ދީން

ﷲ ތަޢާލާ ތިމަންނަގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ހިތު އަޅައިގެން ޤަސްތުގައި ފާފާ ނުކުރާށެވެ. (ތިންވަނަބައި)

ފާފަކުރެވުމާއި ފާފަކުރުމާއި ވަރަށް ތަފާތެވެ. އިންސާނަކަށް ނޭންގި ފާފަ ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނަސް ގަސްތުގައި ފާފަ ކުރުމަކީ “ނޭންގި” ކުރެވުމާއި އެތައްގޮތަކުން ތަފާތު ކަމެކެވެ. ތިމަންނާއަށް މިކުރެވެނީ ފާފައެއްކަމާއި ތިމަންނަ މި ފާފަ ކުރިޔަސް ﷲ ތަޢާލާ ފުއްސަވާނެކަމާއި އެހެންވީމާ، މިފާފަ ކުރުމަކުން މައްސަލައެއް ނެތްކަމަށް ދެކިގަތުމަކީ އަދި ބޮޑުވެގެންވާ ނުބައެކެވެ.

ފާފަ ކުރުމަކީ އެތައް ގޮތަކުން އިންސާނާއަށް އެކަމުގެ ގެއްލުން ލބިގެންދާނެކަމެކެވެ. އޭގެތެރޭގައި ބައެއް ކަންކަން ކުރުމަކީ އޭނާއަށް ދަތި އުނދަގޫކަމަށް ވެގެން ދާނެއެވެ. ކުރެވޭ ނުބައި ޢަމަލުތަކުގެ ސަބަބުން އެމީހެއްގެ މޫނުމަތީގެ ތާޒާކަން ގެއްލި އޭނާގެ ހިތަށް އަނދިރިކަން ވަދެގެންދާނެއެވެ.

ޢަބްދުﷲ އިބްނު ޢައްބާސް ވިދާޅުވިކަމަށް އައިސްފައިވެއެވެ. ” ރަނގަޅު ހެޔޮޢަމަލުތަކުގެ ސަބަބުން މީހާގެ މޫނުމައްޗަށް އުޖާލާކަން ވެރިވެއެވެ. އަދި އޭނާގެ ހިތަށް އަލިކަން ވަދެގެންދެއެވެ. އެކަމުގެ ސަބަބުން އޭނާއަށް އެކިއެކިގޮތްގޮތުން ފަސޭހަކަން ލިބިގެންދެއެވެ. އަދި އެހެންމީހުންގެ ހިތުގައި އޭނާއަށްޓަކައި ލޯބި އުފެދިގެންދެއެވެ. އަދި ނުބައި ޢަމަލުގެ ސަބަބުން މީހާގެ މޫނުމަތީގެ އުޖާލާކަން ގެއްލިގެން ދެއެވެ. އަދި އޭނާގެ ހިތަށް ކަޅު އަނދިރިކަން ވަދެގެންދެއެވެ. އަދި ހުރިހާ ގޮތަކުންވެސް އޭނާއަށް ދަތި އުނދަގޫކަން އިޙުސާސްވެއެވެ. އަދި މީހުންގެ ހިތްތަކުގައި އޭނާއަށްޓަކައި ނަފްރަތްތެރިކަން އުފެދިގެންދެއެވެ.”

މުސްލިމަކު ފާފައެއްކުރާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ކަޅުކުލައިގެ ލަފެއް ޖެހެއެވެ. އަންނަނިވި ޙަދީޘުން އެކަން ދޭހަވެގެންދެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

 ‏”‏ إِنَّ الْمُؤْمِنَ إِذَا أَذْنَبَ كَانَتْ نُكْتَةٌ سَوْدَاءُ فِي قَلْبِهِ فَإِنْ تَابَ وَنَزَعَ وَاسْتَغْفَرَ صُقِلَ قَلْبُهُ فَإِنْ زَادَ زَادَتْ فَذَلِكَ الرَّانُ الَّذِي ذَكَرَهُ اللَّهُ فِي كِتَابِهِ ‏{كَلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ}‏ ‏”‏ ‏.‏

