ދީން

ޟުޙާ ނަމާދުގެ މާތްކަމާއި އެ ނަމާދު ކުރާނެގޮތް

ޟުޙާ ނަމާދުގެ މާތްކަމާއި މަތިވެރިކަން

ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދު ކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވެފައިވެއެވެ.

«كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا، وَيَزِيدُ مَا شَاءَ اللهُ» [رواه مسلم  (719)]

ގުޅުންހުރި ލިޔުންތައް

މާނައީ: “ﷲ ގެ ރަސޫލާ صلى الله عليه وسلم ޟުޙާ ނަމާދުގެ ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރުކުރައްވައެވެ.”

އަދި އެކަލޭގެފާނު  صلى الله عليه وسلم ޟުޙާ ނަމާދުކުރެއްވުމަށް ޞަޙާބީންނަށް އިރުޝާރުދެއްވިއެވެ.

އައްޝައިޚް އިބްނު ބާޒް رحمه الله ވިދާޅުވެފައިވެއެވެ.

“ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ޞަޙާބީންނަށް ޟުޙާ ނަމާދު ކުރެއްވުމަށް އިރުޝާދުދެއްވިއެވެ.”

[مجموع الفتاوى (11 / 389)]

ޟުޙާ ނަމާދުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްތައް

  1. އަބޫ ޛައްރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«يُصْبِحُ عَلَى كُلِّ سُلَامَى مِنْ أَحَدِكُمْ صَدَقَةٌ، فَكُلُّ تَسْبِيحَةٍ صَدَقَةٌ، وَكُلُّ تَحْمِيدَةٍ صَدَقَةٌ، وَكُلُّ تَهْلِيلَةٍ صَدَقَةٌ، وَكُلُّ تَكْبِيرَةٍ صَدَقَةٌ، وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ، وَنَهْيٌ عَنِ الْمُنْكَرِ صَدَقَةٌ، وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى» [رواه مسلم (720)]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ހެނދުނު ކުރަނީ އެމީހެއްގެ (ހަށިގަނޑުގައިވާ) ކޮންމެ ހުޅަކަށް ޞަދަޤާތެއްވާ ޙާލުގައެވެ.  ފަހެ، ކޮންމެ ތަޞްބީޙައަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ ޞަދަޤާތެކެވެ. އަދި ހެޔޮކަންކަމަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި ނުބައިކަންކަން މަނާކުރުމަކީ ޞަދަޤާތެކެވެ. އަދި ޟުޙާ ނަމާދުގެ ދެ ރަކްޢަތް އެ ހުރިހާ ޞަދަޤާތަކަށް ފުދިގެންވެއެވެ.”

  1. އަބޫ ހުރައިރާ رضي الله عنه ވިދާޅުވެފައިވެއެވެ.

أَوْصَانِي خَلِيلِي بِثَلاَثٍ لاَ أَدَعُهُنَّ حَتَّى أَمُوتَ: «صَوْمِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلاَةِ الضُّحَى، وَنَوْمٍ عَلَى وِتْرٍ» [رواه البخاري (1178)، ومسلم (721)]

މާނައީ: “އަހަރެންގެ ޚަލީލު (ނަބިއްޔާ صلى الله عليه وسلم) އަހަރެންނަށް 3 ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވި އެވެ. އަދި ތިމަންކަލޭގެފާނު އަވަހާރަފުޅުވެއްޖައުމަށް ދާންދެން އެކަންތައް ދޫނުކޮށް ކުރައްވާނަމެވެ. އެއީ ކޮންމެ މަހެއްގައި ތިން ދުވަހު ރޯދައަށް ހުރުމަށާއި، ޟުޙާ ނަމާދު ކުރުމަށާ އަދި ނިދަން އޮށޯތުމުގެ ކުރިން ވިތުރި ނަމާދު ކުރުމަށެވެ.”

އަބުއްދަރްދާއު رضي الله عنه ވިދާޅުވެފައިވެއެވެ.

