ޙޫރުލްޢީނުން (ނުވަވަނަބައި) – ޖަންނަތުގެ އަންހެނުންގެ ރީތިކަން (1)
ޖަންނަތުގެ އަހުލުވެރީންގެ އަބަދަށް ދެމިގެންވާ ޒުވާންކަމާއި ރީތިކަން
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَأَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ” يُنَادِي مُنَادٍ إِنَّ لَكُمْ أَنْ تَصِحُّوا فَلاَ تَسْقَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَحْيَوْا فَلاَ تَمُوتُوا أَبَدًا وَإِنَّ لَكُمْ أَنْ تَشِبُّوا فَلاَ تَهْرَمُوا أَبَدًا وَإِنَّ لَكُمْ أَنْ تَنْعَمُوا فَلاَ تَبْتَئِسُوا أَبَدًا ” (رواه مسلم : 2837)
މާނައީ ” އަބޫ ސަޢީދާއި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “(ޖަންނަތުގެ އަހުލުވެރީން ޖަންނަތައް ވަނުމުން) ގޮވާލާ މީހަކު ގޮވާލާނެއެވެ. ” ތިޔަބައިމީހުންވަނީ ހެޔޮ ޞިއްޙަތެއްގައެވެ. ދުވަހަކުވެސް ތިޔަބައިމީހުން ބަލިނުވާ ހުއްޓެވެ. ތިޔަބައިމީހުންނަކީ، އަބަދަށް ދިރިތިބޭނެ، ދުވަހަކުވެސް މަރުނުވާނޭ މީހުންނެވެ. އަދި ތިޔަބައިމީހުންނީ، އަބަދަށް ޒުވާންކަންމަތީގައި ތިބޭނެ، ދުވަހަކުވެސް މުސްކުޅިނުވާނޭ މީހުންނެވެ. އަދި ތިޔަބައިމީހުންނަކީ، އަރާމާއި ނިޢުމަތުގައި އަބަދަށް ތިބޭނެ، ދުވަހަކުވެސް އުނދަގުލަކާއި، ދަތިކަމެއް، ހިތާމައެއް ކުރިމަތިނުވާނެ މީހުންނެވެ.” (ރަވާހު މުސްލިމް: 2837)
ޖަންނަތުގެ އަހުލުވެރީންގެ ތެރެއިން ފިރިހެނުންނާއި އަންހެނުން، ދެބައިމީހުންވެސް އަބަދަށްމެވާނީ ޒުވާންކަން މަތީގައެވެ.
އަލް މިޤްދާދު ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “ވިހެއުމުގެ ތެރޭގައި މަރުވިކަމުގައިވިޔަސް، ނުވަތަ މުސްކުޅިކަމުގެ ސަބަބުން މަރުވިކަމުގައިވިޔަސް، ނުވަތަ އެދޭތެރޭ ޢުމުރެއްގައި މަރުވިކަމުގައިވިޔަސް، އެމީހުން އަލުން ދިރުއްވޭނީ ޢުމުރުން ތިރީސްތިން (33) އަހަރުގެ މީހެއްގެ ގޮތުގައެވެ. ދެންފަހެ، އޭނާއީ ޖަންނަތުގެ އަހުލުވެރިއެއް ކަމުގައިވާނަމަ، އޭނާ ވާހުށީ އާދަމުގެފާނުގެ ޞިފައިގައި، ޔޫސުފްގެފާނުގެ ޞޫރާގައި، އައްޔޫބުގެފާނު ހިތްލިބިގެންވާ މީހެއްގެ ގޮތުގައެވެ.”
[قال المنذري رحمه الله: رواه البيهقي يا سناده حسن – الترغييب: 4/501 – وقال الهيثمي رحمه الله: رواه الطبراني يا سنادين أحدهما حسن – المجمع: 10/334 – وقال البوصري رحمه الله: رواه أبويعلى والبيهقي يا سناده حسن – إتحاف الخيرة المهرة: 10/520]
ޖަންނަތުގެ އަހުލުވެރިންނަކީ ދުވަހަކުވެސް މުސްކުޅިވުމެއް ނެތި، އަބަދަށްމެ (33) އަހަރުގެ މީހުންގެ ގޮތުގައި ތިބޭނެ ބައެކެވެ. މިކަމުގެ ޙިކުމަތަކީ، އެ ޢުމުރަކީ މީހާ ޖިސްމާނީ ގޮތުން ފުރާފުރިހަމަވެ، ހަށިގަނޑުގެ ގުނަވަންތައްވެސް އެއިގެ އެންމެ ފުރިހަމަ މިންގަނޑާއި ބައްޓަން އެކަށައެޅޭނެ ޢުމުރުކަމުގައި ވުމެވެ. އެހެންކަމުން، ޖަންނަތުގެ އުފާތައް އެމީހަކަށް އެންމެ މަތީ ދަރަޖައިގައި، އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭނެއެވެ.
އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ތިމަންކަލޭގެފާނު “އަލްބުރާޤު” (މިޢްރާޖުގެ ރޭގެ ޙާދިސާގައި ސަވާރުވެވުނު އަސްކޮޅު) ދެން، ޙަދީޘްގެ ފަހުބައި ޛިކްރު ކުރެއްވިއެވެ. ……فَإِذَا أَنَا بِيُوسُفَ إِذَا هُوَ قَدْ أُعْطِيَ شَطْرَ الْحُسْنِ މާނައީ ” ދެން ތިމަންކަލޭގެފާނަށް ވަޑައިގެންނެވުނީ ޔޫސުފް ޢަލައިހިއްސަލާމުގެ އަރިހަށެވެ. އަދި އެކަލޭގެފާނަށް ހުރިހަ ރީތިކަމެއްގެ ދެބައިކުޅަ އެއްބައި ލިބިގެންވެއެވެ.” (ބައްލަވާ މުސްލިމް 162a)
މި ދެޙަދީޘް އެއްކޮށްލުމުން، އަހަރެމެންނަށް ހާމަވަނީ، ޖަންނަތުގެ ކޮންމެ އަންހެނަކަށްވެސް، އަދި ކޮންމެ ފިރިހެނަކަށްވެސް ދުނިޔޭގެ މީހުންގެ ހުރިހައި ރީތިކަމެއްގެ ދެބައިކުޅަ އެއްބައި ލިބިގެންވާކަމެވެ. މިއީ ޖަންނަތުގެ އަހުލުވެރީންގެ ރީތިކަމުގެ އެންމެ ކުޑަ މިންވަރެވެ. އެހެނީ، އެމީހުންނަކީ، އަބަދަށްމެ ރީތިކަން އިތުރުވަމުންދާނެ ބައެކެވެ.
(ނުނިމޭ)

