކާތެރި ވަބާކަމަށާއި، ރިބާގެ ސަބަބުން މުޖުތަމަޢުގެ އިޤްތިޞާދީ ޢަދުލުވެރިކަން ނެތިގެންދާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ޙަލާލުގޮތުގައި މާލީ މުޢާމަލާތްތައް ކުރުން” މި މައުޟޫއަށް ދެވުނު ޚުތުބާގައި، ރިބާއިން ސަލާމަތްވެ، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް މާލީ މުޢާމަލާތުތައް ބައްޓަންކުރުމަށް ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނެފައިވާ ގޮތުގައި، ރިބާގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން މަދު ބައެއްގެ އަތްމައްޗަށް ޖަމާވެ، މުޅި މުޖުތަމަޢުއަށް ލިބެންޖެހޭ ފައިދާތައް ގެއްލިގެންދެއެވެ. އިސްލާމްދީނުގައި އަޅުކަންތަކަށް އިސްކަންދޭ ފަދައިން، މީސްތަކުންގެ މެދުގައި ކުރެވޭ މާލީ މުޢާމަލާތުތައް ވެސް ޝަރީޢަތާ އެއްގޮތްވުމަކީ ކޮންމެހެން މުހިންމުކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

ރިބާގެ ނުރައްކާތެރިކަން ބަޔާންކުރައްވަމުން، އެއީ ﷲ ތަޢާލާ ޙަރާމްކުރައްވައިފައިވާ، ހަލާކުކުރަނިވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ކަމެއްކަން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ އަލީގައި ހަނދާންކޮށްދިނެވެ. އަދި ރިބާ ކާމީހާގެ އިތުރުން، އެ މުޢާމަލާތުގައި ބައިވެރިވާ، ރިބާ ދޭ މީހާއާއި، އެކަމުގެ ލިޔެކިޔުންތައް ތައްޔާރުކުރާ މީހާއާއި، އެކަމަށް ހެކިވާ މީހުންނަށް ވެސް ﷲ ގެ ލަޢުނަތް ހުރިކަމަށް އިންޒާރުކުރައްވާފައިވާކަން ބަޔާންކުރިއެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، ރިބާއަކީ މުދަލުގެ ބަރަކާތް ކަނޑުވާލައި، ދިރިއުޅުމަށް ނުތަނަވަސްކަން ގެނުވާ ކަމެކެވެ. “ރިބާ ކާމީހުންނަށް ﷲ އާއި އެކަލާނގެ ރަސޫލާގެ ފަރާތުން ހަނގުރާމަ އިޢުލާންވެގެންވާކަން” ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެނގޭކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

މިކަމުގެ ޙައްލެއްގެ ގޮތުގައި، މިއަދު ދިވެހިރާއްޖެއާއި މުޅި ދުނިޔޭގައި އިސްލާމީ އުޞޫލުން މާލީ ޚިދުމަތްދޭ ބޭންކުތަކާއި ތަކާފުލްގެ ޚިދުމަތްދޭ ކުންފުނިތައް ޤާއިމުވެފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި އިނގިރޭސިވިލާތާއި ޔޫރަޕުގެ ޤައުމުތައް ހިމެނޭ ގޮތަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މާލީ މުއައްސަސާތައް ކާމިޔާބުކަމާއެކު ހިނގަމުންދާކަން ބަޔާންކުރިއެވެ.

ޚުތުބާ ނިންމަވާލައްވަމުން، ކެއިންބުއިމުގައި ޙަލާލު ތަކެއްޗަށް ސަމާލުކަންދޭ ފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދި ފައިސާއަށް ހެދުމަށާއި، ރިބާގެ އެންމެހައި މުޢާމަލާތްތަކުން ދުރުވެ، މުޅި އިޤްތިޞާދީ ނިޒާމު މި ވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close