ނިދަން އޮށޯންނަ ހިނދު ހުވަފެނަކަށް އެދި ކުރާންވީ ދުޢާ
❞ ބާބު: ނިދަން އޮށޯންނަ ހިނދު ހުވަފެނަކަށް އެދި ކުރާންވީ ދުޢާ
ޢުރްވަތު ބުނުއް ޒުބައިރު، ޢާއިޝާ رَضِيَ اللَّهُ عَنْهَا އަރިހުން، އެކަމަނާ ނިދިކުރައްވަން ގަސްތުކުރައްވާނަމަ ވިދާޅުވެޔޭ:
« اللَّـهُمَّ إِنِّي أَسْأَلُكَ رُؤْيَا صَالِحَةً، صَادِقَةً غَيْرَ كَاذِبَةٍ، نَـافِعَةً غَيْرَ ضَارَّةٍ »
(ޔާ ﷲ، އަހުރެން އިބަ އިލާހު ޙަޟުރަތުން އެދެނީ ހެޔޮ ހުވަފެނަކަށެވެ. ތެދު އަދި ދޮގުވެރި ނޫނެވެ. މަންފަޢު ކުރަނިވި އަދި ގެއްލުންދެނިވިއެއް ނޫނެވެ.)
އެކަމަނާ މިހެން ވިދާޅުވުމާއިއެކު، ދެން ދުވާލު ވުމާއި ހަމައަށް ނޫނީ ދަންވަރު ހޭލެއްވުމާއި ހަމައަށް އިތުރު އެއްވެސް ވާހަކައެއް ނުދައްކަވާނޭކަން އެބޭފުޅުން ދަނެލައްވައެވެ. ❝
އަލްޢަލްވާން ވިދާޅުވިއެވެ : ”ރިވާކުރެއްވީ އިބްނުއް ސުންނީ ⁽¹⁾، ޞައްޙަ ސަނަދަކުން⁽²⁾ ނެވެ.“
އަލްޚުޟައިރް ވިދާޅުވިއެވެ: “އޭގެ ސަނަދުގައި މައްސަލައެއް ނެތެވެ. އެއީ ޔަޙްޔާ ބުނު އައްޔޫބުލް މިޞްރީ އޭގައި އެކުލެވުމުގެ މައްޗަށެވެ.”
[1] އިބްނުއް ސުންނީ، އެކަލޭގެފާނުގެ “ޢަމަލުލް ޔަޥްމި ވައްލައިލަތި” (2/856) 745 ގައި.
[2] އަލްޙާފިޡް އިބްނު ޙަޖަރުލް ޢަސްޤަލާނީ “ފުތޫޙާތުއް ރައްބާނިއްޔާ” (3/170) ގައި ވިދާޅުވިއެވެ: “ރިވާކުރެއްވީ އިބްނުއް ސުންނީ ދެ ސަނަދަކުންނެވެ. ޢުޤައިލު ބުނު ޢާދިލް އަރިހުން، އިބްނު ޝިހާބުއް ޒުހުރީ އަރިހުން ޢުރުވާ އަރިހުންނެވެ. އެއީ މަޥްޤޫފު، ޞައްޙަ ސަނަދެކެވެ.”
