ދީން

ތަޖުވީދުގެ މަގުން ޤުރްއާން ކިޔެވުމަކީ ވާޖިބެއްތަ؟

އެއްވެސް ޝައްކެއް ނެތް ގޮތުގައި ނަބިއްޔާ ﷺ ޤުރްއާން ތިލާވަތުކުރެއްވި ގޮތަށް ޤުރްއާން ތިލާވަތުކުރުމަކީ އެންމެ މޮޅުއިތުރު ހެޔޮކަން ބޮޑު ގޮތެވެ. އަދި އެނގިހުރެ ގަސްތުގައި އެއާ ޚިލާފު ވުމަކީ އައިބެކެވެ.
ތަޖުވީދުގެ މަގުން ޤުރްއާން ކިޔެވުމުގެ ޙުކުމާމެދު ޤާރީވެރިންގެ މެދުގައި އަދި ޤާރީވެރިންނާ ފިޤުހުވެރިންނާ ދެމެދުވެސް ޚިލާފު އުފެދިފައި ވެއެވެ.

ނޯޓު: މިތަނުގައި ޚިލާފުވެފައޭ މިދަންނަވަނީ ލަޙްނު ޖަލީއެއް (އަކުރެއް ނުވަތަ ފިއްޔެއް ނުވަތަ މާނަ ބަދަލުވާފަދަ ކުށެއް) ކިޔުމާ މެދު ވެފައިވާ ޚިލާފެއްގެ ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު ލަޙްނު ޚަފީއަށް ރައްކާތެރިވުމާމެދު ވެފައިވާ ޚިލާފެއްގެ ވާހަކައެވެ. އެހެނީ، ލަޙްނު ޖަލީއެއް ގަސްތުގައި ކިއުމަކީ ޙަރާމް ކަމެއް ކަމާމެދު އުންމަތް އިޖުމާޢުވެފައި ވެއެވެ. އެހެންވީމާ، ޤުރްއާން ކިޔެވުމުގައި ލަޙްނު ޖަލީއަށް ރައްކާތެރި ވުމަކީ ވާޖިބެއް ނޫނޭ ހަމަޖެހޭ މީހަކު ނުބުނާނެއެވެ.

ތަޖުވީދުގެ މަގުން ޤުރްއާން ކިޔެވުމުގެ ޙުކުމާމެދު ދެ ބުނުމެއް ވެއެވެ.

ފުރަތަމަ ބުނުން: ތަޖުވީދުގެ މަގުން ޤުރްއާން ކިޔެވުމަކީ ވާޖިބެކެވެ.
މިއީ ގިނަ ޤާރީވެރިންގެ ބުނުމެވެ. އޭގެތެރޭގައި އަބޫ ޢަމްރުއްދާނީ އާއި، މައްކީ ބުން އަބީ ޠާލިބާއި، އިބްނުލް ޖަޒަރީ އާއި، އައްޝީރާޒީ (رحمهم الله) ފަދަ ބޭބޭކަލުން ކަމުގައެވެ.

އެބޭކަލުންގެ ބައެއް ދަލީލުތައް:

  1. { وَرَتِّلِ ٱلۡقُرۡءَانَ تَرۡتِیلًا }
    (އަލްމުއްޒައްމިލް: 4)
    މާނައީ: “އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!”
    ޢަލީ رضي الله عنه ގެ އަރިހުން ތަރްތީލުގެ މާނައާ ބެހޭ ގޮތުން ރިވާވެގެންވެއެވެ. “އެއީ އަކުރުތައް ތަޖުވީދުގެ މަގުން ކިޔުމާއި ވަޤްފު ކުރަންވީ ތަންތަން ދެނެގަތުމެވެ.” މިތަނުގައި ތަރްތީލުކޮށް ޤުރްއާން ކިޔެވުމަށް އަމުރު ކުރައްވާފައިވުމުން އެއިން ދޭހަ ވަނީ އެއީ ވާޖިބެއް ކަމެވެ.
  2. { وَقُرۡءَانࣰا فَرَقۡنَـٰهُ لِتَقۡرَأَهُۥ عَلَى ٱلنَّاسِ عَلَىٰ مُكۡثࣲ وَنَزَّلۡنَـٰهُ تَنزِیلࣰا }
    (އަލްއިސްރާ: 106)
    މާނައީ: “އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن އެކިފަހަރުމަތިން ބާވައިލެއްވީމެވެ.”
  3. { ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَتۡلُونَهُۥ حَقَّ تِلَاوَتِهِۦۤ }
    (އަލްބަޤަރާ: 121)
    މާނައީ: “ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ حق ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ.”

އިބްނު މަސްޢޫދުގެ رضي الله عنه ގެ އަރިހުގައި މީހަކު { إِنَّمَا ٱلصَّدَقَـٰتُ لِلۡفُقَرَاۤءِ }
މި އާޔަތް މައްދު ނުކޮށް ކިޔެވުމުން އިބްނު މަސްޢޫދު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނަށް ރަސޫލާ ﷺ ކިޔަވައި ދެއްވީ ތިހެނެއް ނޫނެވެ.” ދެން އެ މީހާ ސުވާލު ކުރިއެވެ. “ކަލޭގެފާނަށް ރަސޫލާ ﷺ ކިޔަވައިދެއްވީ ކިހިނަކުން ތޯއެވެ؟” ދެން އެކަލޭގެފާނު މި އާޔަތް މައްދު ކުރައްވައި ކިޔަވާވިދާޅުވިއެވެ.

