ﷲ ތަޢާލާ ތިމަންނަގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ހިތު އަޅައިގެން ޤަސްތުގައި ފާފާ ނުކުރާށެވެ. (ހަތަރުވަނަބައި)
ތިމަންނާ ހިތު ހުރިހާގޮތަކަށް އުޅެ، ފަހުން އިސްލާޙުވާނީއޭ ބުނެ އަދި ގަސްތުގައި ފާފަތައް ކުރަމުންދާ އަޚުންނާއި އުޚުތުން ވިސްނާލަންޖެހޭ ކަންތައްތަކެއް ވެއެވެ. އެއީ، ފަހުން އިސްލާޙުވާން ތިމާއަށް ފުރުޞަތު ލިބިދާނެ ބާވައެވެ. މަރު އަންނަނީ ތިބާއަށް އެނގިގެން ހެއްޔެވެ. މަރު އަންނާނެ ވަގުތެއް، އަންނަނީ ކިހިނެތްކަމެއް ޚުދު އެކަކަށްވެސް ނޭންގެޔެވެ. އެހެންކަމުން މިއަދު ގަސްތުގައި ފާފަކޮށް މާދަމާ ތައުބާވާން ތިބާއަށް ފުރުޞަތު ނުލިބުން ގާތެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި އަޅުތަކުންނަށް ކުރެވޭ ފާފަތައް ފުއްސަވައިދެއްވާނެކަން އެތައް އެތައް ތަނެއްގައި ބަޔާންކުރައްވާފައިވެއެވެ. އެހެނަސް، ތިރީގައި މިބަޔާންކުރާ އާޔަތްތަކަކީވެސް އެ އާޔަތްތަކާއިމެދު ވަރަށްބޮޑަށް ވިސްނާ، ފިކުރު ހިންގާ، ސަމާލުވާންޖެހޭ އާޔަތްތަކެކެވެ.
ﷲ ތަޢާލާ ފުއްސަވާނީ އެ އިލާހު އިރާދަކުރެއްވި އަޅެއްގެ ފާފަކަން އެނގިގަތުން:-
ﷲ ތަޢާލާ ފުއްސަވާނީ އެ އިލާހު އިރާދަކުރެއްވި އަޅެއްގެ ފާފަކަން އެނގިގަންނަން ޖެހެއެވެ. އެހެނީ އިންސާނާ ކުށަށް ތައުބާވުމުން ﷲ އިރާދަކުރައްވައިފިނަމަ ތައުބާ ގަބޫލު ކުރައްވައެވެ. އަދި އިރާދަ ނުކުރައްވައިފިނަމަ ތައުބާ ގަބޫލު ނުކުރައްވައެވެ. ތައުބާ ގަބޫލު ކުރެއްވުމަކީ ﷲ އަށް ވާޖިބު ކަމެއް ނޫނެވެ. ﷲ އަކީ އިންސާނުން އުފައްދަވާ އިންސާނުންނަށް ރިޒްޤު ދެއްވާ އެންމެހައި ނިޢްމަތްތައް އިންސާނުންނަށް ދެއްވި ފަރާތްކަމަށްވީ ހިނދު، އެއިލާހުގެ މައްޗަށް އެއްވެސް ކަމެއް ވާޖިބުވެގެން ނުވެއެވެ.
ނަޙްލު ސޫރަތުގެ 119 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا السُّوءَ بِجَهَالَةٍ ثُمَّ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ ﴿١١٩﴾
މާނައީ ” ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ފާފަފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށްފަހު توبة ވެ، إصلاح ވެގަތް ބަޔަކަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަންތަކަށްފަހުވެސް، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. “
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 284 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
لِّلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّهُ ۖ فَيَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٨٤﴾
މާނައީ ” އުޑުތަކުގައިވާހާ އެއްޗަކާއި، ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. ތިޔަބައިމީހުންގެ نفس ތަކުގައިވާ އެއްޗެއް، ތިޔަބައިމީހުން ފާޅުކުޅަޔަސް، ނުވަތަ އެކަން ތިޔަބައިމީހުން ސިއްރު ކުޅަޔަސް އެކަމާމެދު، اللَّه، ތިޔަބައިމީހުންނާ (سؤال ކުރައްވައި) حساب ބައްލަވާނެއެވެ. ދެން، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވާނެއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވާނެއެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. “
އަދި އާލްޢިމްރާން ސޫރަތުގެ 129 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ يَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۚ وَاللَّهُ غَفُورٌ رَّحِيمٌ ﴿١٢٩﴾
މާނައީ ” އުޑުތަކާއި، ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. “
އަދި ހަމަ އެހެންމެ ނިސާއު ސޫރަތުގެ 48 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا ﴿٤٨﴾
މާނައީ ” ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ. “
އަދި ހަމަ އެސޫރަތުގެ (އެބަހީ ނިސާއު) ސޫރަތުގެ 116 ވަނަ އާޔަތުގައިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا ﴿١١٦﴾
މާނައީ ” ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ. “
ސޫރަތުލް މާއިދާގެ 18 ވަނަ އާޔަތުގަ އާއި 40 ވަނަ އާޔަތުގައިވެސް މިވާހަކަ ﷲ ތަޢާލާ ބަޔާން ކުރައްވާފައިވެއެވެ.
وَقَالَتِ الْيَهُودُ وَالنَّصَارَىٰ نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۚ وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ الْمَصِيرُ ﴿١٨﴾
މާނައީ ” يهودى ންނާއި، نصارى އިން ބުނެފޫއެވެ. ތިމަންމެންނީ، اللَّه ގެ ދަރިންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ عذاب ދެއްވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، އެކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވާ މީހުންނެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. އަދި އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަން ملك ވެގެންވަނީ اللَّه އަށެވެ. އަދި ނިމިދިއުންވަނީވެސް އެކަލާނގެ حضرة އަށެވެ. “
أَلَمْ تَعْلَمْ أَنَّ اللَّهَ لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُعَذِّبُ مَن يَشَاءُ وَيَغْفِرُ لِمَن يَشَاءُ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٤٠﴾
މާނައީ ” ހަމަކަށަވަރުން، އުޑުތަކާއި، ބިމުގެ ވެރިކަން اللَّه އަށް މިލްކުވެގެންވާކަން ތިބާ ނުދަންނަމުހެއްޔެވެ؟ އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ عذاب ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ ފާފަފުއްސަވަތެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. “
އަދި ހަމަ އެހެންމެ ތައުބާ ސޫރަތުގެ 27 ވަނަ އާޔަތުގައިވެސް ﷲ ތަޢާލާ އެކަން ބަޔާންކުރައްވާފައިވެއެވެ.
ثُمَّ يَتُوبُ اللَّهُ مِن بَعْدِ ذَٰلِكَ عَلَىٰ مَن يَشَاءُ ۗ وَاللَّهُ غَفُورٌ رَّحِيمٌ ﴿٢٧﴾
މާނައީ ” ދެން އޭގެފަހުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް توبة ލައްވަތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. “
(ނުނިމޭ)
މި ލިޔުމުގެ ފުރަތަމަބައި ކިޔާލުމަށް
