ދީން

ސުންނަތް ނަމާދު ކުރަން ހުއްޓާ ޤަމަތް ދިނުމުން ޢަމަލު ކުރުން އޮތީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ސުންނަތް ނަމާދަށް ހުއްޓައި ނަމާދަށް ޤަމަތް ދިފިހިނދު ޢަމަލު ކުރާނެ ގޮތާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ފަރުޟު ނަމާދަށް ގަމަތް ދިނުމާއި އެކުގައި ސުންނަތް ނަމާދު ކުރުމުން އެއްކިބާވެ ފަރުޟު ނަމާދު ފެށުމަށް ވާރިދުވެފައިވާ ނަބިއްޔާ ﷺ އަމުރުފުޅު ކުރައްވާފައިވެ އެވެ.

އިމާމް مسلم ޞަޙީޙުގައި ޞަޙާބީ أبي هريرة އަރިހުން ރިވާކޮށްފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. : ( إذا أقيمت الصلاة فلا صلاة إلا المكتوبة ) ”ނަމާދަށް ޤަމަތްދެވިއްޖެހިނދު ފަރުޟު ނަމާދު މެނުވީ އެހެން ނަމާދެއް ނުވެ އެވެ.“

ގުޅުންހުރި ލިޔުންތައް

ފަހެ، މި ޙަދީޘްއިން ދަލީލުކޮށްދެނީ ފަރުޟު ނަމާދަށް ޤަމަތް ދެވުމާއި އެކު އެއްވެސް މީހަކަށް ސުންނަތް ނަމާދެއް ފެއްޓުން ހުއްދަވެގެން ނުވާ ކަމެވެ. .

ابن حَزم رحمه الله ވިދާޅުވެފައިވެ އެވެ. ” ނަމާދަށް ޤަމަތްދޭހިނދު ޙާޟިރުވެހުރި މީހާ، އިމާމްއާ އެކު ނަމާދަށް ވަނުން ދޫކޮށްލުން ނުވަތަ ޤުރުއާން ކިޔެވުމުގައި މަޝްޣޫލުވެ އިނުން ނުވަތަ ﷲއަށް ޛިކުރު ކުރުމަށްޓަކައި އިނުން ނުވަތަ ސުންނަތް ނަމާދު ކުރަންފައްޓަ އެވެ. ފަހެ، ހަމަކަށަވަރުން މިފަދަ މީހާވަނީ ﷲއަށް އުރެދިފައިވާ ކަމާއި، އޭނާވަނީ ނަމާދަކީ ކުޅިވަރަކަށް ހަދާފައިވާ ކަމުގެމައްޗަށް އިސްލާމްދީނުގެ އަހުލުވެރިންގެ ތެރެއިން ދެމީހެއްގެ ދެމެދުގައި ޚިލާފެއްނެތެވެ.“ المحلى ١٤٨/٢

ބައެއް ޢިލްމުވެރިން، މި ޙަދީޘްގެ ޢާންމު މާނަ ނަންގަވައި ސުންނަތް ނަމާދު ކުރަން ހުންނަ މީހާ އޭނާއަށް އިމާމްގެ ފަހަތުގައި ފުރަތަމަ ރަކުޢަތް ގެއްލިދާނެ ކަމުގެ ބިރު އޮތަސް ނުވަތަ އެ ބިރުވެރިކަން ނެތަސް ސުންނަތް ނަމާދު އެހިނދު ނަމާދުން ނުކުތުމަށް ބަޔާންކޮށްފައިވެ އެވެ.

އަދި ބައެއް ޢިލްމުވެރިންގެ ބަސްފުޅަކީ ސުންނަތް ނަމާދު ނިމެން ކައިރިވެފައިވާނަމަ، އެބަހީ އެ ސުންނަތް ނަމާދުގެ ބޮޑު ބައެއް ކުރެވި ޤަމަތްދޭން ފެއްޓިހިނދު ކުޑަ މިންވަރެއް ބާކީ އޮވެއްޖެހިނދު، ނަމާދު ލުއިކޮށް ކޮށް ސަލާމްދީ ނިންމާލުމެވެ. އަދި ފަރުޟު ނަމާދުގައި ބައިވެރިވުމެވެ. މި ޒަމާނުގެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވޑައިގެންނެވި الشيخ ابن عثيمين -رحمه الله – ވިދާޅުވެފައިވެ އެވެ.

