ދީން

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ މުހިންމު 10 ކަމެއް

ބަރަކާތްތެރި ރަމަޟާންމަހަކީ، އަހަރުގައި އަންނަ އެންމެ މާތް މަހެވެ. އެމަހަށް ތައްޔާރުވުމަށްޓަކައި ވަރަށް ގިނަގުނަ ކަންކަން ކުރަން ޖެހެއެވެ. އެއީ، އެމަހުގެ ފުރިހަމަ ބަރަކާތާއި ރަޙުމަތް ޙާޞިލު ކުރުމަށެވެ. އެމަހާއި ބައްދަލުވެ ވަކިވެދާއިރު، އެމަހުގެ ފޮނިމީރުކަން އެންމެ އެދެވޭގޮތުގައި ލިބިގަތުމަށެވެ. ފުރިހަމަ އީމާންކަމާއެކު ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކުރާ ޙާލުގައެވެ. އެގޮތުން މިބަޔާންކުރަނީ މަތިވެރިވެގެންވާ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ ވަރަށް މުހިންމު 10 ކަމެކެވެ.

  1. ފާއިތުވި އަހަރުގައި ދޫވެފައިވާ ރޯދަތައް ހިފާ ނިންމުން
  2. ޝަޢުބާންމަހު، ސުންނަތް ރޯދަ ހިފުން ގިނަކުރުމާއި، އިތުރު ހެޔޮޢަމަލުތައް ގިނަކޮށް ރަމަޟާންމަހަށް މީހާގެ ނަފްސު ހޭނެވުމާއި ރަމަޟާންމަހާއި ބައްދަލުކޮށްދިނުމަށް އެދި ދުޢާކުރުން.
  3. އެކަކު އަނެކަކަށް މަޢާފުކޮށް، ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުން
  4. ފާފަތަކުން ތައުބާވެ، ހެޔޮޢަމަލުކުރުމުގައި ހީވާގިވުން
  5. ރަމަޟާންމަހާއި ގުޅުންހުރި ފިޤުހީ ޢިލްމުތައް މުރާޖަޢާކޮށް އެކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތުން މީހާ ތާޒާވެލުން
  6. މީހަކަށް އަނިޔާވެރިވެފައިވާނަމަ، ނުވަތަ މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ، އެމީހެއްގެ ކިބައިން މަޢާފަށް އެދި އެކަމުން ތައުބާވެ ހެޔޮޢަމަލު ގިނަކުރުން
  7. ކީރިތި ޤުރްއާން ކިޔެވުން އިތުރު ކުރުމާއި، ޤުރްއާނުގެ ތަރުޖަމާ ކިޔުން ގިނަކުރުން. އަދި ޤުރްއާން ކިޔަވަން ނޭންގޭނަމަ ކިޔަވަން ދަސްކުރަން ފެށުން
  8. ރަމަޟާންމަހު އަޅުކަމުގައި ގިނަ ވަޤުތު އުޅެވޭގޮތަށް އެމަހަށް ޚާއްސަކޮށްގެން ތާވަލެއް ރާވާލުން
  9. ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އާއިލާގެ ތެރޭ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެކިއެކި ގޮތްގޮތުން އެހީތެރިވުން
  10. ދީނީ ނަޞޭޙަތް އަޑުއެހުން އިތުރުކުރުމާއި، ދީނީ ކަންކަމުގައި އުޅެން މީހާގެ ނަފްސު ހާނުވާ ތަރުބިއްޔަތު ކުރުން.

މި ނޫނަސް، ބަރަކާތްތެރި ރަމަޟާންމަހަށް، ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ ވަރަށް ގިނަކަންކަން ހުރެދާނެއެވެ. އެހެންކަމަށްވާނަމަ، އެކަންކަމުގައި ހިފާ، ބަރަކާތާއި ރަޙުމަތުން ފުރިގެން އެވާ މައްސަރަށް ތައްޔާރުވެ ހުންނާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close