أَوْصَانِي حَبِيبِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلَاثٍ، لَنْ أَدَعَهُنَّ مَا عِشْتُ: «بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلَاةِ الضُّحَى، وَبِأَنْ لَا أَنَامَ حَتَّى أُوتِرَ» [رواه مسلم  (722)]

މާނައީ: “ތިމަންކަލޭގެފާނު ނުހަނު ލޯބިވާ (ނަބިއްޔާ) صلى الله عليه وسلم ތިމަންކަލޭގެފާނަށް 3 ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު ދިރިހުންނެވިހާހިނދަކު އެ 3 ކަންތައް ދޫނުކުރައްވާނަމެވެ. އެއީ ކޮންމެ މަހަކު 3 ދުވަހު ރޯދަހިފުމަށާއި އަދި ޟުޙާ ނަމާދު ކުރުމަށާ އަދި ވިތުރި ނަމާދުކުރުމުގެ ކުރިން ނުނިދުމަށެވެ.”

އަލްޤުރުޠުބީ ވިދާޅުވެފައިވެއެވެ.

“(ޟުޙާ ނަމާދުކުރުމަށް) އެ ދެބޭކަލުންނަށް ނަބިއްޔާ ވަޞިއްޔަތްޕުޅު ކުރެއްވުމުން ޟުޙާ ނަމާދުގެ މާތްކަމާއި ޘަވާބުގެ ގިނަކަން ދަލީލުކޮށްދެއެވެ.” [المفهم لما أشكل من تلخيص مسلم]

އަލްޤުރުޠުބީ رحمه الله ވިދާޅުވެފައިވެއެވެ.

“އަބޫ ހުރައިރާ އަދި އަބޫ އައްދަރްދާއި رضي الله عنهما އަށް ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުކުރެއްވުމަށް ވަޞިއްޔަތް ކުރެއްވުމުން ޟުޙާ ނަމާދުގެ މާތްކަމާއި މަތިވެރިކަމާ އަދި އެނަމާދުގެ ޘަވާބު ބޮޑުކަން ދަލީލުކޮށްދެއެވެ. އަދި އެ ދެ ބޭކަލުން ޟުޙާ ނަމާދަށް ރައްކާތެރިވެ، ދުވަހަކުވެސް އެ ނަމާދު ދޫނުކުރައްވައެވެ.” [المفهم لما أشكل من تلخيص مسلم]

  1. އަބުއްދަރްދާއު އަދި އަބޫ ޛައްރު رضي الله عنهما ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން

ރިވާކުރެއްވިއެވެ. ﷲ عز وجل ވަޙީކުރެއްވިއެވެ.

«ابْنَ آدَمَ ارْكَعْ لِي أَرْبَعَ رَكَعَاتٍ مِنْ أَوَّلِ النَّهَارِ أَكْفِكَ آخِرَهُ» [رواه الترمذي (475)، وصححه الشيخ الألباني]

މާނައީ: “އާދަމުގެ ދަރިޔާއެވެ! ތިމަން ﷲ އަށް، ދުވާލުގެ ކުރީކޮޅު ތިބާ 4 ރަކްޢަތް ކުރާށެވެ. އޭރުން އެދުވަހުގެ ފަހުބައި ތިބާއަށް ފުދިގެންވާނެއެވެ.” (މާނައަކީ އެ ދުވަހަކު ﷲ އެމީހަކު، އެންމެހާ ނުބައި ކަންކަމުން ރައްކާތެރިކުރައްވާނެއެވެ.)

އަލްމުބާރަކްފޫރީ رحمه الله، މި ޙަދީޘާއި ބެހެގޮތުން ވިދާޅުވަފައިވެއެވެ.

“(ދުވާލުގެ ކުރީކޮޅު) އާއި ބެހޭގޮތުން ބުނެވެއެވެ. އޭގެ މުރާދަކީ ޟުޙާ ނަމާދެވެ. އަދި އެއީ އިޝްރާޤް ނަމާދުކަމަށްވެސް ބުނެވެއެވެ. އަދި އެއީ ފަތިސް ނަމާދާއި ފަތިސް ނަމާދުގެ ސުންނަތްކަމުގައިވެސް ބުނެވެއެވެ. އެހެނީ ޝަރީޢަތުގައި ދުވާލު އެންމެ ފުރަތަމަ އަދާކުރެވޭ ފަރުޟަކީ އެއީ ކަމުގައި ވުމެވެ. އަހަރެން ބުނަމެވެ: ލިޔުންތެރިޔާވެސް އަދި އަބޫ ދާވޫދުވެސް ޚިޔާރުކުރެއްވީ މި ރަކްޢަތްތަކަކީ އެއީ ޟުޙާ ނަމާދުކަމުގައެވެ. މިހެންވެ ޟުޙާ ނަމާދުގެ ބާބުގައި މި ޙަދީޘް ގެނައީމެވެ.” [تحفة الأحوذي (2 / 478)]

