ޢުޖުބާއި އޭގެ ފަރުވާ
ޢުޖުބުގެ މާނައަކީ ތިމާއަށް ތިމާ ފެނުމެވެ. ނުވަތަ އިންސާނާ އޭނާއަކީ އެންމެ ރަނގަޅު މީހާ ކަމުގައި ދެކުމެވެ. އޭނާ އަކީ އެހެން މީހުންނަށްވުރެ ހެޔޮ، ރަނގަޅު، ޞާލިޙު ނުވަތަ މޮޅު މީހެއްކަމުގައި އަމިއްލައަށް ދެކުމެވެ. އަދި އެހެންމީހުންގެ ގައިގައި ނެތްފަދަ ކަންތައްތަކެއް ތިމާގެ ގައިގައި ވާކަމަށް ދެކުމެވެ. އެހެން މީހަކަށްވުރެ އެމަޤާމަކަށް ނުވަތަ އެ ދަރަޖައަށް ތިމާއަށް ވާޞިލު ވެވިއްޖެ ކަމުގައި ދެކުމެވެ. އަދި ހަމަ އެހެންމެ، އެހެން އެއްވެސް މީހެއްގެ ކިބައިގައި ނެތްފަދަ، ބުއްދިވެރި، ހުނަރުވެރި، އެހެންމީހުންގެ ޢަމަލުތައް އެނގޭ ލޮޖިކް ވަރުގަދަ މީހެއް ކަމުގައި ތިމާ ދެކުމެވެ.
ޢުޖުބުގެ ސަބަބުން އެމީހަކު، އެހެންމީހުންނާއި ދޭތެރޭ ދެކޭނީ ނިކަމެތި ކަމާއި، ދައްކަމާއި އަދި އުނިކަމުގެ ނަޟަރުންނެވެ.
މުޠައްރިފު ބިން ޢަބްދުﷲ ވިދާޅުވިއެވެ. ” ތިމަންކަލޭގެފާނަށް، ރޭގަނޑު ރޭ އަޅުކަމުގައި ހޭދަކޮށް، ހެނދުނު ޢުޖުބުވެރި ޙާލުގައި (އެބަހީ އެކަމާއި ފަޚުރުވެރިވެ ނުވަތަ ބޮޑާވެ) ތެދުވުމަށްވުރެ، ރޭގަނޑު އެއްކޮށް ނިދުމުގައި ހޭދަކޮށް، ހެނދުނު ތެދުވެ ހިތާމައިގައި ހޭދަކުރުންވެސް މާ ލޮބުވެތިކަން ބޮޑެވެ.”
އަދިވެސް މަސްރޫޤު ރަޙިމަހުﷲ ވިދާޅުވިއެވެ. ” ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވުން، މީހަކަށް ޢިލްމެއް ގޮތުގައި ފުދެއެވެ. މީހަކު އޭނާގެ ހެޔޮޢަމަލާއި މެދު ޢުޖުބުވެރިވުން (ފަޚުރުވެރިވުން) އޭނާގެ ޖާހިލުކަމަށް ފުދެއެވެ. “
ދެންފަހެ މިކަމާއި ގުޅިގެން ބައެއް ސަލަފުން ވިދާޅުވެފައިވެއެވެ. ” ފާފަ ނުވަތަ ނުބައި ޢަމަލު ކުރާ މީހަކުވެސް، އެ ނުބައި ޢަމަލުގެ ސަބަބުން ޖަންނަތައް (ސުވަރުގެއަށް) ވަދެއެވެ. އަދި ރަނގަޅު ހެޔޮޢަމަލު ކުރާ މީހަކު، އެ ހެޔޮޢަމަލުގެ ސަބަބުންވެސް ޖަހަންނަމައަށް (ނަރަކައަށް) ވަދެއެވެ. ” މީސްތަކުން ދެންނެވިއެވެ. ތިޔަފަދައިން ވާނީ ކިހިނެތްތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. ” އޭނާ އެ ނުބައި ޢަމަލު ކުރެއެވެ. އެކަމުގެ ފާފަ އޭނާގެ ދެލޮލުގެ ކުރިމަތިން ނުދެއެވެ. އޭނާއަށް އެ ފާފަ ހަނދުމަވާ ކޮންމެ ފަހަރަކު ﷲ އަށް އިސްތިޣުފާރު (ފާފަފުއްސަވާތޯ ދެންނެވުން) ކުރެއެވެ. އަދި ދެރަވެ، އެކަލާނގެ އަށް ތައުބާވެ، ރުޖޫޢަވެ، އޭނާއަށް ކުރެވުނު ފާފައިގެ ކައްފާރާއެއްގެ (ބަދަލެއްގެ) ގޮތުގައި ހެޔޮޢަމަލުތައް ކުރެއެވެ. އެހެންކަމުން އެ ނުބައި ޢަމަލު އޭނާ ޖަންނަތައް (ސުވަރުގެއަށް) ވަނުމުގެ ސަބަބަކަށް ވެއެވެ. ހެޔޮޢަމަލު ކުރާ މީހާ، އެ ހެޔޮޢަމަލުގެ ސަބަބުން ނަރަކައަށް ވަންނަ ސަބަބަކީ، އޭނާ އެ ހެޔޮޢަމަލު ކުރުމަށްފަހު، އެ ހެޔޮ ޢަމަލު އޭނާގެ ދެލޯ ކުރިމަތިން ނުދެއެވެ. އެ ހެޔޮޢަމަލު މަތިން ހަނދުމަ އާލާކުރެއެވެ. އެ ޢަމަލާއިމެދު ފަޚުރުވެރިވެއެވެ. އަދި އެ ހެޔޮޢަމަލުން އެހެން މީސްތަކުންގެ މައްޗަށް ބޮޑުވެ މަތިވެރިވެގެން ވެއެވެ. މި ހެޔޮޢަމަލުތަކުގެ ސަބަބުން މީސްތަކުގެ ކިބައިން އޭނާއަށް އިޙްތިރާމްކުރުމަށާއި މުޤައްދަސް ކުރުމަށާއި ޢިއްޒަތް ކުރުމަށް އެދޭނެއެވެ. ކަންމިހެން ހުރުމުގެ ސަބަބުން އޭނާ ކުރި ހެޔޮޢަމަލުތަކާއި ހުރެވެސް އާޚިރުގައި އޭނާ ވަންނާނީ ނަރަކައިގެ އަނދައަނދާ ހުންނަ އަލިފާނުގެ ތެރެއަށެވެ.”

