ދީން

މާދަމާއަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް: ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމާއި މަތިވެރިކަން

ކީރިތި ޤުރުއާނުގައި މި ދުވަސްތަކުގެ މާތްކަމަށް އިޝާރާތް ކުރެވިފައިވެއެވެ. ޤުރުއާނުގައި މި ދުވަސްތަކުގެ ޛިކުރުކުރެވިފައިވުމުން ދޭހަވަނީ ﷲތަޢާލާގެ ޙަޟްރަތުގައި މި ދުވަސްތަކުގެ މާތްކަމެވެ. އެ އިލާހު ވަޙީކުރައްވާފައިވެއެވެ. ( وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالاً وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ * لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ )(ސޫރަތުލް ޙައްޖު:27،28) މާނައީ: ”އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލުމަތީގައި، ދުރުތަންތަނުން އެބައިމީހުން ކަލޭގެފާނުގެ ގާތަށް އަންނާނެތެވެ. އެއީ އެބައިމީހުންނަށް ހުރި (ދީނާއި، ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުލުމަށެވެ.“ އިބްނު ކަޘީރު ރަޙިމަހުއްﷲ އެކަލޭގެފާނުގެ ތަފްސީރުގައި ”الأيام المعلومات” ގެ ތަފްސީރުގައި މާތްﷲ ރުއްސުންލެއްވި އިބްނު އައްބާސްގެ ރިވާޔަތެއް ގެނެސްފައިވެއެވެ. ”الأيام المعلومات أيام العشر” ”ކަނޑައެޅި އެގިގެންވާ ދުވަސްތަކަކީ (ޙައްޖު މަހުގެ) ދިހަ ދުވަހެވެ.“

ހަމަ އެފަދައިން، ފަޖްރު ސޫރަތުގައި އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ. { وَالْفَجْرِ * وَلَيَالٍ عَشْرٍ }މާނައީ: ”ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ“ (ސޫރަތުލް ފަޖްރު1،2 ) އަލް އިމާމުއް ޠަބަރީ ރަޙިމަހުﷲ “ وَلَيَالٍ عَشْرٍ ” ގެ ތަފްސީރުގައި ބަޔާންކުރައްވާފައިވަނީ އެއީ ޙައްޖު މަހުގެ ދިހަ ދުވަސްކަމުގައެވެ. ހަމަ އެފަދައިން އިބްނު ކަޘީރު ރަޙިމަހުﷲ، އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާއި، އިބްނުއް ޒުބައިރު އަދި މުޖާޙިދު ރަޙިމަހުމުﷲ ފަދަ އެތައް ގިނަ މުފައްސިރުންގެ ކިބައިން މި އާޔަތުގެ މުރާދަކީ ޙައްޖު މަހުގެ ދިހަ ދުވަސްކަމަށް ބަޔާންކުރައްވާފައިވެއެވެ.“

މި ދިހަ ދުވަހުގެ މާތްކަން ސުންނަތުގައި ބަޔާންވެފައިވޭ:

ރަސޫލުﷲ ޞައްލާﷲ ޢަލައިހި ވަސައްލަމުގެ ޞައްޙަ ޙަދީޘްތަކުން ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންވެފައިވެއެވެ. އިބްނު އައްބާސް ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.“ ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء) “ (އަލް އިމާމުލް ބުޚާރީ). މާނައި.“ ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ.“(ޞަޙާބީން) ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެންވެސް ބޮޑަށްތޯއެވެ؟ އެކަލޭގެފާނު ޙަދިޘްކުރެވިއެވެ.“ މީހަކު އޭނަގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްޗަކާއެކު އެނބުރިނައި މީހާ ފިޔަވާ ޖިހާދުކުރުމަށްވުރެންވެސް ބޮޑަށެވެ“

މަތީގައި ބަޔާން ކުރެވުނު އާޔަތްތަކާއި ޙަދީޘުން އަޅުގަނޑުމެންނަށް އެނގި ހާމަވެގެންދަނީ މި ދިހަ ދުވަހުގެ މާތް ކަމެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށްވުރެ، ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުވެގެންވާ ދުވަސްތަކެއް ނެތްކަމެވެ.

(އައްޝައިޚް ނިމާލު މުޙައްމަދު)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close