ދީން

ކޮންމެ ރެޔަކު ތަބާރަ ސޫރަތް ކިޔެވުމުގެ މާތްކަމާއި މަތިވެރިކަން (1 ވަނަބައި)

މި ލިޔުމަކީ ތަބާރަ ސޫރަތުގެ މަތިވެރި ކަމުގެ މައްޗަށްވާ ރިވާޔަތް ތަކުގެ ޚުލާސާ، އާއި އެސޫރަތް ކޮންމެ ރެޔަކު ކިޔެވުމީ، ކައްވަޅުގެ އަޒާބުން ދިފާޢު ކޮށްދެނިވި ކަމެއް ކަމާއި އެ ސޫރަތް ކޮންމެ ރެޔަކު ކިޔެވުމުގެ މާތްކަމުގެ މައްޗަށް ބަލާލެވިފައިވާ ލިޔުމުގެ ފުރަމަ ބައެވެ.

އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ވިދާޅުވިއެވެ:

❞ ސޫރަތުލް މުލްކު ގެ ފަޟުލު އާއި މެދު އެތަކެއް ޙަދީޘެއް ރިވާވެފައި ވެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ޙަދީޘަކީ، ޢައްބާސް އަލްޖުޝަމީ ގެ ޙަދީޘް އެވެ. އެއީ އަބޫ ހުރައިރާ އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: «ثَلاَثُونَ آيَةً تَشْفَعُ لِصَاحِبِهَا…» (…ތިރީސް އާޔަތެއް އޭގެ ޞާޙިބު މީހާއަށް ޝަފާޢަތް ތެރި ވާނެއޭ ) —މިޙަދީޘް⁽¹⁾. މިރިވާޔަތުގައި އުނިކަމެއް ވެއެވެ. އެއީ (ސަނަދުގައި) މެދު ކެނޑުމެއް ވާތީ އެވެ. އެހެނީ ޢައްބާސް (އަލްޖުޝަމީ) އަބޫ ހުރައިރާ އަރިހުން އަޑުއިވިފައިވާ ކަން ޘާބިތުވެފައި ނުވުމުންނެވެ. ޢިލްމުވެރިން ކުރެ އެކަކަށްވުރެ ގިނަ ބޭކަލުން މިހެން ވިދާޅުވެފައިވެއެވެ.⁽²⁾ އަދި (މިރިވާޔަތް) ޞައްޙަ ކުރެއްވި ބޭކަލުން ޞަޢްޙަ ކުރައްވާފައިވަނީ ސަނަދުގެ ބޭރުފުށަށް ބައްލަވައެވެ. (އެބަހީ، އޭގައި ހިމެނޭ ރާވީން ޞަޢްޙަ ތޯ އެވެ.) ކެނޑުމުގެ މައްޗަށް ނަޒަރު ނުހިންގަވައެވެ.

ގުޅުންހުރި ލިޔުންތައް

އަދި އަލްޙާކިމް “އަލްމުސްތަދްރަކް” ގައި ރިވާކުރައްވާފައިވާ، ސުފްޔާން ގެ ޙަދީޘް، އެކަލޭގެފާނުން ޢާޞިމް ބުނު އަބިއް ނަޖޫދު އަރިހުން، ޒިއްރި ބްނި ޙުބައިޝް އަރިހުން، ޢަބްދު ﷲ ބްނު މަސްޢޫދު އަރިހުން “އަލްމުންޖިއްޔާ” (ކިޔޭ ސޫރަތް) ކަމަށް ވިދާޅުވާ ރިވާޔަތެވެ. އަދި (އޭގައި) ވިދާޅުވިއެވެ: ”…އަދި ރޭގަނޑަށް އެކިޔައިފި މީހާ، ވަރަށް ގިނަ (ހެޔޮކަންތައް) ކޮށްފިއެވެ. އަދި (أَطْنَبَ) ގަދައަޅައިފިއެވެ⁽³⁾.“ އަދި މިސަނަދު ޞައްޙަ އެވެ. އެއީ ޢަބްދު ﷲ ބްނު މަސްޢޫދު އާއި ހަމައަށެވެ. (އެކަލޭގެފާނުގެ ބަސްފުޅެއް ގޮތުގައި އެވެ.) އަދި (އެހެނަސް) އެއަށް ވާ ޙުކުމް އަކީ އަލްމަރްފޫޢު އެވެ. (ޙަދީޘް އެއް ގެ ދަރަޖަ އަށް އުފުލުމެވެ.) އެހެނީ މިކަހަލަ އެއްޗެއް ގައި އިޖުތިހާދަށް (އެބަހީ: އަމިއްލަ ރައުޔެއް އޭގައި ވުމަށް) ތަނެއް ނެތެވެ. އަދި އަލްޙާފިޡް އަލްޢިރާގީ، އަލްޢަލްފިއްޔާ (ޅެންބައިތު ތެރޭ) ވިދާޅުވެފައިވެއެވެ:

(ބައިތު 116)

