އަހަންނަކަށް “ނޭންގެ” އޭ ބުނެ، މިއަދު ތިބާއަށް ދެއްކޭނެ އެއްވެސް ޢުޛުރެއް ނެތެވެ!
އޭރުވެސް އަދިވެސް މިހާރުވެސް ވަރަށް ގިނަ މީހުން ވަކިން ޚާއްޞަކޮށް ޒުވާނުން ދީނީ ކަންކަމާއި ގުޅުވައިގެން ދައްކާ އެއްވާހަކައަކީ، ތިމަންނައަކަށް އެވެނިކަމެއް މިވެނި ކަމެއް “ނޭންގެ” އޭ ބުނުމެވެ. މިއީ، މިހާރަކަށް އައިސް އަދި ޒުވާނުންގެ މެދުގައި ޢާންމުވެފައިވާ ބަހެކެވެ. ވަކިން ޚާއްޞަކޮށް ދީނީ ކަންކަމުގައެވެ. ދީނީ ޝިޢާރުތައް ދެމެހެއްޓުމުގައާއި ފައުޅުކުރުމުގައި އަދި ވަކިން ޚާއްޞަކޮށް ޢަމަލު ކުރުމާއި ދެކޮޅަށް ދައްކާ ހަމައެކަނި ޢުޛުރަކީ “ނޭންގެ” މިބަހެވެ.
ހިތާމައިގެ މައްޗަށް ހިތާމަވެރިކަން ހުއްޓެވެ. އެހެންނަމަވެސް، ޙަޤީޤަތަކީ އެވެރިން އެހަދަނީ ކަނޑައެޅިގެން “ދޮގުބުހުތާނު” ކަމެވެ. ދުނިޔެވީ ދަޅަތަކަށް ހެއްލި، ދުނިޔޭގެ ވަޤުތީ ޙަޔާތުގައި އުފަލާއި މަޖަލުގައި ޢުމުރުގެ ދުވަސްތައް ނަގާލުމަށްޓަކައި އެވެރިން ބޭނުންކުރާ މޭސްތިރިއަކަށް އެކަން ވެއްޖެއެވެ.
އެހެންނަމަވެސް ޙަޤީޤަތަކީ “ނޭންގެ” ނީކީ ނޫނެވެ. އެނގެން ބޭނުންވެސް ނުވަނީއެވެ. ނުވަތަ އެނގިހުރެ، މުޖުތަމަޢުގެ ބައެއްގެ މެދުގައި ތިމާމެންނަކީ “ފިނޑި” ބަޔަކަށް ވެދާނެތީ، ޢަމަލު ކުރަން ބޭނުން ނުވަނީއެވެ.
ގިނަ މީހުންނަށް ނުވަތަ ޒުވާނުންނަށް އެމީހުން ކުރަން ބޭނުންވެގެން އުޅޭ ކޮންމެ ކަމެއްގެ މަޢުލޫމާތު ކިތަންމެ ދަތިޙާލުގައި ނަމަވެސް ހޯދައެވެ. އަދި ކޮންމެ ޙާލެއްގައި ނަމަވެސް އެގޮތަށް ޢަމަލު ކުރެވޭތޯވެސް ބަލައެވެ. ގޫގަލް ސަރޗު ކޮށްގެންނާއި ޔޫ ޓިއުބު ވީޑިއޯތައް ބަލައިގެންނާއި އެކިއެކި ވެބްސައިޓުތަކުގައި ހުންނަ މަޢުލޫމާތުތައް ކިޔާ ދިރާސާކޮށްގެންނެވެ. އަދި ނުވިތާކަށް، އެކަންކަމުގެ މާހިރުންގެ ގާތުގައި އަހާ އޮޅުން ފިލުވައިގެންނެވެ. އެކަކު ކައިރިން ނުވިއްޔާ، އަނެކަކު ކައިރިއަށް ގޮސްގެން ނުވަތަ ގުޅައިގެންވެސް މެއެވެ. މިގޮތަށް މަޢުލޫމާތުތައް ހޯދާއިރު، ޚިޔާލު ތަފާތު އެކިއެކި ރަޢުޔުތައް ނުވަތަ ޚިޔާލުތައް ލިބޭތީ، ކުރަން އެއުޅޭ ކަންތައްތައް ހުއްޓުމަކަށް ނުގެނެއެވެ. އިތުރު ފޯރިއެއް ލިބި އެކަންކަން އިތުރަށް ކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ހޯދުމަށް މަސައްކަތްކުރާކަމީ އަދުގެ މީހުންނާއި ޒުވާނުންގެ ފަރާތުން ފެންނަމުންދާ ދެކޮޅުވެވެން ނެތް ޙަޤީޤަތެކެވެ.