  1. އަބޫ ހުރައިރާ رضي الله عنه ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

» «لَا يُحَافِظُ عَلَى صَلَاةِ الضُّحَى إِلَّا أَوَّابٌ» . قَالَ: «وَهِيَ صَلَاةُ الْأَوَّابِينَ» [رواه ابن خزيمة (1224)، وحسنه الألباني في “صحيح الترغيب والترهيب (1 / 164)]

މާނައީ: “އައްވާބުން (ގިނަގިނައިން ﷲ ގެ ޙަޟްރަތަށް ތަޥްބާވާ މީހުން) މެނުވީ ޟުޙާ ނަމާދަށް ރައްކާތެރިނުވާނެއެވެ. ޟުޙާ ނަމާދަކީ އައްވާބުންގެ ނަމާދެވެ.”

  1. އަނަސް ބުނު މާލިކް رضي الله عنه ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ صَلَّى الغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ»، «تَامَّةٍ تَامَّةٍ تَامَّةٍ» [رواه الترمذي برقم (586)، وحسنه الشيخ الألباني رحمه الله في “صحيح سنن الترمذي”]

މާނައީ: ” ޖަމާޢަތުގައި ފަތިސްނަމާދުކޮށް، އިރުއަރަންދެން ﷲ އަށް ޛިކުރު ކުރުންމަތީ ދެމި ހުރެ، އެއަށްފަހު ދެ ރަކްޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖަކާއި ޢުމްރާއެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ.”

އަލްމުބާރަކްފޫރީ رحمه الله، މި ޙަދީޘާއި ބެހެގޮތުން ވިދާޅުވަފައިވެއެވެ.

“(އެއަށްފަހު ދެ ރަކްޢަތް ނަމާދެއް ކޮށްފިމީހާ) މާނައަކީ އިރު އެރުމަށް ފަހުގައެވެ. އައްޠީބިއްޔު رحمه الله ވިދާޅުވެފައިވެއެވެ: އޭގެ މާނައަކީ ނަމާދުކުރުން ނަހީ ވަޤުތު ފިލައިގޮސް އިރު ލޮންސިއެއްގެ މިންވަރަށް އެރުމުން ތެދުވެ ނަމާދުކުރުމެވެ. މި ނަމާދަކީ އިޝްރާޤް ނަމާދެވެ. އެއީ ޟުޙާ ނަމާދުގެ ވަޤުތުގެ އެންމެ ކުރީކޮޅު ކުރެވޭ ނަމާދެވެ.” [تحفة الأحوذي بشرح جامع الترمذي (3 / 158)]  

والله أعلم.

ޟުޙާ ނަމާދު ކުރާނެގޮތް

ސުވާލު: ޟުޙާ ނަމާދު ދާއިމީ ގޮތެއްގައި ކުރާނަމަ ކުރާނީ ކިތައް ރަކުޢަތް ހެއްޔެވެ؟ ރަސޫލުﷲ صلى الله عليه وسلم ކުރެއްވިފަދައިން އަށް ރަކުޢަތް ހެއްޔެވެ؟ އަދި އެ ނަމާދުގައި ކިޔަވަނީ ކޮން ސޫރަތްތަކެއް ހެއްޔެވެ؟ ފާތިޙާއަށް ފަހު ފަށާނީ وَالشَّمْسِ ނުވަތަ وَالضُّحَىٰ  އިން ހެއްޔެވެ؟

