ޛިކުރު ކުރުމުގެ މާތްކަން – އެންމެ ޙަދީޘަކުން
ރަސޫލުﷺ ޙަދީޘް ކުރެއްވިއެވެ.
”ﷲ ޛިކުރު ކުރާ މީހުން ހޯދުމަށްޓަކައި، މަގުތަކުގައި ހިނގަ ހިނގާ ތިއްބަވާ މަލާއިކަތުންތަކެއް މާތް ﷲ އަށް ވެއެވެ. ދެން ﷲ ޛިކުރު ކުރަން ތިބި ބަޔަކު އެ މަލާއިކަތުންނަށް ފެނިވަޑައިގެންފިނަމަ، ތި ބޭކަލުންގެ މަޤްޞަދަށް އަވަހަށް ވަޑައިގަންނަވާށޭ ވިދާޅުވެ، މަލާއިކަތުން އެއްބޭކަލުން އަނެއް ބޭކަލުންނަށް ގޮވާލައްވައެވެ.ދެން އެ މަލާއިކަތުން ދުނިޔޭގެ އުޑާއި ޖެހެންދެން އެ ބޭކަލުންގެ ފިޔަކޮޅުތައް، ޛިކުރު ކުރަން ތިބި މީހުން ވަށަލައްވައިގެން ތިއްބަވައެވެ. ދެން ޛިކުރު ކުރި މީހުން ބުނި އެއްޗެއް މަލާއިކަތް ބޭކަލުންނަށް ވުރެ ބޮޑަށް، ދެނެވޮޑިގަތުމާއެކުވެސް މާތް ﷲ ސުވާލު ކުރައްވާނެއެވެ.” ”ތިމަންރަސްކަލާނގެ އަޅުން ބުނީ ކީކޭހެއްޔެވެ؟” މަލާއިކަތްބޭކަލުން ދަންނަވައެވެ. ”އެ މީހުން އިބަ ރަސްކަލާނގެއަށް ތަސްބީޙަ ކިޔައި ތަކުބީރު ކިޔައި ޙަމްދުކޮށް، އިބަރަސްކަލާނގެ މަތިވެރި ކުރަނީއެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ.
ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ”އެ މީހުންނަށް ތިމަންރަސްކަލާނގެ ފެނުނު ހެއްޔެވެ؟” ދެން މަލާއިކަތްބޭކަލުން ދަންނަވައެވެ. ”ނޫނެކެވެ. އިބަ ރަސްކަލާނގެ ގަންދީ ބުނަމެވެ. އެ މީހުންނަށް އިބަ ރަސްކަލާނގެ ނުފެނެއެވެ.”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ”ފަހެ އެ މީހުންނަށް ތިމަންރަސްކަލާނގެ ފެނިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތްބޭކަލުން ދަންނަވައެވެ. ”އެ މީހުންނަށް އިބަރަސްކަލާނގެ ފެނިއްޖެނަމަ އެ މީހުން އިބަ ރަސްކަލާނގެ އަށް ކުރާ އަޅުކަމާއި، މަތިވެރި ކުރުމާއި، ޙަމްދު ކުރުމާއި ތަސްބީޙަ ކިޔުން، މާ ބޮޑަށް އިތުރު ކުރާ ބަޔަކު ކަމުގައި ވާނެއެވެ.”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ”ފަހެ އެ މީހުން ތިމަންރަސްކަލާނގެ ޙަޟްރަތުން އެދެނީ ކޮންކަމަކަށް ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ. ”އެ މީހުން އިބަ ރަސްކަލާނގެ ޙަޟްރަތުން އެދެނީ ސުވަރުގެއެވެ.”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ”އެ މީހުންނަށް ސުވަރުގެ ފެނުނުހެއްޔެވެ؟” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތުން ދަންނަވައެވެ. ”ނޫނެކެވެ. ގަންދީ ބުނަމަވެ. އޭ ވެރިރަސްކަލާނގެއެވެ. އެ މީހުންނަކަށް ސުވަރުގެ ނުފެނެއެވެ.”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ”ފަހެ އެ މީހުންނަށް ސުވަރުގެ ފެނިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތްބޭކަލުން ދަންނަވައެވެ. ”އެމީހުންނަށް ސުވަރުގެ ފެނިއްޖެނަމަ، ސުވަރުގެ ހޯދަން އެމީހުން ފަރުވާތެރިވާލެއް މާ ބޮޑުވާނެއެވެ. އެއަށް އެދޭ މިންވަރު ވަރުގަދަވާނެއެވެ. އަދި އެއާ މެދު އެ މީހުންގެ ހިތުގައިވާ އެދުން ބޮޑުވާނެއެވެ.” މާތް ﷲ ވަޙީ ކުރައްވައެވެ. ”ފަހެ އެ މީހުން ރައްކާތެރިކަން އެދެނީ ކޮން ކަމަކުން ހެއްޔެވެ؟”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތް ބޭކަލުން ދަންނަވާނެއެވެ. ”އެ މީހުން ރައްކާތެރިކަން އެދެނީ ނަރަކައިންނެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވައެވެ. ”އެ މީހުންނަކަށް ނަރަކަ ފެނުނުހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ. ”ނޫނެކެވެ. ގަންދީ ބުނަމަވެ. އޭ ވެރިރަސްކަލާނގެއެވެ. އެ މީހުންނަކަށް ނަރަކަ ނުފެނެއެވެ.”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވައެވެ. ”އެ މީހުންނަށް ނަރަކަ ފެނިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތް ބޭކަލުން ދަންނަވައެވެ. ”އެ މީހުންނަށް ނަރަކަ ފެނިއްޖެނަމަ، ފިލޭ އެންމެ ބާރަކަށް އެ މީހުން ނަރަކައަށް ފިލާނެއެވެ. އަދި ގަންނާނެ އެންމެ ބޮޑަކަށް އެ މީހުން ނަރަކަ ދެކެ ބިރު ގަންނާނެއެވެ.”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. ”ފަހެ އެ މީހުންނަށް ތިމަންރަސްކަލާނގެ ޢަފޫ ކުރައްވިކަމަށް، ތިޔަބޭކަލުން ހެކިކުރައްވަމެވެ.”
ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތްބޭކަލުންގެ ތެރެއިން މަލާއިކަތެއް ދަންނަވައެވެ. ”އެ ތާނގައި އެ މީހުންގެ ތެރޭގައި ނުހިމެނޭ މިވެނި މީހަކި ހުއްޓެވެ. އޭނާ އައިސްފާހުރީ އަމިއްލަ ބޭނުންތަކެއް ފުއްދުމަށެވެ.” މާތް ﷲ ވަޙީ ކުރައްވައެވެ. ”އެ މީހުންނަކީ އެ މީހުންނާ އެކުގައިވާ މީހަކަށް ދެރަކަމެއް ނެތް ބައެކެވެ. ” (އަލް ބުޚާރީ ވަ މުސްލިމް)
މިފަދަ އެތައް ޙަދީޘެއް ޛިކުރު ކުރުމާއިބެހޭ ގޮތުން ވާރިދުވެގެން އައިސްފައިވެއެވެ. ޛިކުރު ކުރުމަކީ އެހާވެސް މަތިވެރި ކަމެކެވެ. ޛިކުރު ކުރުން ގިނަކުރާށެވެ. ތިބާގެ ދޫ އެކަން ކުރުމުގައި ތެތްކަން މަތީ ބަހައްޓާށެވެ.