وَمَا أَتَى عَنْ صَاحِبٍ بحَيْثُ لا * يُقَالُ رَأياً حُكْمُهُ الرَّفْعُ عَلَى

އަދި މީޞާޙިބެއް (١) އަރިހުން އައިސްފި އެއްޗެއް ** ނުބުނާށިއޭ އެއީ (އަމިއްލަ) ރައުޔެކޭ، [ދަންނައެ] އޭގެ ޙުކުމަކީ އައްރަފްޢު އޭ، ބަލާއިރު=

[ (١) އެބަހީ: އަޞްޙާބު ބޭކަލެއް ]

(ބައިތު 117)

مَا قَالَ في المَحْصُوْلِ نَحْوُ مَنْ أتَى * ( فَالحَاكِمُ ) الرَّفْعَ لِهَذَا أثْبَتَ

“އަލްމަޙްޞޫލު” ގައި(٢) ވިދާޅުވި ބުނުމަށް، (އަދި) “مَنْ أتَى” ފަދައިންނޭ(٣) ** އެހެންކަމުން ޢަލްޙާކިމް އެ ރަފްޢު ކުރައްވައި ޘާބިތުކުރެއްވިއޭ (٤)

[ (٢) އެބަހީ: އަލްފަޚްރުއް ރާޒީ އެކަލޭގެފާނުގެ ފޮތް އަލްމަޙްޞޫލު ގައި.

(٣) އެއީ އިބްނު މަސްޢޫދު ގެ މިޙުކުމުގައިވާ އެހެން ޙަދީޘް ފުޅެއް⁽⁴⁾.

(٤) އެއީ އަލްޙާކިމް ގެ ފޮތް، ”މަޢްރިފަތު ޢުލޫމުލް ޙަދީޘް“ ގެ ޞ. 22 ގައި.]

އެހެންކަމުން، މީގެ މައްޗަށް ބަލައި ކަނޑައެޅެނީ، އިންސާނާ ކޮންމެ ރެއެއްގައި މިސޫރަތް ކިޔެވުމެވެ. އެހެނީ މިރިވާޔަތުގެ ޙުކުމަކީ އައްރަފަޢު ގެ ޙުކުމެވެ…❝

______________

[1] މިޙަދީޘް އަކީ: عن أبي هريرة عن النبي صلى لله عليه وسلم قال: ((إنّ سُورَةً مِنَ القُرْآنِ ثلاثونَ آيَةً شَفَعَتْ لِرَجُلٍ حَتّى غُفِرَ له وهِيَ تَبارَكَ الَّذِي بِيَدِهِ المُلْكُ)) [رواه الترمذي] މާނައީ: (ރަސޫލު ﷲ ﷺ ގެ އަރިހުން އަބޫހުރައިރާ ރިވާކުރެއްވިއެވެ. ”ހަމަކަށަރުންވެސް [އެކިޔެވި] މީހަކަށް ފާފަ ފުއްސެވެއްޖައުމަށްދާންދެން ޝަފާޢަތްތެރިވާ ތިރީސް އާޔަތެއް ކީރިތި ޤުރުއާނުގެ ސޫރަތެއްގައި ވެއެވެ. އެއީ ތަބާރަސޫރަތެވެ. [އެބަހީ: ސޫރަތުލް މުލްކު އެވެ.]“

[2] އޭގެ ތެރޭގައި އަލްބުޚާރީ، އެކަލޭގެފާނުގެ އައްތާރީޚް ގައި. (ބައްލަވާ) އަދި އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާއިކު، މީގެ އިތުރުން މިރިވާޔަތުގައި އެކުލެވޭ ބައެއް މައްސަލަތަށް ފާހަގަ ކުރެއްވިއެވެ (ބައްލަވާ). އަދި އައްސަޢްދު މިރިވާޔަތުގެ ހުރިހާ މަގުތަކެއް ބަލިކަށިކަން އެކުލެވޭހިނދު، އެތަކެތިން ވަރުގަދަކޮށްދޭ ކަމަށް ވިދާޅުވި.

[3] (طنب) ޠުނުބް: ކަމެއްގައިވާ ޘާބިތުކަމާއި އޭގައި ދިގުދެމިގެން ދިޔުމަށް ކުޅަދާނަވުމެވެ. އަދި ޓެންޓުގެ ވާފަށް (ޠުނުބް) އަންންނަނީ މިބަހުންނެވެ. ކަމެއްގައި أطنب ވުން މާނަވަނީ، އޭގައި ގަދައަޅައިފި ނަމައެވެ. އެއީ މިޘާލަކަށް އޭނާ އެކަމެއްގައި ގަދައަޅައި ނިޔަތްގަނެ ޘާބިތުވުމެވެ.

[4]. އެއީ އިބްނު މަސްޢޫދު ގެ ޤަޥްލު: «مَنْ أتَى سَاحِراً، أَوْ عَرَّافاً، فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ – صلى الله عليه وسلم» (ސިހުރުވެރިޔެއް ނޫނީ ޢައްރާފެއް (ފާލުބަލާ މީހެއް) ގާތަށް ގޮސްފި މީހާ، މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ބާއްވައިލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެ އެވެ.)

(ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close