ދީން

ﷲ ތަޢާލާ ތިމަންނަގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ހިތު އަޅައިގެން ޤަސްތުގައި ފާފާ ނުކުރާށެވެ. (ހަވަނަބައި)

އިޚްލާޞްތެރި ތައުބާއަކުން ތައުބާވާ މީހާގެ ފާފަ ﷲ ތަޢާލާ ފުއްސެވުން:-

ﷲ ތަޢާލާ ފުއްސަވަނީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވެފައިވާ މީހުންގެ ފާފައެވެ. ﷲ ތަޢާލާ އެއީ ހުރިހާ ފާފައެއްވެސް ފުއްސަވާ އިލާހޭ ބުނަމުން ހިތަށް އައިހާ ގޯސްކަމެއް ކުރަމުން ދިޔަޔަކަސް އެއިލާހު ތަޢާލާ ނުފުއްސަވާނެއެވެ. ކުރެވޭ ފާފަ ތަކުރާރުވާނަމަ އަދި ތައުބާ ނުވެވެނީއެވެ. ކުރެވޭ ފާފަ ދޫކޮށްލުމަކީ ނުވަތަ ހުއްޓާލުމަކީ ތައުބާގެ ޝަރުޠެކެވެ. އެހެންކަމަށްވާނަމަ، ﷲ ތަޢާލާ އެއީ ފާފަ ފުއްސަވާ އިލާހޭ ބުނެ ފާފަކުރަމުން އުޅެން ހެޔޮވާނެހެއްޔެވެ.

އިޚްލާޞްތެރި ތައުބާ އަކުން ތައުބާ ވެއްޖެނަމަ އެވެރިންގެ ތައުބާ ގަބޫލުކުރައްވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ﷲ ވަނީ ދެއްވާފައެވެ. ސޫރަތުއް ޝޫރާގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ ﴿٢٥﴾  ) މާނައަކީ: “ އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ކިބައިން توبة قبول ކުރައްވައި، ނުބައިކަންތަކަށް عفو ކުރައްވާ ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެކަލާނގެ ދެނެވޮޑިގެންވެއެވެ.“

ކުށެއް ކުރެވޭ ހިނދު އެކަމަށް ތައުބާ ވުމަކީ މުއިމިނުންގެ މައްޗަށް ވާޖިބެއް ކަމާއި މެދުގައި މުޅި އުއްމަތް އިޖްމާޢުވެއެވެ. ސޫރަތުއް ނޫރުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾  ) މާނައަކީ: ”ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.“

އަހްލުއްސުންނަތު ވަލްޖަމާޢާގެ ބޭފުޅުން ދެކިލައްވާ ގޮތުގައި އެހެން ފާފައަކަށް އަރައިގަތުން މަތީ ދެމިހުރި ނަމަވެސް ވަކި ފާފަޔަކުން ތައުބާވުމަށް ހުރަހެއް ނެތެވެ.

ސޫރަތުއް ތައުބާގެ 104 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَلَمْ يَعْلَمُوا أَنَّ اللَّـهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللَّـهَ هُوَ التَّوَّابُ الرَّحِيمُ ﴿١٠٤﴾  ) މާނައަކީ: “ ހަމަކަށަވަރުން، ﷲ އީ، އެކަލާނގެ އަޅުންގެ ކިބައިން توبة قبول ކުރައްވާ އަދި صدقات قبول ކުރައްވާ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة ލައްވާ، رحيم ވަންތަ ރަސްކަލާނގެކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟“

ސޫރަތުއް ޠާހާގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ ﴿٨٢﴾  ) މާނައަކީ: “ توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ.“

ތައުބާ ވުމުގެ އަސްލު މައިގަނޑު ޝަރުޠުތައް:-

ތައުބާ ވުމުގެ އަސްލު އޮންނަނީ މައިގަނޑު ތިން ޝަރުޠެކެވެ. އެއީ:-

ހ- ފާފަ ކުރުން ހުއްޓާލުން.

ށ- ކުރެވުނު ފާފައާ މެދު ހިތާމަކޮށް ދެރަ ވުން.

ނ- އެ ފާފަ ދެން ދުވަހަކުވެސް ނުކުރަން ޢަޒުމް ކަނޑައެޅުން.

ރ- މީހެއްގެ ޙައްޤެއް މިކަމުގެތެރޭގައި ވާނަމަ ހައްޤު އަދާ ކުރުން ހަތަރުވަނަ ޝަރުޠެއްގެ ގޮތުގައި ބެލެވެއެވެ.

(ނޯޓް: މިބައިގައި ގެނެސްދީފައި މިވަނީ ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއް ލަޠީފް ލިޔުއްވާފައިވާ އާރޓިކަލުން ނަކަލް ކުރެވިފައިވާ ބައެކެވެ.)

(ނުނިމޭ)

މި ލިޔުމުގެ ފުރަތަމަބައި ކިޔާލުމަށް

މި ލިޔުމުގެ ދެވަނަބައި ކިޔާލުމަށް

މި ލިޔުމުގެ ތިންވަނަބައި ކިޔާލުމަށް

މި ލިޔުމުގެ ހަތަރުވަނަބައި ކިޔާލުމަށް

މި ލިޔުމުގެ ފަސްވަނަބައި ކިޔާލުމަށް

މިވެސް ބަލާ
Close