ދެވަނަ ބުނުން: ތަޖުވީދުގެ މަގުން ޤުރްއާން ކިޔެވުމަކީ މުސްތަޙައްބު ކަމެކެވެ.
އެބަހީ މައްދު ކުރުމާއި ތަފްޚީމް ތަރްޤީޤް ފަދަ ކަންކަމަކީ މުސްތަޙައްބު ކަމެކެވެ.
މިއީ ގިނަ ފިޤުހުވެރިންގެ ޤައުލެވެ. އޭގެތެރޭގައި އިބްނު ތައިމިއްޔާ އާއި، އިބްނުލް ޤައްޔިމާއި، އައްސަޢްދީ އާއި، އިބްނު ބާޒާއި، އިބްނު ޢުޘައިމީން (رحمهم الله) ފަދަ ބޭބޭކަލުން ހިމެނިވަޑައިގަންނަވައެވެ. ޤާރީވެރިންގެ ތެރެއިން ޢަލީ އަލްޤާރީ رحمه الله ގެ ބުނުމަކީ ވެސް މިއީ އެވެ. ޑރ. އައިމަން ރުޝްދީ حفظه الله އެބޭފުޅާގެ “އައްތަޖުވީދުލް މުޞައްވަރު” ގައި ވިދާޅުވަނީ ތަޖުވީދުގެ ޙުކުމްތައް ދަންނަ މީހާ އެއާ ޚިލާފު ވުމަކީ އައިބެއް ކަމުގައެވެ.

އެބޭކަލުންގެ ދަލީލާއި އަނެއް ބުނުމުގެ ބޭކަލުންގެ ދަލީލުތަކަށް ދޭ ޖަވާބު:

  1. ތަޖުވީދުގެ މަގުން ޤުރްއާން ކިޔެވުމަކީ ވާޖިބެއް ކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލުތަކުން އެއީ ވާޖިބެއް ކަމަށް ޞަރީޙަކޮށް ދަލާލަތު ނުކުރުމެވެ.

{ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِیلًا }
މި އާޔަތުން ދަލީލު ލިބެނީ ލަސްލަހުން ކިޔެވުމަށެވެ. ތަފްސީރު ފޮތްތަކުގައި މި އާޔަތް ތަފްސީރުކުރެވިފައި ވަނީ އެފަދައިންނެވެ.

ތަރްތީލުގެ މާނައިގައި ޢަލީ رضي الله عنه ގެ އަރިހުން ރިވާވެފައިވާ ބަސްފުޅަކީ ޢިލްމުވެރިންގެ މެދުގައި އޭގެ ޞައްޙަކަމާމެދު ވާހަކަދެކެވޭ ބަސްފުޅެކެވެ.

{ ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَتۡلُونَهُۥ حَقَّ تِلَاوَتِهِۦۤ }
މި އާޔަތުން ވެސް ތަޖުވީދަކީ ވާޖިބެއް ކަމަށް ދަލީލެއް ނުލިބެއެވެ. ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ މިއީ އަހުލުކިތާބީންގެ ތެރެއިން އީމާންވީ މީހުންނަށް ކުރައްވާފައިވާ މަދަޙައެއް ކަމުގައެވެ. ނުވަތަ މި އާޔަތުގެ މުރާދަކީ ސުވަރުގޭގެ ވާހަކަ ޛިކުރު ކުރެވޭ ތަންތަނުގައި ސުވަރުގެ ދެއްވުން އެދި ދުޢާކުރުމާއި ނަރަކައިގެ ވާހަކަ ޛިކުރު ކުރެވޭ ތަންތަނުގައި ނަރަކައިން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމެވެ. ނަމަވެސް އެއްވެސް މަޝްހޫރު ތަފްސީރެއްގައި އެއީ ތަޖުވީދު ކަމަށް ބަޔާންކުރެވިފައެއް ނުވެއެވެ. އަދި މި އާޔަތުގައި އެވަނީ ތަޖުވީދުގެ ވާހަކަ ކަމުގެ އިޙްތިމާލު އޮތަސް، މި އާޔަތުން އެއީ ވާޖިބެއް ކަމަކަށް ދަލީލެއް ނުލިބެއެވެ.

  1. ޖާބިރު ބުން ޢަބްދު ﷲ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. “ތިމަންބޭކަލުން ޤުރްއާން ކިޔަވަން ތިއްބަވަނިކޮށް ރަސޫލާ ﷺ ތިމަންބޭކަލުންގެ ތެރެއަށް ނިކުމެވަޑައިގަތެވެ. ތިމަންބޭކަލުންގެ ތެރޭގައި އަޢުރާބީންނާއި ޢަރަބީން ނޫން ބޭކަލުންވެސް ތިއްބެވިއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ‘ތިޔަބޭކަލުން ކިޔަވާވިދާޅުވާށެވެ. ތިޔަ އެންމެ ބޭކަލުންވެސް ތިޔަ ކިޔަވާވިދާޅުވަނީ ރަނގަޅަށެވެ. ތީރުގެ ދަނޑީގެ ތެދުކަމަށް އެ ޤުރްއާން ތެދުކުރާނެ ބަޔަކު (އެބަހީ: އަކުރުތަކާއި މަޚްރަޖުތައް މާބޮޑަށް ތެދުކުރަން އުޅޭ ބަޔަކު) އަދި އަންނާނެއެވެ. އެބައިމީހުން އެ ޤުރްއާނުން އެދެނީ ދުނިޔޭގެ ފައިދާއަށެވެ. އަދި އާޚިރަތުގެ ޘަވާބަކަށް ނޭދެއެވެ.'”

ކޮންމެ މީހަކަށް ވެސް އެމީހަކަށް ބުރަވެވޭ ރައުޔުގައި ހިފުމުގެ ޙައްޤު އޮންނާނެއެވެ.
الله أعلى وأعلم

ރިފަރެންސް: ޝައިޚް މުޙަންމަދު ޙަލީމް ގެ ފޭސްބުކް ޕޭޖުން ނެގިފައި.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close