އަދި ކުރަންއުޅޭ ކަމަކަށް ހިތްހަމަ ނުޖެހޭ ފާޑުކިޔުންތައް އަޔަސް، އެއީ މާބޮޑުކަމަކަށް ނަހަދައެވެ. ކުރަން އުޅޭ ކަންތަކާއިމެދު ބަޔަކު ޙަސަދަވެރިވަނީއޭ ބުނެ ކުރަން އުޅޭ ކަންތައް ޙާޞިލުކޮށް އެކަމުގައި ދެމިހުރުމަށް ޢަޒުމު ކަނޑައަޅާ މަސައްކަތްވެސް ކުރެއެވެ.
އެހެންނަމަވެސް، ދީނީ މަޢުލޫމާތެއް ނޭންގިގެން ނުވަތަ އެނގެން ބޭނުންވެގެން، އެކަމެއްގެ މަޢުލޫމާތު ހޯދަން އުޅެވެނީ މަދު މީހަކަށާއި ޒުވާނުންނަށެވެ. އެ ބުނާ ގޫގަލް ސަރޗުކޮށްގެންނާއި ޔޫ ޓިއުބުންނާއި އަދި ވެބްސައިޓުތަކުންގެ އިތުރުން ދީނީ ޢިލްމުވެރި، ދީނީ ޢިލްމުގެ މާހިރުންގެ ކައިރިއަށް ގޮސްގެންވެސް ނުވަތަ ގުޅައިގެންވެސް ހަމަ މަޢުލޫމާތު ހޯދޭނެއެވެ. އެހެނަސް، ހިތާމައަކީ، އެކަން ކުރަން ނޫޅެވުމެވެ. އަދި އެކަމުގައިވެސް، ޢުޛުރަކަށް ދައްކާ ވާހަކައެއް އޮވެއެވެ. އެއީ، އެވެނި ޝައިޚަކު މިހެއް، މިވެނި ޝައިޚަކު މިހެން، ނުވަތަ އެވެނި ސައިޓެއްގައި މިހެން މިސައިޓުގައި މިހެން، ދުވަހަކު ޢަމަލު ކުރަންވާގޮތެއް “ނޭންގެ” މިފަދައިން ބުނެ، އަތްފޮޅާ ލުމެވެ.
އަދި ދީނީ ކަމެއްގައި އުޅެނިކޮށް ކިރިޔާވެސް މީހެއްގެ ފަރާތުން ފުރައްސާރައިގެ ބަހެއް އަތުވެލިޔަސް އެވީދެން އެކަމަކުން ދުރުހެލިވެ ގަންނާށެވެ. ޙުއްޖަތަކަށް ފުރައްސާރަ ކުރުން ނެގުމަށް ފަހުގައެވެ.
