ﷲ މަތިން ގިނަގިނައިން ޛިކުރު ކުރާ މީހުންނަށްހުރި އުފާވެރި ޚަބަރުތައް
ﷲ ތަޢާލާ މަތިން ޛިކުރު ކުރުމަކީ ހިތްތަކުގެ ދިރުމެކެވެ. ލޯތަކަށްވާ ފިނިކަމެކެވެ. ނަފްޞުތައް ޠާހިރުކޮށްދޭ ކަމެކެވެ. ހިތްތަކުގެ ބަލިތަކަށްވާ ޝިފާއެކެވެ. ފުރާނަތަކަށް ދިރުން ގެނެސްދީ، އެ ފުރާނަތަކަށް އުފާވެރިކަން ގެނެސްދޭނެ އެންމެ މަތިވެރި ސަބަބެވެ.
އިންސާނާގެ ހިތަށް ޛިކުރު ކުރުން ބޭނުންވެގެންވަނީ މަހަށް ފެން ބޭނުންވެގެންވާ ފަދައިންނެވެ. އެކަލާނގެ މަތިން ޛިކުރު ކުރުމަށް އަމުރުކުރައްވާ މުއުމިނު އަޅުތަކުންނަށް ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا ﴿٤١﴾ وَسَبِّحُوهُ بُكْرَةً وَأَصِيلًا ﴿٤٢﴾
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! (41) އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ! (42)
[އަޙްޒާބު ސޫރަތުގެ 41 ވަނަ އާޔަތުން 42 ވަނަ އާޔަތުގެ ނިޔަލަށް]
ﷲ މަތިން ޛިކުރު ކުރުމަކާއި ނުލައެއް މުއުމިނެއްގެ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެއެވެ. ޛިކުރު ކުރުމާއިމެދު ޣާފިލުވެފައިވާ ހިތަކީ މަރުވެފައިވާ ހިތެކެވެ. އަދި އެ ގެއެއްގައި ﷲ އަށް ޛިކުރު ނުކުރެވޭ ގެޔަކީ ޚަރާބުވެފައިވާ ގެއެކެވެ. ހިތްތަކަށް ދިރުމާއި، ގެތަކަށް ދިރުން ލިބޭނީ ﷲ މަތިން ޛިކުރު ކުރުމުންނެވެ.
އަދި ހިތްތައް މަރުވުމާއި، ގެތައް ޚަރާބުވުން ގުޅިފައިވަނީ ﷲ މަތިން ޛިކުރު ކުރުމުން ދުރުވުމާއެވެ. ޙަދީޘްގައި އައިސްފައިވެއެވެ.
” مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لَا يَذْكُرُ مَثَلُ الْحَيّ وَالْمَيِّت “
މާނައީ” އެމީހާގެ ވެރި ރަސްކަލާނގެ މަތިން ހަނދުމަކުރާ މީހަކާއި އެކަލާނގެ މަތިން ހަނދުމަނުކުރާ މީހެއްގެ މިޘާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިޘާލެވެ.”
[ރަވާހުލް ބުޚާރީ 6404]
އަދި އެހެން ރިވާޔަތެއްގައި ވެއެވެ.
“ مَثَلُ الْبَيْتِ الَّذِي يُذْكَرُ اللَّهُ فِيهِ وَالْبَيْتِ الَّذِي لاَ يُذْكَرُ اللَّهُ فِيهِ مَثَلُ الْحَىِّ وَالْمَيِّتِ ”
މާނައީ” އެ ގެއެއްގައި ﷲ މަތިން ހަނދުމަކުރެވޭ ގެއަކާއި އެ ގެއެއްގައި ﷲ މަތިން ހަނދުމަނުކުރެވޭ ގެއެއްގެ މިޘާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިޘާލެވެ.”
ޛިކުރު ކުރުމަކީ ހިތަށް ހަމަޖެހުން ލިބުމާއިއެކު، ހިތް ޠާހިރުކޮށްދޭނެ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾
މާނައީ” އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟
[އައްރަޢުދު ސޫރަތުގެ 28 ވަނަ އާޔަތް]
ޛިކުރު ކުރާ މީހުންގެ މަތިން ﷲ ހަނދުމަކުރެއްވުމަކީ އެބައެއްގެ މަތިވެރިކަމަށް ފުދިގެންވާ ކަމެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ﴿١٥٢﴾
މާނައީ” ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ!