އަދި މިއަދު މަދީނާގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ عَبد المحسن العباد -حفظه الله- މިފަދައިން ވިދާޅުވެ އެވެ.

ފަހެ، މި މައްސަލައިގައި މިފަދައިން ތަފްޞީލުކޮށް ބުނެވިފައިވުމަކީ އެންމެ ޢަދުލުވެރި ބަސްފުޅު ކަމުގައި ދެކެމެވެ.

އެބަހީ : ސުންނަތް ނަމާދު ކުރަން ހުރި މީހާގެ، ނަމާދުގައި މަދު މިންވަރެއް އޮވެއްޖެހިނދު، ޤަމަތް ދިނުމަށް ފެއްޓުމާއެކު ނަމާދު ލުއިކޮށް ކޮށް ނިންމާލުމެވެ. ލުއިކޮށް ކުރުމުގެ މާނައަކީ ވާޖިބު އަދާ ކުރެވޭ މިންވަރުން ފުއްދާލުމެވެ. އެ ގޮތުން ރުކޫޢުގެ ތަސްބީޙަ 1 ފަހަރުން ސަޖިދައިގެ ތަސްބީޙަ އެއް ފަހަރު، މިފަދައިން އަވަސްކޮށް ކޮށްލުމެވެ.

ފަހެ، މީހަކު ބުނެފާނެ އެވެ. ބޮޑު މިންވަރެއް އޮތުމާއި މަދު މިންވަރެއް އޮތުން މިންގަނޑު ކަނޑައަޅާނީ ކިހާ ހިސާބަކުން ހެއްޔެވެ؟

އެއީ، ދެވަނަ ރަކުޢަތުގެ ރުކޫޢު ނިންމާފައިވުމެވެ. ރުކޫޢު ކޮށްފިހިނދު އެހިނދު އެވަނީ ނަމާދު ބޮޑު ބައި އަދާކޮށްފަ އެވެ. އަދި ނަމާދުގައި ކުޑަ މިންވަރެއް އޮތް ކަމުގައި ބެލެވޭނެ އެވެ.

އެހެނަސް ނަމާދުގެ ބޮޑުބައި އޮވެއްޖެހިނދު ޤަމަތްދޭން ފެށުމުން ނަމާދުން ނުކުންނާނީ އެވެ. و الله أعلم

މިތަނުގައި އިތުރު ނުކުތާއެއް ފާހަގަ ކުރަމެވެ. އެއީ :

ނަމާދުން ނުކުތުމުގައި ބައެއް މީހުން ސަލާމް ދިނުމުގައިވެ އެވެ. އޭގެ ބަދަލުގައި ނަމާދުން ނުކުންނަ މީހާ ސަލާމް ދިނުމެއް ނެތި ނަމާދުން ނުކުންނާނީ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ  (7/312) ފަތުވާގައިވެ އެވެ.

”(ނަމާދު ފުރިހަމަ ނުކޮށް ނުކުންނަ މީހާ ނަމާދުން ނުކުންނަހިނދު ސަލާމް ދިނުމާއެކު ނުކުތުމާއި ނުވަތަ ސަލާމް ދިނުމެއްނެތި ނުކުތާމެދު) ޢިލްމުވެރިންގެ ދެބަސްފުޅުގެ ތެރެއިން ޞައްޙަވެގެންވާ ގޮތަކީ، ނަމާދުން ނުކުތުމެވެ. (އެބަހީ ސަލާމް ދިނުމެއް ނެތި ނަމާދުން ނުކުތުމެވެ.) އަދި ނަމާދުން ނުކުތުމަށްޓަކައި ސަލަމާ ދިނުމަށް ޙާޖަތްޖެހިފައި ނުވެ އެވެ. (އެހެނަސް ނަމާދުން ނުކުމެ) އިމާމްއާ ބައިވެރިވާނީ އެވެ.“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close