ﷲ ތަޢާލާ ތިމަންނަގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ހިތު އަޅައިގެން ޤަސްތުގައި ފާފާ ނުކުރާށެވެ. (އަށްވަނަބައި)
ތައުބާ ވާ ހިނދު އަލުން އެކަން ނުކުރަން ތެދު ޢަޒުމެއް ކަނޑައަޅާފައި، ހަވާނަފްސަށް ނުވަތަ އިބިލީހުގެ ވަސްވާހަށް، ހެއްލުމުގެ ސަބަބުން އަނެއްކާވެސް ހަމަ އެ ފާފަ ކުރެވުމަކީ ވެދާނެ ކަމެކެވެ. މަސްތުވާތަކެތި ބޭނުން ކުރުމުން ތައުބާވެފައި، އަލުން މަސްތުވާތަކެއްޗަށް އެނބުރި އާދެވޭފަހަރު ފަހަރު އާދެއެވެ. ދެ ޖިންސުގެ ދެމެދުގައި ބޭއްވޭ އެކި ދަރަޖަ ދަރަޖައިގެ ހުއްދަ ނޫން ގުޅުންތަކުން، ތައުބާވެފައި އަލުން ހަމަ އެކަމަށް އާދެވޭފަހަރު އާދެއެވެ. މަންމަ ކުރިމަތީ ހަރު އަޑުން ވާހަކަ ދެއްކުމުން ތައުބާވެފައި، އަންނަ ރުޅިއެއްގައި އަޑުހަރުކޮށް ވާހަކަ ދެއްކޭފަހަރު އާދެއެވެ. މަގުމަތިން ދާ އަންހެން ކުދިންނާ ނުބެހޭނަމޭ ކިޔާފައި ހަމަ ކުރީގެ ނުބައި އާދައަށް ރުޖޫޢަވެވޭފަހަރު ވެސް އާދެއެވެ. ސިއްރުއާދަ (އަމިއްލައަށް ޖިންސީ އެދުން ފުއްދުން) އާ ދުރުވާނަމޭ ބުނެ ޢަޒުމް ކަނޑައެޅުމަށް ފަހު އަނެއްކަ އެކަން ކުރެވެއެވެ.
ކަން މިހެން އޮތް އިރު، ތައުބާވެފައި އޮތް ކަމެއް ފަހުން ކުރެވުނަސް، ދެވަނަ ފަހަރަށް ތައުބާ ނުވެވޭނެއޭ ހިތުމަކީ، އިބިލީހުގެ ވަސްވާހުން ވާކަމެކެވެ. އެއީ އިންސާނުންގެ ހިތުގައި މާޔޫސްކަން އުފައްދައި ތައުބާ ވުމާ މީހާ ދުރުކޮށް، މަޑުމަޑުން ދީނާއި ދުރަށް ގެންގޮސް އެއްކޮށް މަގުފުރައްދަން ޝައިޠާނާ ކުރާ ކަމެކެވެ.
އެއްފަހަރު، ދެފަހަރު، ތިންފަހަރު، ކީއްކުރަން ސަތޭކަފަހަރުވެސް ފާފައަކުން ތައުބާ ވެވިދާނެއެވެ. އަދި ﷲ އެ ތައުބާ ޤަބޫލު ކުރައްވާނެއެވެ. މުހިއްމު ކަމަކީ އަހަރެމެންގެ ހިތުގައި ވަންހަނާ ކޮށްފައިވާ ހުރިހާ ކަމެއްވެސް ﷲ ދެނެވިޑިގަންނަވާކަން ހަނދާން ބަހައްޓައި، ތައުބާ ވާ ހިނދު ތެދު ނިޔަތަކުން ތައުބާވުމެވެ. ހަވާނަފްސުގެ ފިއްތުން ތަކުގެ ސަބަބުން އެ ފާފަ އަލުން ކުރެވުނީމާ، އަނެއްކާ ތައުބާ ވެ، ކުރީފަހަރަށް ވުރެ ވަރުގަދަ ޢަޒުމެއް، ކަނޑައަޅާނީއެވެ.
އައްޒުމަރް ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: (قُلْ يَا عِبَادِي الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ) މާނައަކީ: ”ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތާމެދު އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.“
ޔޫސުފް ސޫރަތުގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: (وَلا تَيْئَسُوا مِنْ رَوْحِ اللَّهِ إِنَّهُ لا يَيْئَسُ مِنْ رَوْحِ اللَّهِ إِلاَّ الْقَوْمُ الكَافِرُونَ) މާނައަކީ: “ އަދި މާތް ﷲ ގެ ރަހްމަތްފުޅާ މެދު އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ކާފިރުވީ މީހުން ނޫނީ، މާތް ﷲ ގެ ރަޙްމަތް ފުޅާ މެދު ކަނޑާ ނުލާނެއެވެ.“
ފާފަ ކޮށްފައި ތައުބާވެފައި އަނެއްކާ ފާފާ ކުރެވިފައި އަނެއްކާ ތައުބާ ވާ މީހުންގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭނެ ހަދީޘެއް މިތާނގައި ގެންނާނަމެވެ. ޞަޙީޙް މުސްލިމްގެ “ތައުބާ“ ބާބުގެ “ތައުބާ އަދި ފާފަ ތަކުރާރުވިޔަސް ތައުބާ ޤަބޫލު ކުރެއްވުން“ މި ބައިގައި އޮންނަ ޙަދީޘެއް ގައި އޮވެއެވެ.
عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيمَا يَحْكِي عَنْ رَبِّهِ عَزَّ وَجَلَّ قَالَ أَذْنَبَ عَبْدٌ ذَنْبًا فَقَالَ اللَّهُمَّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى أَذْنَبَ عَبْدِي ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ ثُمَّ عَادَ فَأَذْنَبَ فَقَالَ أَيْ رَبِّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى عَبْدِي أَذْنَبَ ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ ثُمَّ عَادَ فَأَذْنَبَ فَقَالَ أَيْ رَبِّ اغْفِرْ لِي ذَنْبِي فَقَالَ تَبَارَكَ وَتَعَالَى أَذْنَبَ عَبْدِي ذَنْبًا فَعَلِمَ أَنَّ لَهُ رَبًّا يَغْفِرُ الذَّنْبَ وَيَأْخُذُ بِالذَّنْبِ اعْمَلْ مَا شِئْتَ فَقَدْ غَفَرْتُ لَكَ قَالَ عَبْدُ الْأَعْلَى لَا أَدْرِي أَقَالَ فِي الثَّالِثَةِ أَوْ الرَّابِعَةِ اعْمَلْ مَا شِئْتَ )މާނައަކީ: ”އަބޫހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ކީރިތިވަންތަ މަތިވެރިވެވޮޑިގެންވާ މާތް ރަސްކަލާނގެ ވަޙީ ކުރެއްވި ކަމަށް ޙަދީޘް ކުރެއްވިއެވެ. “ ﷲ ވަޙީ ކުރެއްވިއެވެ. އަޅަކު ފާފައެއް ކުރުމަށް ފަހު ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. ދެން އަނެއްކާ ފާފައެއް ކޮށްފައި އޭނާ ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! ދެން އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. ދެން އަނެއްކާ ފާފައެއް ކޮށްފައި އޭނާ ބުނެފިއެވެ. އޭ ﷲ އެވެ. އަހަރެންގެ ފާފާ ފުއްސަވައި ދެއްވާފާނދޭވެ! ދެން އެ ހިނދު ކީރިތިވަންތަ ﷲ ވަޙީ ކުރެއްވިއެވެ. އަހަރެންގެ އަޅާ ފާފައެއް ކޮށްފައި، އަދި އޭނާގެ ފާފަ ފުއްސަވާ ދެއްވައި، އަދި (ނުވަތަ) އެ ފާފައަށް ޢަޛާބު ދެއްވާ ކަލަކު ވޮޑިގަންނަވާކަން ހަނދާންކޮށްފިއެވެ. އޭ އަޅާއެވެ. ކަލޭ ބޭނުން ކަމެއް ކުރާށެވެ. ތިމަންރަސްކަލާނގެ ކަލޭގެ ފާފަ ފުއްސަވައި ދެއްވައިމީމެވެ.“
ﷲ އަކީ، ފާފަ ފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެއަކީ އަޅުތަކުންގެ ބޭރުފުށުގެ ޢަމަލުތަކާއި ހިތުގައި ފޮރުވިފައިވާ ކަންތައްތައްވެސް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ވީމާ، ކުޅޭ ކުޅޭ ކަމަކަށް ހަދައިގެން އިޚްލާޞްތެރި ކަމެއް ނެތި ތައުބާ ވާ ކަމަށް ހެދުމަކީ ވަރަށް ވެސް ނުބައިކަން ބޮޑު ކަމެކެވެ.
(ނޯޓް: މިބައިގައި ގެނެސްދީފައި މިވަނީ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއް ލަޠީފް ލިޔުއްވާފައިވާ އާރޓިކަލުން ނަކަލް ކުރެވިފައިވާ ބައެކެވެ.)
(ނުނިމޭ)
މި ލިޔުމުގެ ފުރަތަމަބައި ކިޔާލުމަށް
މި ލިޔުމުގެ ދެވަނަބައި ކިޔާލުމަށް
މި ލިޔުމުގެ ތިންވަނަބައި ކިޔާލުމަށް
މި ލިޔުމުގެ ހަތަރުވަނަބައި ކިޔާލުމަށް
މި ލިޔުމުގެ ފަސްވަނަބައި ކިޔާލުމަށް

