ވާހަކަ: ތިބާ ބޭނުންވަރަކަށް ކިޔެވުން ދިގު ކުރާށެވެ. ތިޔަ ކިޔެވި ދެ އާޔަތް ފިޔަވައެވެ.
އެއްދުވަސްވަރެއްގައި އުޅުނު އަމީރެކެވެ. އަމީރު ޢާއްމު ގޮތެއްގައި ނަމާދު ކުރައްވާ، މިސްކިތުގެ އިމާމަކީ އޭނާގެ ނަމާދުގައި ދިގުކޮށް ކިޔަވާ އިމާމެކެވެ.
އެހެންކަމުން އަމީރު މި އިމާމު މީސްތަކުންގެ ކުރިމައްޗަށް ޙާޟިރުކުރިއެވެ. އަދި އިމާމަށް ބުންޏެވެ:
” ތިބާ އާޔަތަކަށްވުރެއް ދިގުކޮށް، އެއްވެސް ރަކުޢަތެއް ގައި ކިޔަވައިގެން ނުވާނެވެ.”
ދެން އިމާމް އެމީހުންނާވެގެން މަޣްރިބް ކުރިއެވެ. ފާތިޙާ ސޫރަތަށް ފަހުގައި އިމާމް ފުރަތަމަ ރަކުޢަތުގައި މި އާޔަތް ކިޔެވިއެވެ:
“وَقالوا رَبَّنا إِنّا أَطَعنا سادَتَنا وَكُبَراءَنا فَأَضَلّونَا السَّبيلا”
(“އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާޙިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ.”)
އަދި އިމާމް، ދެވަނަ ރަކުޢަތުގައި ފާތިޙާ ސޫރަތަށް ފަހުގައި މި އާޔަތް ކިޔެވިއެވެ:
“رَبَّنا ءاتِهِم ضِعفَينِ مِنَ العَذابِ وَالعَنهُم لَعنًا كَبيرًا”
(“އަޅަމެންގެ ވެރި ރަސްކަލާކޮ! ޢަޛާބުގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ ލަޢުނަތް ލެއްވުމަކުން، އެއުރެންނަށް ލަޢުނަތް ލައްވާނދޭވެ!”)
ނަމާދަށް ފަހުގައި އަމީރު(ވެރިޔާ)، އިމާމް ކައިރިޔަށް އައިސް ބުންޏެވެ:
“ނަމާދުގައި ކިޔެވުން ދިގުކުރަން ބޭނުންވަރަކަށް ދިގުކުރާށެވެ. އަދި ތިބާ ކިޔަވަން ބޭނުން އާޔަތެއް ކިޔަވާށެވެ. އެހެންނަމަވެސް ތިޔަ ކިޔެވި 2 އާޔަތް ފިޔަވައެވެ.”
ނެގިފައިވަނީ: (أجمل ما قرأت في اللغة والأدب)

