ވިސްނާލަމާ!
ތެދުވެރިކަމަކީ ދޮގު ނެހެދުމުގެ އިދިކޮޅެވެ. ތެދުވެރިކަން ބިނާވެގެން އަންނަނީ އިންސާނާގެ އީމާންކަމުގެ މައްޗަށެވެ. އެގޮތުން އީމާންތެރިކަން ކުޑަވެއްޖެ މީހަކަށް ދޮގެއް ހަދާލުމަކީ މާބޮޑު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޞްރަތުގައި މިއީ ބޮޑެތި ކަންކަމެވެ. މިކަހަލަ ކުޑަ ކަމަކުންވެސް އިންސާނާއަށް ނަރަކައިން ޖާގަ ހުސްވެދާނެއެވެ.
އިންސާނާ ދޮގެއް ހަދާ، ނުވަތަ ނުބައި ޢަމަލެއް ކުރާ ކޮންމެ ފަހަރަކު ﷲ ޞުބުޙާނަހޫ ވަތަޢާލާ އެ މީހަކު ފަލީހަތް ނުކުރައްވަވާފާނެއެވެ. އެއީ ސަބަބަކަށްޓަކައެވެ. އަދި އިންސާނާއަށް ނުބައި ޢަމަލެއް ހަޔާތުގައި އެންމެ ފަހަރެއްގައި ކުރެވުނީތީ އެފަހަރުވެސް އޭނާ ފަލީހަތް ވެދާނެއެވެ. އޭގެ ފަހަތުގައިވެސް ފޮރުވިގެންވާ ސިއްރުތަކެއް ވާކަން ކަށަވަރެވެ.
ހިތުގައި އަބަދުވެސް ބާއްވަންވީ، ﷲ ތަޢާލާ އަބަދުވެސް ވަނީ އެކަލާންގެ އަޅުތަކުންނާއި އެކުގައި ކަމާއި އެއިލާހުގެ އަޅަކަށް އެއިލާހު ދުވަހަކުވެސް ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ ކަމެވެ. އެއިލާހަކީ އަޅުތަކުންނަށް އެންމެ އޯގާތެރި އިލާހެވެ. ފާފަ ފުއްސަވާ އިލާހެވެ. އިންސާނާޔަށް މިފަދަ ފުރިހަމަ ބުއްދިޔެއް ދެއްވި އިލާހެވެ.
އަޅުގަނޑުމެން މިޔަދު ބަލަންވީ މި ޢުންމަތައްޓަކައި އެބޭކަލެއްގެ ލޮލުން ކަރުނަ އޮހުރުވާލެއްވި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށެވެ. މި ކައުނުގެ ވެރި އިލާހު ﷲ ޞުބުޙާނަހޫ ވަތަޢާލާ ހަތް އުޑުމަތިން ޢަރަބިބަހުން މުޢުޖިޒާތެއްގެ ގޮތުގައި ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރިކުރައްވާ މާތް ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވާލެއްވި އެކަލާންގެ ބަސްފުޅަށެވެ. އެހެނީ ކީރިތި ޤުރްޢާނަށެވެ.
އިންސާނާޔަށް ކުށެއް ކުރެވުނީތީ ދެރަވެ މާޔޫސް ވާކަށް ނުޖެހެއެވެ. އަދިވެސް ވަގުތު އެބައޮތެވެ. ބޭނުންވަނީ ރަނގަޅު ތަޢުބާޔަކާއި ސާފު ހިތެކެވެ. ރަނގަޅު ތަޢުބާޔަކުން ތަޢުބާވެއްޖެ މީހާ ދެނެއް އެކުރެވުނު ކުށެއް ތަކުރާރެއް ނުކުރާނެއެވެ.
މާޝާ ﷲ ވަރަށް ރަގަޅު ލިޔުމެއް