މާނައީ ” މުއުމިނަކު ފާފައެއްކޮށްފިނަމަ، އޭނާގެ ހިތުގައި ކަޅުކުލައިގެ ލަފެއް ޖެހެއެވެ. އެހެނަސް، އޭނާ ތައުބާވެ، އެކުރި ފާފަދޫކޮށްލާ އަދި ފުއްސެވުމަށްއެދި ދުޢާކޮށްފިނަމަ އޭނާގެ ހިތުގައި ޖެހުނު ލައް ފޮހެވިގެންދާނެއެވެ. އެހެނެއްކަމަކު، އޭނާ އެފާފަ ކުރުމުގައި ދެމިހުރެއްޖެނަމަ، ފާފަކުރާ ކޮންމެ ފަހަރަކު ހިތުގައި ލައްތައް ޖެހި އިތުރުވެގެންދާނެއެވެ. ﷲ ތަޢާލާ ޤުރްއާނުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ. ”  ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ. ” (ބައްލަވާ: ސުނަނު އިބްނު މާޖާ 4244)

ޤަސްތުގައި ފާފަކުރާ މީހުންނާއި ބެހޭގޮތުން އައިސްފައިވާ ބައެއް ޤުރްއާނުގެ ބައެއް އާޔަތްތައް:

މިކުރެވެނީ ފާފައެއްކަން އެނގިހުރެ، ފާފަކުރާ މީހުންނާއި ބެހޭގޮތުން ﷲ ތަޢާލާ ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

ނަޙްލު ސޫރަތުގެ 119 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

ثُمَّ إِنَّ رَبَّكَ لِلَّذِينَ عَمِلُوا السُّوءَ بِجَهَالَةٍ ثُمَّ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ ‎﴿١١٩﴾

މާނައީ ” ދެން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (ފާފަފުއްސެވުން) ވަނީ، ނޭނގިތިބެގެން، ނުބައިކަންތައްކޮށް، ދެން އެއަށްފަހު توبة ވެ، إصلاح ވެގަތް ބަޔަކަށެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެކަންތަކަށްފަހުވެސް، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. “

މިއާޔަތުން ދޭހަވެގެންދަނީ، ﷲ ތަޢާލާ ފުއްސެވުންވަނީ ނޭންގިތިބެ ފާފަކުރެވި ދެން އެއަށްފަހު ތައުބާވެ އެމީހެއްގެ ޢަމަލުތައް އިޞްލާޙު ކުރި މީހުންގެ ފާފައެކެވެ. ހަމަ އެހެންމެ، މި ބަޔާންކުރާ އާޔަތުގައިވެސް ވަނީ އެފަދައިންނެވެ.

އަޙްޒާބު ސޫރަތުގެ 5 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَّحِيمًا ‎﴿٥﴾‏

މާނައީ ” އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. “

މިކުރެވެނީ ފާފައެއްކަން އެނގިހުރެ އެފާފައެއް ކުރާ މީހާ އޭނާ އެކަން ލިބިގަންފިއެވެ. އަދި އެކަންވަނީ އޭނާގެ އަމިއްލަ ނަފްސަށެވެ.

ނިސާއު ސޫރަތުގެ 111 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا ‎﴿١١١﴾‏

މާނައީ ” އަދި، ފާފައެއް ލިބިގަންނަމީހާ، އެކަން އެ ލިބިގަންނަނީ، ހަމަ އެމީހާގެ އަމިއްލަ نفس ގެ މައްޗަށްކަން ކަށަވަރެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. “

ފާފަތައް ހޯދައިގަންނަ މީހުންނަށް ﷲ ތަޢާލާ ޖަޒާ ދެއްވާނެކަންވަނީ އަންގަވާފައެވެ. ކީރިތި ޤުރްއާނުގެ އަންފާލު ސޫރަތުގެ 120 ވަނަ އާޔަތުގައި ﷲ ތަޢާލާ އަންގަވާފައިވަނީ މިފަދައިންނެވެ.