ޖަވާބު: ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم އެނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންނަށް އެނަމާދު ކުރުމަށް އިރުޝާދު ދެއްވިއެވެ. އެނަމާދުގެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. ތިބާ އެ ދެ ރަކުޢަތް ކުރުމަށް ރައްކާތެރިވުމުން އެނަމާދު އަދާކުރެވުނީއެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އެނަމާދަށް ވަކި ޢަދަދަކަށް ރަކުޢަތްކުރުމަށް ޙައްދެއް ކަނޑައެޅިފައެއް ނުވެއެވެ. ތިބާއަށް ފަސޭހަ މިންވަރަކަށް ކުރުމުން ފުދޭނެއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسلم ދެ ރަކުޢަތް ކުރެއްވިއެވެ. އަދި ހަތަރު ރަކުޢަތްވެސް ކުރެއްވިއެވެ. އަދި މައްކާ ފަތަޙަ ކުރެއްވި ދުވަހު އަށް ރަކުޢަތް ކުރެއްވިއެވެ. ފަހެ، މިކަމުގައި މާބޮޑު މައްސަލައެއް ނެތެވެ.

ޞަޙީޙު މުސްލިމް ގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

((كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي الضُّحَى أَرْبَعًا، وَيَزِيدُ مَا شَاءَ اللهُ)) [رواه مسلم في (صلاة المسافرين) برقم (1175)، وابن ماجه في (إقامة الصلاة) برقم (1371)، والإمام أحمد في (باقي مسند الأنصار) برقم  (25084)]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުގެ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ.”  

ޞަޙީޙު މުސްލިމް އާއި ޞަޙީޙު ބުޚާރީގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلَاثٍ: ((بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أنام)) [رواه البخاري في (الصوم) برقم (1845) واللفظ له، ومسلم في (صلاة المسافرين) برقم (1182)]

މާނައީ: “ތިމަންކަލޭގެފާނުގެ ޚަލީލު ތިމަންކަލޭގެފާނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ.”

މައްކާ ފަތަޙަކުރެއްވި ދުވަހު ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުގެ އަށް ރަކުޢަތް ކުރައްވަނިކޮށް އުންމު ހާނީ رضي الله عنها ދެކެވަޑައިގަތްކަމަށް އެކަމަނާގެ އަރިހުން ޞަޙީޙު މުސްލިމް އާއި ޞަޙީޙު ބުޚާރީގައި ރިވާކުރައްވާފައިވެއެވެ. [رواه البخاري في (الصوم) برقم (344)، ومسلم في (صلاة المسافرين) برقم (1177)]

ފަހެ، އަށެއް، ދިހައެއް، ބާރަ ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ މަދުން ރަކުޢަތް ކުރުމަކީ މައްސަލައެއް ނޫންކަން އަންނަނިވި ޙަދީޘުން އެނގެއެވެ.

((صَلَاةُ اللَّيْلِ وَالنَّهَارِ مَثْنَى مَثْنَى)) [رواه الإمام أحمد في (مسند المكثرين من الصحابة) برقم (4776)، ورواه الترمذي في (الصلاة) برقم (424) و (429)، وفي الجمعة برقم (597)، والنسائي في (قيام الليل وتطوع النهار) برقم (1666). وأبو داود في (الصلاة) برقم (1295)، وابن ماجه في (إقامة الصلاة والسنة فيها) برقم (1322)]

މާނައީ: “ރޭގަނޑާއި ދުވާލު ދެ ރަކުޢަތުން ދެ ރަކުޢަތުން ނަމާދު ކުރާށެވެ.”

ފަހެ، ސުންނަތް ގޮތަކީ ކޮންމެ ދެރަކުޢަތަކުން ސަލާމްދެމުން ދެ ރަކުޢަތުން ދެ ރަކުޢަތުން ނަމާދުކުރުމެވެ. ޟުޙާ ނަމާދުގެ އެންމެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. އެއީ އިރު އެރީއްސުރެ އިރު މެދު ޖެހުމާ ހަމައަށެވެ. ޟުޙާގެ ވަޤުތަކީ އެއީއެވެ. އެންމެ ރަނގަޅު ގޮތަކީ އިރުގެ ހޫނު ގަދަވެގަންނަ ވަޤުތު އެ ނަމާދު ކުރުމެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

((صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُ)) [رواه مسلم في صحيحه]

މާނައީ: “ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާނަމާދުވަނީ) ހޫނުކަން ގަދަވެގަންނަ ވަޤުތެވެ.”

