ދުނިޔެއާއި އާޚުރަތް ހޯދުމަށްޓަކައި ހެޔޮޢަމަލު ގިނަކުރާށެވެ.
އަޅުގަނޑުމެން އިންސާނުންނަށް ﷲ سبحانه وتعالى ދެއްވާފައި މިވާ ދިރިއުޅުމުގެ ނަސީބަކީ އެއްވެސް މަޤްޞަދެއްނެތް އެއްޗެއްކަމުގައި ވެދާނެތޯއެވެ؟ ބުއްދި ސަލާމަތުންހުރި އެކަކަށްވެސް ގަބޫލު ނުކުރެވޭނެކަން ކަށަވަރެވެ. މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެންމެ ފުރިހަމަ މަޚްލޫޤުން ކަމުގައެވެ. އިންސާނުންގެ ވަށައިގެންވާ ކާއިނާތުގެ ހުރިހާކަމެއް ކޮންޓްރޯލް ކުރުމުގެ ބާރާއި ހުނަރުވެރިކަން އެމީހުންނަށް ދެއްވާފައިވެއެވެ. އެބާރާއި ހުނަރުވެރިކަން ހިންގުމުގެ ވިސްނުމާއި ފިކުރު އެމީހުންގެ ކިބައިގައި ލައްވާފައިވެއެވެ.
މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ރަމަޟާން މަހުގައި ހެޔޮ އަމަލުތައް ގިނަ ކުރަން އަވަހަށް ޢަޒުމް ކަނޑައަޅާށެވެ. ރަމަޟާން މަހަކީ އިންސާނާގެ ނަފުސު ތާހިރު ކޮށްލަން ލިބޭ ރަނުގެ ހަމައެކަނި ފުރުސަތެވެ. އެމަހާ ބައްދަލުވެ އެމަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގެންފިމީހާ ބާއްޖަވެރިވާނެއެވެ. ހަމައެހެންމެ ރަމަޟާން މަހާއި ބައްދަލުވެ އެ މަސް ނިމިގެންދާއިރު އެމީހެއްގެ ފާފަތައް ނުފުއްސަވައިފި މީހާއަކީ ގެއްލެނިވެގެންވާ މީހެކެވެ. އެފަދަ މީހާއަށްވުރެ ބޮޑު އަބާއްޖަވެރިއަކު ނުހުންނާނެއެވެ!
ރަމަޟާން މަހުގެ ބަރަކާތް ފުރިހަމަ ގޮތުގައި ހާޞިލުކުރުމަކީ ދިރިއުޅުމުގެ އުފުލަކަށް ހަދާށެވެ. އެކަން ޙާޞިލް ކުރުމަށްޓަކައި ރަމަޟާން މަހު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ ވީހައި ގިނައިން ކީރިތި ޤުރްއާން ކިޔެވުމެވެ. ރަމަޟާން މަހު ކީރިތި ޤުރްއާން ކިޔެވުން ގިނަކުރަން ޖެހޭއިރު އެކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ އެކަމަށް ލޯބި ޖެހިގެންނެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ) މި އާޔަތުގައި ބަޔާންވެގެންވަނީ ރަމަޟާން މަހަކީ އެ މައްސަރެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ….”
އެހެންކަމުން ރަމަޟާންމަހު ވީހާވެސް ގިނައިން ޤުރުއާން ކިޔަވައި އަދި ޒިކުރުކޮށް ތަސްބީހަތައް ގިނަކުރަން އާދަކުރާށެވެ. އަޅުގަނޑުމެންނަށް އެންމެންނަށްވެސް ބަރަކާތްތެރި ރަމަޟާން މަހެއްގެ ފުރިހަމަ ސަވާބާއި އަޖުރު މިންވަރު ކުރައްވާށިއެވެ. އާމީން