 وَذَرُوا ظَاهِرَ الْإِثْمِ وَبَاطِنَهُ ۚ إِنَّ الَّذِينَ يَكْسِبُونَ الْإِثْمَ سَيُجْزَوْنَ بِمَا كَانُوا يَقْتَرِفُونَ ‎﴿١٢٠﴾‏

މާނައީ ” ތިޔަބައިމީހުން، ބޭރުފުށުގެ ފާފަޔާއި، އެތެރެފުށުގެ ފާފަދޫކޮށްލާށެވެ! ހަމަކަށަވަރުން، ފާފަތައް ހޯދައިގަންނަ މީހުންނަށް، އެއުރެން ކޮށްއުޅުނު ފާފަތަކުގެ ސަބަބުން ޖަޒާ ލިބޭނެތެވެ. “

އަދި ފާފަ ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުންނާއި ބެހޭގޮތުން ﷲ ތަޢާލާ ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ‎﴿١٩﴾‏

މާނައީ ” ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ. “

ތިމާ ކުރާ ފާފައަށް ވަޤުތުން ޢުޤޫބާތް ނައުމަކީ ތިބާ ފާފަކުރަން އޮތް ޢުޛުރެއް ނޫނެވެ. އެފަދައިން އެކަންވުމަކީ އެއީ ﷲ ތަޢާލާ ތިބާ އިޞްލާޙުވުމަށް ދެއްވާ ފުރުޞަތެއްކަމަށް ވިސްނާށެވެ. ފާފަކުރާ ކޮންމެ ފަހަރަކު ﷲ ތަޢާލާ ޢުޤޫބާތް ދެއްވާނަމަ މި ބިމުގައި ހިނގާބިގާވެ އުޅޭ އެއްވެއް އެއްޗެއް ނުވީސްކަން ބަޔާން ކުރައްވާ ﷲ ތަޢާލާ ފާޠިރު ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِمَا كَسَبُوا مَا تَرَكَ عَلَىٰ ظَهْرِهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ فَإِنَّ اللَّهَ كَانَ بِعِبَادِهِ بَصِيرًا ‎﴿٤٥﴾‏

މާނައީ ” މީސްތަކުން ހޯދައިގަތް ފާފަތަކުގެ ސަބަބުން، اللَّه، އެއުރެންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާއުޅޭ އެއްވެސް ދިރޭ އެއްޗެއް އެ ބިންމަތީގައި ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައަޅުއްވާފައިވާ މުއްދަތަކަށް އެކަލާނގެ އެއުރެން ފަސްކުރައްވަތެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، (އެއުރެންނަށް ޖަޒާ ދެއްވާނެތެވެ.) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންނަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ. “

ސޫރަތުއް ނިސާ ގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ): وَلَيْسَتْ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمْ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَئِكَ أَعْتَدْنَا لَهُمْ عَذَاباً أَلِيماً(

މާނައަކީ: ”ނުބައިކަންތައްތައް ކުރުންމަތީ ދެމިތިއްބާ މަރު އައިސް ޖެހުމުން، ތިމަން މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް، ތައުބާ ޤަބޫލު ކުރެއްވުމެއް ނެތެވެ. އެބައި މީހުންނަކީ ތިމަން ރަސްކަލާނގެ އެބައި މީހުންނަށްޓަކައި ވޭން ލިބެނިވި ޢަޛާބު ތައްޔާރު ކުރައްވާފައިވާ ބައެކެވެ.“

(ނުނިމޭ)

މި ލިޔުމުގެ ފުރަތަމަބައި ކިޔާލުމަށް

މި ލިޔުމުގެ ދެވަނަބައި ކިޔާލުމަށް

މިވެސް ބަލާ
Close