[ސޫރަތުލް ބަޤަރާގެ 152 ވަނަ އާޔަތް]
ތިބާގެ މަތިން ޢާލަމްތަކުގެ ވެރިރަސްކަލާނގެ ހަނދުމަކުރެއްވުމަށްވުރެ މަތިވެރި ޝަރަފަކީ އަދި މަތިވެރި ފަޚުރަކީ ފަހެ ކޮބައިހެއްޔެވެ؟
ޛިކުރު ކުރުމަކީ ޝައިޠާނާ ދުރުކޮށްދޭނެކަމެކެވެ. ރަޙްމާނުވަންތަ އިލާހުގެ ރުއްސަވާވޮޑިގަތުން ލިބޭނެކަމެކެވެ. ހާސްކަމާއި ހިތްދަތިކަން ހިތުން ފިލައިގެންދާނެކަމެކެވެ. ދުނިޔެމަތީގައި ހައިބަތާއި އުފާވެރިކަމާއި އުޖާލާކަމުގެ ފޭރާމުން ފޭރާންލައްވާނެކަމެކެވެ. އަދި އާޚިރަތުގައި ނޫރުލައްވާނެކަމެކެވެ.
އެންމެ މަތިވެރި ދަރަޖަކަމުގައިވާ އިޙްސާންކަން ޙާޞިލްކުރުމަށްޓަކައި ނަފްސުގެ ކަންކަން ބެލެހެއްޓުމުގެ ކުޅަދާނަކަމާއި ޤާބިލުކަން އެ އަޅަކަށް ލިބިގެންދާނެކަމެކެވެ.
އަދި ޛިކުރު ކުރުމަކީ ނިޢުމަތްތައް އިތުރުވެ، އަދި ނުރުހޭ ކަންކަން ވަރަށް ބޮޑަށް ދުރުކޮށްދޭނެ ކަމެކެވެ. ފަހެ، ޛިކުރު ކުރުމަށްވުރެ، ﷲ ޢައްޒަވަޖައްލަގެ ނިޢުމަތްތައް ލިބި، ހިތް ނުތަނަވަސްވުންތައް ދުރުކޮށްދޭނެ ކަމެއްނުވެއެވެ.
ކޮންމެ ވަގުތަކުވެސް، އަދި ކޮންމެ ޙާލެއްގައިވެސް، ﷲ މަތިން ޛިކުރު ކުރުމަކީ، ޝަރުޢުވެގެންވާ ކަމެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
فَاذْكُرُوا اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ ۚ
މާނައީ” ފަހެ، ތިޔަބައިމީހުން اللَّه ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ حال ގައްޔާއި، އިށީނދެތިބޭ حال ގައްޔާއި، އޮށޯވެތިބޭ حال ގައެވެ.
[ނިސާ ސޫރަތުގެ 103 ވަނަ އާޔަތް]
އަދި ރަނގަޅު ހެޔޮ ބުއްދި ލިބިގެންވާ މީހުންގެ ޞިފަ ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެއެވެ.
الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ
މާނައީ” އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ.
[އާލްޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތް]
ޙަދީޘްގައި އައިސްފައިވެއެވެ.
كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَذْكُرُ اللَّهَ عَزَّ وَجَلَّ عَلَى كُلِّ أَحْيَانِهِ.
މާނައީ” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ހިނދެއްގައިވެސް ﷲ ގެ މަތިން ޛިކުރު ކުރައްވާ ކަމުގައިވެއެވެ.”
[ރަވާހު މުސްލިމް – 373]
ކަންމިހެން ހުރި އިރު، އެކަލާނގެ މަތިން ޛިކުރު ކުރުމުގައި، ވަކި ޙައްދެއް ވަކި މިންވަރެއް ނެތެވެ. އަދި ޛިކުރު ކުރުމާއިމެދު ޣާފިލުވެ ފަރުވާކުޑަ ކުރުމަކީ އެއްވެސް މީހަކަށް އުޒުރެއް އޮންނާނެ ކަމެއް ނޫނެވެ.
ޙަދީޘްގައި އައިސްފައިވެއެވެ.
سَبَقَ الْمُفَرِّدُونَ ” . قَالُوا وَمَا الْمُفَرِّدُونَ يَا رَسُولَ اللَّهِ قَالَ ” الذَّاكِرُونَ اللَّهَ كَثِيرًا وَالذَّاكِرَاتُ ”
މާނައީ” الْمُفَرِّدُونَ ކުރިއަރާ ހިގައްޖެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. الْمُفَرِّدُونَ އަކީ ކޮންބައެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރު ކުރާ ފިރިހެނުންނާއި، ޛިކުރު ކުރާ އަންހެނުންނެވެ.”
[ރަވާހު މުސްލިމް – 2676]
އަޅަމެންނީ އެކަލާނގެއަށް ގިނަގިނައިން ޛިކުރު ކުރާ ބަޔަކު ކަމުގައި ލައްވާންދޭވެ!. އާމީން

