ދީން

އެންމެ ހެޔޮ ކޮއްތު

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، ދުނިޔޭގައި ދިގުދަތުރެއް ފަށާނަމަ އެދަތުރަށް ތައްޔާރުވެއެވެ. އެގޮތުން ދަތުރުކުރާނެ ސަވާރީއެއް ހޯދާ ތައްޔާރުކުރުމާއި، އަދި ދަތުރުގެ ކޮއްތު ހޯދާ ތައްޔާރުކުރެއެވެ. އަޅުގަނޑުމެން ދުނިޔޭގައި މިހޭދަކުރާ ދުވަސްތަކަކީ އުޚްރަވީ ޙަޔާތަށް ކުރާ ދަތުރެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނާގައި ވެއެވެ. “ތިބާ ދުނިޔޭގައި އުޅޭއިރު ބީރައްޓެއްސެއް ފަދައިން ނުވަތަ ދަތުރުވެރިއެއް ފަދައިން ވާށެވެ.” ސުވާލަކީ އަޅުގަނޑުމެން އުޚްރަވީ ޙަޔާތުގައި މިކުރާ ދަތުރުގައި ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމަށްޓަކައި މިދަތުރުގެ ކޮއްތު އަޅުގަނޑު މެންނަށް ތައްޔާރުކޮރެވިފައިވޭތޯއެވެ؟

     އެއްވެސް ޝައްކެއް ނެތް ގޮތުގައި އުޚްރަވީ ޙަޔާތަށް އަޅުގަނޑުމެން މިކުރާ ދަތުރުގެ އެންމެ ހެޔޮ ރަނގަޅު ކޮއްތަކީ “ތަޤްވާ” އެވެ.  ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ މާނައީ : “އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ.” ތަޤްވާވެރިކަމަކީ ކޮންމެ މުސްލިމެއްގެ ގައިގައިވެސް ހުރުން ލާޒިމްވެގެންވާ ސިފައެކެވެ. ތަޤްވާވެރިވުން ބިނާވެގެންވަނީ އިންސާނާ މާތްﷲއަށް ކިޔަމަންތެރިވުމުގެ ގޮތުން، އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމާއި އަދި އެކަލާނގެ ނަހީކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވެގަތުމުގެ މައްޗަށެވެ. ތަޤްވާވެރިވުމުގެ މުހިއްމުކަމާއި ތަޤްވާވެރިންނަށް ސުވަރުގޭގައިވާ މަތިވެރި ދަރަޖައާއި ނިޢުމަތްތަކާ ބެހޭގޮތުން ކީރިތި ޤުރުއާނާ ސުންނަތުގައި ވަރަށް ގިނަ އާޔަތްތަކާއި ޙްދީޘްތައް ވާރިދުވެގެން އައިސްފައިވެއެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، مسلم ން ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ! ” އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ أُكُلُهَا دَائِمٌ وَظِلُّهَا ۚ تِلْكَ عُقْبَى الَّذِينَ اتَّقَوا ۖ وَّعُقْبَى الْكَافِرِينَ النَّارُ މާނައީ: “تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ تقوى ވެރިވި މީހުންގެ ނިމުމެވެ. އަދި كافر ވި މީހުންގެ ނިމުމަކީ ނަރަކައެވެ. “

     މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނު ޚައްޠާބު ރަޟިޔަﷲ ޢަންހު އެއްދުވަހެއްގައި އުބައްޔު ބުނު ކަޢުބު ރަޟިޔަﷲ ޢަންހުއާ ސުވާލުކުރެއްވިއެވެ. “ތަޤްވާގެ މާނައަކީ ކޮބާތޯއެވެ؟” އުބައްޔު ބުނު ކަޢުބު ދެންނެވިއެވެ. “އޭ އަމީރުލް މުއުމިނީންއެވެ! ކަށިފަޅާފައިވާ ގަސްތަކެއް ހެދިފައިވާ ބިމެއްގައި ކަލޭގެފާނު ހިންގެވީމުތޯއެވެ؟” ޢުމަރުގެފާނު ޖަވާބުދެއްވިއެވެ. “އާއެކެވެ.” އުބައްޔު ބުނު ކަޢުބު ދެންނެވިއެވެ. “(އެފަދަ ބިމެއްގައި ހިނގާއިރު ހައްދަވަނީ ކިހިނެއްތޯއެވެ.)” ޢުމަރުގެފާނު ޖަވާބުދެއްވިއެވެ. “އަހަރެންގެ ހެދުން މައްޗަށް ނަގަމެވެ. އަދި ހިނގާއިރު ވަރަށް ފަރުވާތެރިވަމެވެ.” ދެން އުބައްޔު ބުނު ކަޢުބު ދެންނެވިއެވެ. “ތަޤްވާއަކީ އެއީއެވެ.”

     އާދެ! އަޅުގަނޑުމެން ދަތުރުކުރަމުން މިދާ ބިމަކީ (ދުނިޔެއަކީ) ކަށިގަސްތަކުން ފުރިފައިވާ ބިމެކެވެ.ޝައިޠާނާއާއިއޭނާގެ އަޢުވާނުން އަބަދުވެސް މަސައްކަތްކުރަމުން އެދަނީ އަހަރެމެން ތެދުމަގުން އެއްކިބާކޮށް ނުބައިމަގަށް އެރުވުމަށެވެ. ދުނިޔޭގައި ތަޤްވާވެރިވުމަކީ ތިބާގެ ހެދުން މައްޗަށް ނެގުމެވެ. )އެބަހީ ދުނިޔޭގެ ހެއްލުންތަކަށް ބިރުވެތިވެ ރައްކާތެރިވުމެވެ.( އަދި  ހިނގާއިރު ފަރުވާތެރިވުމެވެ. )އެބަހީ ދުނިޔޭގައި އުޅޭއިރު ޝައިތާނާގެ ކެހިވެރި މަޅިތަކަށް އަބަދުވެސް ފަރުވާތެރިވުމެވެ.( އެހައި އިރުން ތިބާ ވާނީޝައިޠާނުންގެ ނުބައި ވަސްވާސްތަކުން ސަލާމަތްތެރިވެގެންނެވެ. ތަޤްވާގެ ޙަޤީޤީ މާނައަކީ މިއީއެވެ. ތަޤުވާވެރިކަން އިތުރުކުރެވޭނީ ގިނަގިނައިން ނަމާދުކޮށް، ޤުރުއާން ކިޔަވައި ހެދުމުންނެވެ. ހަވާ ނަފްސުގެ އެންމެހައި އެދުންތަކުން ދުރުކޮށް ރޫހާނިއްޔަތަށް ބާރު އަޅައިދޭ ޢަމަލުތަކުގައި ސާބިތުވެ ހުރެގެންނެވެ. ހެޔޮ ކަންތަކަށާއި ތަޤުވާ އަށް އެކަކު އަނެކަކަށް ވާގިވެރިވެގެންނެވެ. ނުބައި ކަންތަކަށާއި އަދާވާތްތެރިކަމަށް އެކަކު އަނެކަކަށް ވާގިވެރި ނުވުމުންނެވެ. މާތްﷲ އަޅަމެން ތަޤްވާވެރިވާމީހުންގެ ތެރެއިން ލައްވާށިއެވެ. އާމީން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close