ދީން

އެކި މީހުން ކުރިމަތިލާން ޖެހެނީ އެކި އިމްތިޙާނުތަކާއެވެ. (އެއްވަނަބައި)

ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ މަތިވެރި އިމްތިޙާނެއް ކުރެއްވުމަށްޓަކައެވެ. އެއީ އޭނާއަކީ، އާޚިރުގައި ކާމިޔާބު ލިބިގެންވާ މީހެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމަށްޓަކައެވެ. އެންމެ ފުރަތަމަ މި ދުނިޔޭގެ ދިރިއުޅުމަކީ އެންމެ ބޮޑު އިމްތިޙާނެވެ. މި އިމްތިޙާނުގެ ތެރޭގައި އެތަކެއް އިމްތިޙާނު ތަކަކާއި ކުރިމަތިވާނެއެވެ. އަދި ﷲ ތަޢާލާ ކުރިމަތި ކުރައްވާނެމެއެވެ. އެއީ ތިބާގެ އީމާންކަމާއި ކެތްތެރިކަން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.

ﷲ ތަޢާލާ ސޫރަތުލް ބަޤަރާގެ 155 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ‎﴿١٥٥﴾

މާނައީ ” ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! “

އަދިވެސް އެ އިލާހު ތަޢާލާ ސޫރަތުލް އާލް ޢިމްރާންގެ 186 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

لَتُبْلَوُنَّ فِي أَمْوَالِكُمْ وَأَنفُسِكُمْ

މާނައީ “ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކާ މެދުގައި، ތިޔަބައިމީހުން امتحان ކުރައްވާނެކަން ކަށަވަރެވެ.”

ހަމައެކަނި މަތީގައިވާ ދެ އާޔަތަށް ވިސްނާލިކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެނގިގެންދަނީ ﷲ ތަޢާލާ އަޅުގަނޑުމެން މި ދުނިޔެމަތީގައި އިމްތިޙާނު ކުރައްވާނެކަމެވެ.

ދަންނަން ޖެހޭހާވެސް ކަމަކީ އަދި ޤަބޫލުކުރަންޖެހޭހާވެސް ޙަޤީޤަތަކީ، އެންމެން އިމްތިޙާނު ކުރައްވާނީ އެއްކަމެއް މެދުވެރިކުރައްވައިގެން ނޫންކަމެވެ. ﷲ ތަޢާލާ އެކި އިންސާނުން، އިމްތިޙާނު ކުރައްވާނީ އެކި ކަންކަން މެދުވެރިކުރައްވައިގެންނެވެ. ބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުގައިވެސް އެވަނީ އެވާހަކަ ބަޔާންކުރައްވާފައެވެ. ބިރުވެރިކަމެއް މެދުވެރިކަމެއް މެދުވެރިކުރައްވައިގެންނެވެ. ނުވަތަ ބަނޑުހައިހޫނުކަމެއް މެދުވެރި ކުރައްވައިގެންނެވެ. ނޫނީ، ފުރާނަތަކާއި މޭވާތައް އުނިކުރެއްވުންފަދަ ކަމެއް މެދުވެރި ކުރައްވައިގެންނެވެ.

މި ނޫނަސް ތަފާތު ކަންކަން، އިންސާނާ އިމްތިޙާނު ކުރެއްވުމަށްޓަކައި ﷲ ތަޢާލާ މެދުވެރި ކުރައްވައެވެ. އޭގެ ތެރޭގައި ބަލިމަޑުކަމެއް ޖެއްސެވުމާއި ލިބިފައިވާ ނިޢުމަތަކުން އިންސާނާ މަޙްރޫމު ކުރެއްވުންފަދަ ކަންކަންވެސް ހިމެނެއެވެ.

ގިނަ މީހުނަށް ވިސްނިފައި އޮންނަ ގޮތުގައި ބަލާއާއި މުޞީބާތްތައް މީހަކަށް ޖެހެނީ، އެމީހެއްގެ ގޯސްކަމުގެ ސަބަބުންނެވެ. މިއީ އެއްވެސް ޙާލެއްގައި ރަނގަޅު މަފްޙޫމެއް ނޫނެވެ. އެހެނީ، އެކިއެކި ކަންކަން މެދުވެރި ކުރައްވައިގެން އެންމެބޮޑަށް ﷲ ތަޢާލާ އިމްތިޙާނު ކުރެއްވި ބަޔަކީ، އެ އިލާހު ތަޢަލާގެ ރަސޫލުންނާއި ނަބިއްޔުންނެވެ. އަދި ޞާލިޙު އަޅުތަކުންނެވެ.

މާތް ނަބިއްޔާ ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވި ބަސްފުޅެއްގައިވެއެވެ.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ ‏”‏ الأَنْبِيَاءُ ‏”‏ ‏.‏ قُلْتُ يَا رَسُولَ اللَّهِ ثُمَّ مَنْ قَالَ ‏”‏ ثُمَّ الصَّالِحُونَ إِنْ كَانَ أَحَدُهُمْ لَيُبْتَلَى بِالْفَقْرِ حَتَّى مَا يَجِدُ أَحَدُهُمْ إِلاَّ الْعَبَاءَةَ يُحَوِّيهَا وَإِنْ كَانَ أَحَدُهُمْ لَيَفْرَحُ بِالْبَلاَءِ كَمَا يَفْرَحُ أَحَدُكُمْ بِالرَّخَاءِ ‏”‏ ‏(ސުނަނު އިބްނު މާޖާ 4024)

މާނައީ: އަބޫ ސަޢީދު އަލްޚުދުރީގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! މީސްތަކުންގެ ތެރެއިން ބަލާއާއި މުޞީބާތް އެންމެބޮޑަށް ކުރިމަތިވަނީ ކޮންބަޔަކަށްތޯއެވެ؟” ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “ނަބީ ބޭކަލުންނަށެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. “ދެން ކޮންބަޔަކަށްތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއަށްފަހު، ޞާލިޙުންނެވެ. އެބައިމީހުންގެ ތެރެއިން މީހަކު ލާނެ ފޭރާމެއް މެނުވީ ނުވާ ދަރަޖައަށް ފަޤީރުކަމުން އިމްތިޙާނު ކުރެވެއެވެ. އަދި ތިޔަބައިމީހުން ތަނަވަސްކަމާއި ފާގަތިކަމާމެދު އުފާ ކުރާ ފަދައިން އެބައިމީހުންގެ މީހަކު ބަލާއާއި މުޞީބާތްތަކާމެދު އުފާ ކުރެއެވެ.”

މަތީގައިވާ ޙަދީޘުންވެސް އެނގި ދޭހަވެގެންދަނީ، ﷲ ތަޢާލާ ބަލާއާއި މުޞީބާތް ކުރިމަތިކުރައްވަނީ ހަމައެކަނި މީހަކު ގޯސްވެގެން ނޫންކަމެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުން އެންމެބޮޑަށް އިމްތިޙާނު ކުރެއްވޭކަމެވެ.

(ނުނިމޭ)

މިވެސް ބަލާ
Close