ހިތާމައަކީ، ތިމާމެން ބޭނުންވާ ދުނިޔެވީ ކަންކަމުގައި، ބޭނުންވެގެން އުޅޭކަމެއްގައި ކިތަންމެ ބަޔަކު ޚިޔާލު ތަފާތުވިޔަސް ބުނެވޭހާވެސް އެއްޗަކީ، ” ގިނަ ޚިޔާލު ތަކާއި ރަޢުޔުތަކަކީ ލިބޭ ކުރިއެރުމެއްކަމަށާއި އަދި އެކަމުގައި ކުރިޔަށްދާ ލިބޭ ހިތްވަރެއްކަމަށާއި އިތުރަށް ދިރާސާ ކުރުމަށް ލިބޭ ފިލާވަޅެއް ކަމަށެވެ. ” ދީނީ ކަންކަމުގައި މިފަދައިން ނުވަނީ ކީއްވެބާ ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިދުނިޔޭގައި ޢުޛުރެއްގެ ގޮތުގައި “ނޭންގެ” އޭ ބުނެ ތިބެވިދާނެއެވެ. އެހެނަސް ޖަވާބުދާރީވާންޖެހޭ ދުވަހެއް ކައިރީގައި އޮތްކަން ހަނދާންކުރަމާ ހިނގާށެވެ.
މިފަދަ، ޒަމާނެއްގައި އެއްޗެއް “ނޭންގޭ” ނުދަންނަ، ނުވަތަ އެނގެން ބޭނުންނުވާ ޖާހިލަކަށް ހަމަ ތިބާ ވާން ބޭނުންވަނީ ހެއްޔެވެ؟ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން ތިބާގެ ދީނާއި ތިބާގެ ޢަޤީދާ ހަރުދަނާ ކުރުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިތޯ ހޯދަން ނޫޅެ، ހަމަ އެހާ ޖާހިލު އަމިއްލަ ދީނާއިމެދު އެހާ ތަންދޮރު ނުދަންނަ މީހަކަށް ވާން ބޭނުންވަނީ ހެއްޔެވެ؟
ތިބާ ޔޫޓިއުބް ބޭނުން ކުރެއެވެ. އޭގައިވެސް ދީނީ ވީޑީއޯތައް ވެއެވެ. ފޭސް ބުކް ބޭނުން ކުރެއެވެ. އޭގައި ދީނީ ޢިލްމުވެރިންނާއި ދީނީ ޕޭޖުތައް ބައިވަރެވެ. ޓިކްޓޮކް ބޭނުންކުރެއެވެ. އޭގައިވެސް އެތަކެއް ދީނީ ޝިޢާރުތަކެއް ފައުޅު ކުރެވި ވައުޟާއި ނަޞޭޙަތް އިއްވިގެންދެއެވެ. ވައިބަރ ބޭނުން ކުރެއެވެ. ދީނީ ކޮމިއުނީތައް ގުނާ ޢަދަދު ނުކުރެވެއެވެ. ޓެލެގުރާމް ބޭނުން ކުރެއެވެ. ދީނީ ޖެނަލްތައް ނުހަނު ގިނަގުނައެވެ. މިހާރު އެންމެ ޢާންމުވެގެން އުޅޭ ކުލަބް ހައުސްވެސް ތިބާ ބޭނުން ކުރެއެވެ. ކުލަބު ހައުސްގައި ދީނީ މައުޟޫޢުތަކަށް ވާހަކަދައްކާ ކިތައް ރޫމްތައް ވޭތޯއެވެ. އަދި މިނޫންވެސް ސޯޝަލް މީޑިއާގެ އެތައް ޕްލެޓްފޯރމެއް ބޭނުންކުރެއެވެ.
ދެންވެސް ހަމަ ތިބާއަށް “ނޭންގެ” އޭ ބުނެ ބަހަނާ އިސްކުރާނަންތޯއެވެ؟
ދަންނާށެވެ. މިއިން ކޮންމެ އެއްޗަކުންވެސް ތިބާއަށް މަންމާކުރާނީ، ތިބާ އެތަކެތީގެ ބޭނުން ހެޔޮއެދޭގޮތުގައި ހިފުމުންނެވެ. ދާންއޮތް ދާއިމީ ޙަޔާތަށް ތައްޔާރުވުމަށް މިތަކެތީގެ ބޭނުމަކީ ކޮބައިކަން އަމިއްލައަށް ވިސްނާ އެތަކެތި އެދެވޭގޮތުގައި ބޭނުންކުރަންފެށުމުންނެވެ.
