ދީން

ޙޫރުލްޢީނުން (ފަސްވަނަބައި) – ޖަންނަތުގެ އަންހެނުންގެ ބޭރުފުށުގެ ޞިފަތަކާއި ޒީނަތްތައް

ޖަންނަތުގެ އަންހެނުންގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަން

އަލްބަޤަރާ ސޫރަތުގެ 25 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَالِدُونَ ‎﴿٢٥﴾

މާނައީ ” އަދި އެތަނުގައި އެމީހުންނަށްޓަކައި ޠާހިރުވެގެންވާ އަނބީންތައް ވެއެވެ. އަދި އެމީހުން އެތަނުގައި ދެމިތިބޭނެއެވެ. “

ޤަތާދާ ރަޟިޔަﷲ ޢަންހު ވިދާޅުވާގޮތުގައި، މި އަންހެނުންނަކީ ޙައިޟްވުމާއި، ކުޑަކަމުދިޔުމާއި، ނިފާޤުކަމާއި، ހުވާކުރުމާއި، އަޚުލާޤީ ނުބައި ސިފަތައްފަދަ އެތެރޭގެ ނުބައިތަކުންވެސް ޠާހިރުވެގެންވާ ބައެކެވެ. އެހެންކަމުން، އެއަންހެނުންގެ ކިބައިގައި ފިރީންނަށް ނުކިޔަމަންތެރިވުމުގެ ކުޑަވެސް އަސަރެއް ނުހުންނާނެއެވެ.

ޖަންނަތުގެ އަންހެނުންގެ ހަންގަނޑުގެ ރީތިކަން

އަލް ވާޤިޢާ ސޫރަތުގެ 22 ން 23 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ.

وَحُورٌ عِينٌ ‎﴿٢٢﴾‏ كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ ‎﴿٢٣﴾‏

މާނައީ ” އަދި ރައްކާކުރެވިގެންވާ މުތްތަކެއްފަދަ، ރީތި ބޮޑަތި ލޯތަކެއް ލިބިގެންވާ، ރީތި ދޮން އަންހެނުންނެވެ. “

ޖަންނަތުގެ އަންހެނުންނަކީ، ތާޒާ މުތްތަކެއްފަދަ ބައެކެވެ. އެއީ އެމީހުންގެ ސާފުކަމާއި، ހަމުގެ ދޮންކަމުންނެވެ.

އައް ޞާއްފާތި ސޫރަތުގެ 49 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ.

كَأَنَّهُنَّ بَيْضٌ مَّكْنُونٌ ‎﴿٤٩﴾

މާނައީ ” އެމީހުންނަކީ، ރައްކާކުރެވިގެންވާ ބިސްތަކެއްފަދަ ބައެކެވެ. “

ޢައްލާމާ އާލޫސީ ރަޙިމަހުﷲ، މިއާޔަތް ތަފްސީރުކުރައްވަމުން ވިދާޅުވިއެވެ. ” މިއާޔަތުގައި ޢިޝާރާތްވެގެން އެވަނީ، އިންސަނުން އަދި އަތްނުލާ ބިސްތަކެއްގެ ވާހަކައެވެ. އެހެންކަމުން، އެބިސްތައް ވާހުށީ، ހުރިހާ ހަޑިކަމަކާއި، ހިރަފުހުން ސަލާމަތްވެގެންނެވެ. އެފަދައިންމެ، ޙޫރުންވެސް ވާހުށީ ސާފު، ހުރިހާ ނުޠާހިރު ތަކެތިން ސަލާމަތްވެގެންވާ ބައެއްކަމުގައެވެ. ޙޫރުންނާއި ބިސްތަކާއި އަޅާކިޔުއްވުމުގެ އަނެއް ސަބަބަކީ، ދޭތީގައިވެސް ހުންނަ ރީނދޫހުދު ދޮންކުލައިގެ ސަބަބުންނެވެ. އެއީ އަންހެނުންގެ ގައިގައި ހުންނާނޭ އެންމެ ރީތި ކުލައެވެ. (އެބަހީ، އެކުލައެއް ހުރުމުން، އަންހެނުންގެ އެންމެ ރީތިވާނެ ކުލައެވެ.) އަނެއް ސަބަބަކީ، ބިހުގެ ބައިތަކަކީ، އެކަތި އަނެކައްޗާއި ގުޅޭގޮތުން، ބަރާބަރަށް ރޭވިފައި ހުންނަ އެއްޗެކެވެ. ހަމައެފަދައިންމެ، ޙޫރުންގެ ހަށިގަނޑުގެ ހުރިހާ ގުނަވަނަކީވެސް ރީތިކަމާއި، ސާފުކަން އެކުލެވިގެންވާ، އެކަތި އަނެކައްޗާއި ރީތިކަމުގެ ގޮތުން ގުޅިފައިވާ ގުނަވަންތަކެކެވެ. (މަޢާނީ 89/22)

އަދިވެސް ﷲ ތަޢާލާ އައްރަޙުމާން ސޫރަތުގެ 58 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

كَأَنَّهُنَّ الْيَاقُوتُ وَالْمَرْجَانُ ‎﴿٥٨﴾

މާނައީ ” އެ އަންހެނުންތައް ޔާޤޫތާއި ކުދި މުތްތައް (މަރުޖާން) ފަދައެވެ. “

އެގޮތުން، ޙޫރުންނާއި ޔާޤޫތާއި އަޅާކިޔުއްވާފައިވުމުގެ ސަބަބަކީ، އެތެރެ ފެނުމެވެ. އެހެނީ، ޔާޤޫތަށް ބަލާލުމުން، އެއިގެ އެއްފުށުން އަނެއްފުށަށް އެތެރެ ފެންނާނެއެވެ. އެފަދައިންމެ، ޙޫރުންގެ ހަށިގަނޑާއި ހަމުގެ ސާފުކަމާއި ދޮންކަމުގެ ސަބަބުން އެތެރެ ފެންނާނެއެވެ. ﷲ ތަޢާލާ ޙޫރުން ކުދިމުތްތަކަކާއި އެއްގޮތްކުރައްވާފައިވަނީ، އެއަންހެނުންގެ ހަންގަނޑުގެ މަޑުކަމާއި، ހުދުކަމާއެކު، ބަލާލަން ރީތިވެފައި ހިތްގައިމުވީމައެވެ. (ޞަފްވަތުއް ތަފްސީރުގެ 301/3)

(ނުނިމޭ)

މި ލިޔުމުގެ ފުރަތަމަބައި ކިޔާލުމަށް

މި ލިޔުމުގެ ދެވަނަބައި ކިޔާލުމަށް

މި ލިޔުމުގެ ތިންވަނަބައި ކިޔާލުމަށް

މި ލިޔުމުގެ ހަތަރުވަނަބައި ކިޔާލުމަށް

މިވެސް ބަލާ
Close