އޭގެ މުރާދަކީ ޅަޖަމަލުތަކަށް ބިންގަނޑުގެ ހޫނުކަން އިޙުސާސްވާ ގަޑިއެވެ. (1)

ފަހެ، އެނަމާދު އެއް ދުވަހު ކޮށްފައި އަނެއް ދުވަހު ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ދާއިމީ ގޮތެއްގައި އެނަމާދު ކުރުމެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

((أَنَّ أَحَبَّ الْعَمَلِ إِلَى اللهِ أَدْوَمُهُ وَإِنْ قَلَّ)) [رواه البخاري في (الرقاق) برقم (5983)، ومسلم في (الصيام) برقم (1958) واللفظ له]

މާނައީ: “ހަމަކަށަވަރުން ﷲ އެންމެ ލޯބިވެވޮޑިގެންވާ ޢަމަލަކީ ކިޔަންމެ މަދުވިޔަސް ދާއިމީގޮތެއްގައި ކުރާ ކަންކަމެވެ.”

ފަހެ، އެންމެ ހެޔޮވެގެންވަނީ ދާއިމީ ގޮތެއްގައި ކުރުމެވެ. ދާއިމީގޮތެއްގައި ޟުޙާ ނަމާދު ދޫކޮށްލައިފި މީހަކު ނުވަތަ ބައެއް ދުވަސް ދުވަހު އެނަމާދު ދޫކޮށްލައިފި މީހެއްގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެހެނީ އެއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. ﷲ އަށް ޙަމްދު ހުއްޓެވެ.

ދެންފަހެ، ސުންނަތްވެގެން ވަނީ ފާތިޙާ ސޫރަތާއެކު އެމީހަކަށް ފަސޭހަވެގެންވީ މިންވަރަކަށް ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔެވުމެވެ. ކިޔެވުމަށް ވަކި މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ.  ވާޖިބުވެގެންވަނީ ފާތިޙާ ސޫރަތް ކިޔެވުމެވެ. އޭގެ އިތުރަށް ކިޔަވާ ކިޔެވުމަކީ ސުންނަތެވެ. ފަހެ، وَالشَّمْسِ وَضُحَاهَا ނުވަތަ وَاللَّيْلِ إِذَا يَغْشَىٰ ނުވަތަ وَالضُّحَىٰ  ނުވަތަ أَلَمْ نَشْرَحْ ނުވަތަ وَالتِّينِ ނުވަތަ اقْرَأْ ނުވަތަ އެނޫން ސޫރަތްތަކެއް ކިޔެވިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. ނުވަތަ ވަކި ޢަދަދަކަށް އާޔަތްތަކެއް ނުވަތަ ފާތިޙާ ސޫރަތަށް ފަހު އެންމެ އާޔަތެއް ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިހުރިހާ ގޮތެއްވެސް ރަނގަޅެވެ.

والحمد لله. وفق الله الجميع.

__________________________________________________

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله

(ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ(

(1) މިޙަދީޘްގައި “ޅަޖަމަލުތަކުގެ” ވާހަކަ މިފަދައިން ބަޔާންކުރައްވާފައިވާ ސަބަބަކީ އިރުގެ ހޫނު ގަދަވެގަންނަ ވަޤުތަކީ ވެލިގަނޑު ހޫނުވުމުން ޅަ ޖަމަލުތަކުގެ ފައި ފިހިގެންދާ ވަޤުތެއްކަމުގައި ވާތީއެވެ. އެއީ އެސޮރުމެންގެ ބަލިކަށިކަމުންނެވެ. ބައްލަވާ: https://islamqa.info/ar/2626

ޟުޙާ ނަމާދު ކުރެވޭނެ އެންމެ ފުރަތަމަ ވަގުތަކީ އިރުއެރުމަށްފަހު، ގާތްގަނޑަކަށް 15 މިނެޓު ފަހުންނެވެ. އަދި އެންމެ ފަހު ވަގުތަކީ މެންދުރު ނަމާދުގެ ގާތްގަނޑަކަށް 20 މިނެޓު ކުރިންނެވެ. ބައްލަވާ: فتاوى نور على الدرب/ مجلد 10/ كتاب الصلاة

މަޞްދަރުތައް: މަޞްދަރު 1 މަޞްދަރު 2 މަޞްދަރު 3 މަޞްދަރު 4

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close