ދީން

މުޙައްރަމް މަސް: ރޯދަހިފުން މޮޅު އިތުރުވެގެންވާ މަހެއް

ބަރަކާތްތެރި ވެގެންވާ ރަމަޟާންމަހަށްފަހު، އެންމެ މޮޅު އިތުރުވެގެންވާ ރޯދައަކީ މުޙައްރަމު މަހު ހިފާ ރޯދަކަމަށް މާތް ނަބިއްޔާ ﷺ  ޙަދީޘް ކުރައްވާފައިވެއެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

“‏أفضل الصيام بعد رمضان شهر الله المحرم، وأفضل الصلاة بعد الفريضة صلاة الليل‏”‏‏.‏ ‏(‏‏(‏رواه مسلم‏)‏‏)

މާނައީ” ރަމަޟާންމަހަށްފަހު އެންމެ މޮޅު އިތުރުވެގެންވާ ރޯދައަކީ ﷲ ގެ މައްސަރުކަމުގައިވާ މުޙައްރަމު މަހުގެ ރޯދަ އެވެ. އަދި ފަރުޟު ނަމާދަށްފަހު އެންމެ މޮޅު އިތުރުވެގެންވާ ނަމާދަކީ ރޭ އަޅުކަމެވެ.

[ރިޔާޟުއް ޞާލިޙީން 1167]

މުޙައްރަމު މަހާއި ގުޅޭ ޚާއްޞަ މަޢުލޫމާތުތަކެއް:-

  • ﷲ ތަޢާލާ މާތް ކުރެއްވި ހަތަރު މައްސަރުތަކުގެ ތެރެއިން މަހެއް
  • އެމަހުގައި ކުރާ ފާފަ، އެހެން މައްސަރުތަކުގައި ކުރާ ފާފަތަކަށްވުރެ ބޮޑުވެގެންވެއެވެ.
  • އެމަހުގައި ކުރާ ހެޔޮކަންތައް، އެހެން މައްސަރުތަކުގައި ކުރާ ހެޔޮކަންތަކަށްވުރެ އަޖުރުގެ ގޮތުން ބޮޑުވެގެންވެއެވެ.
  • މުޙައްރަމު މަހުގައި ގިނަގިނައިން ރޯދަ ހިދުން އައުލާވެގެންވެއެވެ. އެހެނީ މަތީގައި ބަޔާންކުރެވުނު ޙަދީޘްގައިވާ ފަދައިން، ރަމަޟާންމަހަށްފަހު އެންމެ މާތްވެގެންވަނީ މިމަހުގެ ރޯދަކަމަށް އައިސްފައިވުމެވެ.
  • ޢާޝޫރާ ދުވަހު (އެބަހީ މުޙައްރަމު މަހުގެ 10 ވަނަ ދުވަހު) ރޯދަ ހިފުން ސުންނަތުން ސާބިތުވެގެން އައިސްފައިވުން. އެހެނީ އެދުވަހު ރޯދަހިފުމުން ވޭތުވެދިޔަ އަހަރުގެ ފާފަ ފޮހެވިގެން ދިއުމަށް ލޯބިކުރައްވާކަމަށް ނަބިއްޔާ ޙަދީޘް ކުރައްވާފައިވުމެވެ. (ބައްލަވާ: ޖާމިޢަ ތިރުމިޛީ 752)
  • ޢާޝޫރާ ދުވަހު ރޯދަ ހިފުމުގައި އެންމެ މޮޅުއިތުރުގޮތަކީ، ޢާޝޫރާ ދުވަހާއި ވިދިގެން އެދުވަހުގެ ކުރިން ނުވަތަ އެދުވަހުގެ ފަހުން އެއްދުވަހު ރޯދައަށް ހުރުމެވެ.

އެހެންކަމުން މި މަތިވެރިވެގެންވާ މުޙައްރަމު މަހު ހެޔޮޢަމަލުކުރުން ގިނަކުރުން ހުއްޓެވެ. ޚާއްޞަކޮށް ފާފަތަކުން ދުރުހެލިވެ، މިމަހުގައި ރޯދަހިފުން ގިނަކުރުން ހުއްޓެވެ. އެގޮތުން މިމަހުގެ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ރޯދައަށް ހުރުމާއި މިމަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ނުވަތަ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ރޯދައަށް ހުންނާށެވެ. އަދި މިމަހުގެ 13 14 15 ވަނަ ދުވަހުވެސް ރޯދަ ހިފުމަށް ލޯބިކުރާށެވެ.

އޭރުން އިންޝާ ﷲ މިމަހުގެ ހެޔޮކަމުގެ ބޮޑުބައެއް ޙާޞިލްކުރެވިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

މީގެ އިތުރުންވެސް ގިނަގިނައިން ޛިކުރުކުރުމާއި ޤުރްއާން ކިޔެވުން އިތުރުކުރުން ހުއްޓެވެ.

މިމަތިވެރި މައްސަރުގެ މާތްކަމާއި ހެޔޮކަން އަޅަމެންނަށް މިންވަރުކޮށްދެއްވާށި. އާމީން

އެއް ކޮމެންޓް

  1. ދީނީ ލިޔުންތައް ޝާއިޢު ކުރައްވާއިރު ލިޔުންތެރިޔާގެ ފުރުހަމަ ނަން ޖެއްސެވުން ވަރަށް މުހިއްމު ކަމަުގައި އަޅުގަނޑު ދެކެން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close