ދީން

މި 4 ކަލިމަ ދުވާލަކު 100 ފަހަރު ކިޔުމަށް އާދަކުރާށެވެ.

ތިރީގައި މިވާ 4 ކަލިމަ ދުވާލަކު 100 ފަހަރު ކިޔުމަށް އާދަކުރާށެވެ. އެހެނީ އެކަމުގެ މަތިވެރިކަމާއި ހެޔޮކަން އެހާވެސް މަތިވެރިވެފައި ގިނަގުނައެވެ. މި 4 ކަލިމަ 100 ފަހަރު ކިޔުމަށް އެހާ ގިނަ ވަގުތެއް ނުދެއެވެ. ހަމަޖެހިލައިގެން ކިޔާލިޔަސް މި ހަތަރު ކަލިމަ ކޮންމެ ކަލިމައެއް 100 ފަހަރު ކިޔުމަށް ހޭދަވަނީ ހަމަ އެންމެ 10 މިނެޓެވެ. މިއީ ހެޔޮކަމުގެ މީޒާން ނުވަތަ ހެޔޮޢަމަލުގެ ފަތަށް ކޮންމެ ދުވަހަކުވެސް އިތުރުކޮށްލެވޭ އިތުރުކޮށްލެވުމަކަށް ހަދަން އާދަކުރާށެވެ. މިކަމުގެ ހުރި ހެޔޮދަރުމައާއި ޘަވާބުގެ ގިނަގުނަކަމުން އެއަށްވުރެ ގިނަ ފަހަރުވެސް ކިޔަން ބޭނުންވެދާނެއެވެ. އެކަމުގައި އޮތީ ހަމަ އެމީހެއްގެ ހިތްވަރެވެ. އިންޝާ ﷲ އަޖުރު ލިބޭނެއެވެ.

سُبْحَانَ اللَّهِ (100 ފަހަރު)   الْحَمْدُ لِلَّهِ (100 ފަހަރު)

اللَّهُ أَكْبَرُ(100 ފަހަރު) لَاإِلَهَ إِلاَّاللَّهُ (100 ފަހަރު)

މުހިންމުވާ ސަބަބު:

އުއްމުހާނީ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. އެއްފަހަރެއްގައި ތިމަން ކަމަނާގެ ކައިރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންހިނދު ތިމަން ދެންނެވީމެވެ. ހަމަކަށަވަރުން ތިމަން މުސްކުޅިވެ، ގައިގެ ބާރު ދެރަވެއްޖެއެވެ. ތިމަން ކަމަނާ އިށީނދެ އިނދެގެން ކުރެވޭނެ ކަމަކަށް ކަލޭގެފާނު ތިމަން ކަމަނާއަށް އަމުރު ކުރައްވާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ކަމަނާ 100 ފަހަރު ﷲ އަށް ތަޞްބީޙަ ކިޔާށެވެ. ފަހެ، ކަމަނާ އިސްމާޢީލްގެފާނުގެ ދަރިކޮޅުން ސަތޭކަ އަޅުން މިނިވަންކުރުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަ ވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲ އަށް ޙަމްދުކުރާށެވެ. ފަހެ، ކަމަނާ ﷲ ގެ މަގުގައި ހަނގުރާމަ ކުރާ މީހުން އުފުލުމަށްޓަކައި އަސްދާނުގޮނޑިއާއި ލަގަންލީ ސަތޭކަ އަސް ތައްޔާރުކުރުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަ ވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲ އަށް ތަކްބީރު ކިޔާށެވެ. ފަހެ، ކަމަނާ ޤަބޫލުވެވިގެންވާ ގޮތުގައި ޙަރަމްފުޅަށް ގެންދެވޭ ސަތޭކަ ޖަމަލު ކަތިލުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަ ވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲ އަށް ތަހްލީލު ކިޔާށެވެ. އުޑާއި ބިމާ ދެމެދުގައިވާތަން (ޘަވާބުން) ފުރިގެންދާނެއެވެ. ކަމަނާ މިކަލިމަތައް ކިޔައިފި ދުވަހަކު، އުފުއްލެވޭ (ހެޔޮޢަމަލުތަކުގެ ތެރޭގައި) ކަމަނާ އެކީފަދައިން ކިޔައިފި މީހެއްގެ ޢަމަލުތައް މެނުވީ، އެއްވެސް މީހެއްގެ ޢަމަލުތައް ކަމަނާގެ ޢަމަލުތަކާ އެއްފަދަ ވެގެން ނުވެއެވެ.  

(ބައްލަވާ: މުސްނަދު އަޙްމަދު)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close