ދީން

މިގޮތަށް ޢަމަލުކުރަން ފެށީމާ ޝައިޠާނާ ތިބާގެ ގާތު ގޯސް ޢަމަލު ނުކުރަން ބުނަން ފަށާނެ…

ވަރަށް ގިނަ މީހުންނަކީ ގޯސް ޢަމަލުތަކުން ދުރުހެލިވާން ބޭނުންވެ ދުވަސްކޮޅަކަށް ދުރަށް ދެވި އަނެއްކާވެސް އެނބުރި ގޯސްކަންތައްތައް ކުރުމަށް ރުޖޫޢަވެގެންދާ މީހުންނެވެ.

އެހެންނަމަވެސް ދެންވެސް އެކަންކަމުން ސަލާމަތްވާން ބޭނުންވެ ސަލާމަތް ނުވެވިފައިވާ އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ.

މިލިޔުމުގައި މިޙިއްސާކޮށްލަނީ އެފަދަ ގޯސް ކަންކަމުން ސަލާމަތްވެވޭނެ ވަރަށް މޮޅު އަދި އެހާމެ ރަނގަޅު ގޮތެއްގެ ވާހަކައެވެ. އަދި ތެދުވެރި ނިޔަތަކާއިއެކު އިޚްލާޞްތެރިކަމާއިއެކު އިސްލާޙުވާން މަސައްކަތްފެށި އެތައްބަޔަކު މިދަންނަވާ ގޮތަށް ޢަމަލުކުރުމުގެ ސަބަބުން އެމީހުން ބުނާގޮތުގައި ގޯސް ޢަމަލު  ކުރަން އުޅޭއިރަށް ޝައިޠާނާ އެކަން ނުކުރުމަށް ބުނަމުންދާކަމަށެވެ. މިދަންނަވާ ގޮތް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

ދީނީ ޢިލްމުވެރިޔަކު ދަރުހެއް ދެމުން ދިޔަވަގުތެވެ. ދަރުސް އަޑުއަހަން އިން ޒުވާނަކު ސުވާލުކުރިއެވެ. ލޮބުވެތި ޝެއިޚު އެވެ. އަޅުގަނޑު އިސްލާޙުވާން ބޭނުންވެއެވެ. ކުރެވެމުންދާ ބޮޑަތި ގޯސްކަންކަމުންވެސް ދުރުހެލިވާން ބޭނުންވެއެވެ. އެވަގުތު ޝައިޚް ވިދާޅުވިއެވެ. ތިބާއަށްވެސް އިސްލާޙު ވެވޭނެއެވެ. ތިބާގެ ފާފަވެސް ﷲ ފުއްސަވައިދެއްވާނެއެވެ. އެ ޒުވާނާ ސުވާލު ކުރިޔެއެވެ. އިސްލާޙުވާން ހަދަންވީގޮތެއް ބުނެދޭށެވެ. ޢަމަލުކުރަންވީގޮތެއް ބުނެދޭށެވެ.

ޝެއިޚުގެ ވާހަކަކޮޅު ފެށިއެވެ. ޒުވާނާއެވެ. ތިބާއަށް ތިބުނާ ގޯސްކަމެއް ކުރެވޭއިރަށް ފުރިހަމަ ވުޟޫޢެއްކޮށް ދެރަކުޢަތުގެ ނަމާދެއް ކުރަން ޢަޒުމު ކަނޑައަޅާށެވެ. އެ ކިތަންމެ ކައިރި ކައިރީގައި ތިބުނާ ގޯސްކަމެއް ކުރެވުނަސް ދެރަކުޢަތުގެ ނަމާދު ކުރުމަށް އަވަސްވެ ގަންނާށެވެ.  އޭރުން އިންޝާ ﷲ، ތިބާގެ ނިޔަތް އިޚްލާޞްތެރިކަމުގައިވާނަމަ ތިބާއަށް އެ ގޯސްކަންތަކާއި ދުރަށް ދެވޭނެއެވެ.

ދުވަސްކޮޅެއްފަހުން އެ ޒުވާނާ ޝައިޚް އާއި ބައްދަލުކޮށް ޝުކުރު އަދާކުރިއެވެ. އަދި ކުރިން ކުރެވެމުން އައި އެތައް ގޯސްކަމަކާއި ދުރަށް ދެވިއްޖެކަމަށް ޒުވާނާ ބުންޏެވެ. ޒުވާނާއަށް ޝައިޚް ސުވާލު ކުރިއެވެ. އެގޮތަށް ޢަމަލު ކުރީމަ ކަންތައްވީގޮތް ބުނެލަދީބަލާށެވެ.

ޒުވާނާގެ ވާހަކަކޮޅު ފެށިއެވެ. އަޅުގަނޑަށް އެ ގޯސްކަންތައް ކުރެވޭއިރަށް ވުޟޫޢުކޮށްލައިގެން ދެރަކުޢަތުގެ ނަމާދު ކުރަނީއެވެ. މިގޮތަށް ހަދަން ފެށީމަ ކޮންމެ ދުވަހަކުވެސް އެ ގޯސްކަންތައް ކުރެވޭލެއް މަދުވެއެވެ. އަދި ދުވަހަކަށްފަހު ދުވަހެއް މިބުނާ ގޯސްކަމާއި ދުރަށްދެވެއެވެ. އަދި ގޯސްކަންތައް ކުރަން އުޅޭއިރަށް ބުނާ މީހަކު ބުނާ ކަހަލައެވެ. ކަލޭ ތިކަން ކޮށްފިއްޔާ އަނެއްކާވެސް ވުޟޫޢުކޮށްގެން ދެރަކުޢަތުގެ ނަމާދެއް ކުރަން ޖެހޭނެއެވެ. އެހެންވީމާ ތިކަން ނުކުރާށެވެ. ތިކަން ކޮށްފިއްޔާ ކަލޭ ނަމާދު ކުރަން ޖެހޭނެއެވެ. ﷲ ގެ ހެޔޮރަޙްމަތް ފުޅުން އަޅުގަނޑު މިއަދު މިހުރީ އޭރު ކުރެވުނު ގޯސްކަމާއި މުޅިން ދުރަށް ދެވިފައެވެ.

ޒުވާނާ ސުވާލު ކުރިއެވެ. ޝައިޚު އެވެ. އަސްލު އެވީ ކިހިނެތް ތޯއެވެ. ޝައިޚު ވިދާޅުވިއެވެ. އެއީ ނަމާދަކީ ޝައިޠާނާ އެންމެ ރުޅިއަރާ އެއްކަންތަކެވެ. އެހެންކަމުން ތިބާ ނަމާދުކޮށްފާނެތީ ތިބާ ގޯސްކަންތައް ކުރުމުންވެސް އޭނާ ތިބާއަށް މަނާކުރަނީއެވެ.

ނަމާދަކީ މުންކަރާތްތަކާއި ފާޙިޝް ޢަމަލުތަކުން އިންސާނާ ދުރުހެލިކޮށްދޭ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close