ތަފްސީރުގެ ޢިލްމުވެރިންގެ އިމާމު، އިބްނު ޖަރީރު އައްތަބަވީ ރަޙިމަހުﷲ އަސްލުއްދީނުގެ މައްސަލަ ބަޔާންކުރައްވަމުން ވިދާޅުވިއެވެ. ” އެއްވެސް މީހަކު ތަކުލީފުގެ ޢުމުރަށް (އެބަހީ: ބާލިޣުވުމަށް) ފަހު، އޭނާޔާ ހަމައަށް ރަސޫލަކު އަޔަސް އަދި ނަޔަސް، ނުވަތަ އޭނާއަށް އިތުރު މީހަކު ފެނުނަސް ނުފެނުނަސް މިކަމުގައި އޭނާއަށް ޖާހިލުކަމުގެ ޢުޛުރު ލިބިގެނެއް ނުވެއެވެ.”
(التبصيرفي معالم الدين: 126)
އިބްނު ޖަރީރު އައްތަބަވީ ރަޙިމަހުﷲ ގެ މިބަސްފުޅުންވެސް ދޭހަވެގެންދަނީ، މިފަދަ ޒަމާނެއްގައި، އަދި ޚާއްޞަކޮށް ތިމާއަކީ މުސްލިމު މަންމައަކާއި ބައްޕައަކާއި އުފަން، މުސްލިމު ޤައުމަކަށް އުފަން، މުސްލިމު މުޖުތަމަޢެއްގައި އުޅެބޮޑުވާ، މުސްލިމު ނަމެއް ކިޔާފައިހުރި މީހަކަށްވާތީ، ތިބާއަށް މިއަދު “ނޭންގޭ” އޭ ބުނެގެން ފުއްދަވާލެވެން ނެތްކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިއަދު، މިދުނިޔޭގައި ތިބާއަށް އެނގުނަސް “ނޭންގޭ” ކަމަށް ހަދައިގެން އުޅެވިދާނެއެވެ. އަދި “ނޭންގޭ” އޭ ބުނެ ބަހަނާވެސް ދެއްކިދާނެއެވެ.
އެހެނަސް، މާދަމާ، ޤިޔާމަތްދުވަހުގައި ތިބާ ﷲ ގެ ދަރުބާރަށް ޙާޟިރުކުރެވި ސުވާލުވެވޭނެއެވެ. ތިބާއާއި ދެކޮޅަށް އެދުވަހުން ތިބާގެ ގުނަވަންތައް ޖަވާބުދާރީވާނެއެވެ. ތިބާ ކިތަންމެ “ނޭންގޭ” ކަމަށް ހެދެން އުޅުނަސް އެދުވަހުން، އެ ގުނަވަންތައް ތިބާއާއިދެކޮޅަށް ވާހަކަދައްކާ، ތިބާ ދުނިޔޭގައި ދައްކަމުން އައީ، ބޭކާރު ބަހަނާތަކެއްކަން ހާމަކޮށްދޭނެއެވެ.
ސޫރަތު ޔާސީން ގެ 65 ވަނަ އާޔަތް ބައްލަވާށެވެ.
الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ ﴿٦٥﴾
މާނައީ” މިއަދު ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންރަސްކަލާނގެއަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިއުޅުނު عمل ތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ.”
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމާއި މެދު ވިސްނާ ފިކުރުކޮށް ތިމާގެ އުޅުމާއި ގުޅުން އިސްލާޙުކުރާކަށް ނުވޭތޯއެވެ.
ޔާ ﷲ! އަޅަމެން ނިދާފައިވާ ޣާފިލުކަމުގެ ނިދިން ހޭލައްވާ، އިބަ އިލާހުގެ ސާފުސީދާމަގަށް ރުޖޫޢަވުމުގެ ހެޔޮތައުފީޤު މިންވަރުކޮށްދެއްވާ އެމަގުގައި ފައިތިލަ ސާބިތުކޮށްދެއްވާށި. އާމީން

