ޙަޤީޤީ ޙާދިސާ: ދަމުނަމާދުގައި ހިމެނިގެންވާ ޚާއްޞަ ރަޙުމަތް
މިރޭވެސް މިފަށަނީ އަހަރެންނަށް އެކަމުގެ ޙަޤީޤަތް ވަރަށް ގާތުން އެނގޭ ވާހަކައަކުންނެވެ. އެއަންހެން މީހާއަކީ އުމުރުން 40 އަހަރުގެ އަންހެނެކެވެ. އެހައިތަނަށް އައިއިރު ފުރަތަމަ ފިރިމީހާ އާއި 2 ކައިވެނި އަދި އިތުރު 2 މީހުންނާއި ދެކައިވެނިކުރެވިފައިވާ އަންހެނެކެވެ.
3 ވަނަ ފިރިމީހާގެ ކިބައިންވެސް އޭނާއަށް ލިބެމުން ދިއައީ ހިތްދަތިކަމާއި އަނިޔާއެވެ. އެންމެ ކުޑަމިނުން ޚަރަދުވެސް ނުކުރެއެވެ. ދިރިއުޅެންޖެހިފައި އޮތީ އަމިއްލަމަސައްކަތުންނެވެ. އެޙާލަތުގައިވެސް އޭނާ ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދު ކަނޑައެއް ނުލައެވެ. ހުރީ އަޅުކަންކުރުމުގައި ސާބިތުވެގެންނެވެ. ދަމުނަމާދުވެސް ކުރެއެވެ. އުފާވެރި ޒަވާޖީ ޙަޔާތެއް ދެއްވެވުން އެދި ދުޢާވެސް ކުރެއެވެ.
އިސްތިޚާރާ ކުރުމަށްފަހު އޭނާ 3 ވަަނަ ފިރިމީހާގެ ގާތުން ވަރިވިއެވެ. ޢިއްދަ ހަމަވިތަނާހެން އޭނާއަށް ލިބުނު ފުރުޞަތުގައި 4 ވަނަ މީހާއާއި ކައިވެނިކުރިއެވެ. އަދި އެމީހާވީ އޭނާ އެދެމުން އައިފަދަ ފިރިއަކަށެވެ. ކޮންމެރެއަކުވެސް ދެމަފިރިން އެކުގައި ދަމުނަމާދުވެސް ކުރެއެވެ. ފަތިސްނަމާދުވެސް ކުރެއެވެ. ފަތިސްނަމާދަށްފަހު ދެމަފިރިން އެކުގައި ހިނގާލަން ޕާކްތަކަށްވެސްދެއެވެ. އަދި ކީއްހެއްޔެވެ؟ އަނބިމީހާދެކެ އިންތިހާއަށް ލޯބިވެސްވެއެވެ. ހުރިހާ ޚަރަދުތަކެއްވެސް އޭނާގެ ފެންވަރުން ބަލަހައްޓައިދެއެވެ.
އަދި ކީއްހެއްޔެވެ؟ ދެމަފިރިން އެކުގައި ހިނގާތަން ބަލަން 3 ވަނަ ފިރިމީހާ ކޮންމެ ދުވަހަކު ޕާކުގައި ހުރެއެވެ. ކަޅިޖަހާނުލައި ބަލަންހުރެއެވެ. ނަމަވެސް ދަތްދޮޅީގައި އަތްވިއްދާލައިގެންނެވެ.
ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުމަކީ ޢާންމުކަމެކެވެ. ވަރަށް މަދު ދެމަފިރިއެއްގެ މެދުގައި ނޫނީ ކޮންމެވެސް މިންވަރެއްގެ މައްސަލަތަކެއް ޖެހޭނެއެވެ. މައްސަލަތައް ޖެހޭކަން އެހެން މީހުންނަށް ނުއެނގެނީ އެ މައްސަލަތައް އެމީހުންގެ މަސައްކަތުން ޙައްލުކުރެވޭތީއެވެ.
ބައެއްފަހަރު ކަންކަން އިތުރަށް ގޯސްވެގެންދަނީ ޖެހޭ ކޮންމެ މައްސަލައެއް އެކުވެރިންނާއި ހިއްބާކުރާތީއެވެ. އަދި ބައެއް ފަހަރު ޢާއިލާއާއި ހިއްޞާކުރުމުންވެސް ކަންކަން ގޯސްވެގެންދެއެވެ. ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް އެހެން މީހުންނާއި ހިއްޞާކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. އެންމެ ރަނގަޅީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ހިއްޞާ ނުކުރުމެވެ. ހިއްބާކުރަމުން ގެންދަންވީ ﷲ ތައާލާގެ ޙަޟްރަތުގައެވެ.
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަންވެސް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ދަމުނަމާދެވެ. ދަމުނަމާދުކޮށް ދުޢާކުރާށެވެ! ދަމުނަމާދަކީ ދަންވަރު ވަރަށް ސިއްރުން ކުރެވޭ ނަމާދެކެވެ. ދެމަފިރިންނަމަވެސް އެކުގައި ދަމުނަމާދުކުރެވެނީ ވަރަށް މަދު ދެމަފިރިއަކަށެވެ. ގިނައިން ދަމުނަމާދުކުރެވެނީ އެކަނި ހުރެއެވެ.
ދަމުނަމާދުކޮށް ﷲ ތަޢާލާގެމަތިން ހަނދުމަކޮށް ޛިކްރުކޮށް ދުޢާކުރުމުން އެމީހަކާއިމެދު ﷲ ތަޢާލާ ޚާއްޞަގޮތަކުން ބައްލަވައިވޮޑިގެންވެއެވެ. އެމީހަކަށް ހީވެސްނުކުރެވޭ ފަދަ ނިޢްމަތްތައް ދެއްވަވަތެވެ. އެމީހާއަށް ކުރިމަތިވާ ބޮޑެތިކަންކަންވެސް ނުހަނު ފަސޭހައިން ޙައްލުކުރައްވަވައި ދެއްވަވަތެވެ. އެކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އެނގިގެންދެއެވެ.
ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަށްވެސް އަދި ދެމަފިރިންގެ މެދުގައި ލޯބި އިތުރުވެ ގުޅުން ބދަހިވުމަށް އެދިގެންވެސް ދަމުނަމާދުކޮށް ޛިކުރުކޮށް ޤުރްއާން ކިޔަވައި ދުޢާކުރާށެވެ! އެކަންކަން ﷲ ތަޢާލާ ޙައްލުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ޔަޤީންކަމަކީ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ދަމުނަމާދުކުރާ މީހާއަށް ޚާއްޞަ ރަޙްމަތްތަކެއްވާކަމެވެ. ވީމާ ފަހަރެއްގައި ދިމާވާގޮތަކުން ކައިވެނި ރޫޅެން މެދުވެރިވިނަމަވެސް އެމީހަކަށް ދެން މެދުކުރައްވަވާ ޙާލަތުގައި މާރަނގަޅު ގޮތްތައް ފެނިގެންދާނެއެވެ. މާއުފާވެރިކަން ލިބިގެންދާނެއެވެ!
ދަމުނަމާދަކީ އެމީހަކު ﷲ ތަޢާލާ ދެކެ ލޯބިވާވަރު އަނގައިދޭ ނަމާދެކެވެ. އެމީހަކީ ﷲ ތަޢާލާދެކެ އެވަރަށް ލޯބިވާ މީހަކުކަމުގައިވާނަމަ ﷲ ތަޢާލާ އެމީހަކު ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ
– އިސްލާމީ ތިލަފަތުގެ ދަރުސަކުން

