ދީން

ސިޔަރަތުގެ ހިޔަލުގައި 1: ރިޝްވަތޭތޯއެވެ؟

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން رحمه الله، އެ ބޭފުޅާ ތަރުޖަމާކުރައްވައި ލިޔުއްވި މާތް ނަބިއްޔާ صلي الله عليه وسلمގެ ސިޔަރަތުގެ މުޤައްދިމާގައި ލިޔުއްވާފައިވެއެވެ.

“ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލު اللهގެފާނުންގެ މާތްވެގެންވާ ސިޔަރަތު އުނގެނިގަތުމާއި ދެނެގަތުމީ، ހަމަ ކޮންމެ އިސްލާމަކު، އަދި ކިއެއްތަ، ކޮންމެ އިންސާނަކުގެ މައްޗަށްމެ، ކޮންމެހެން ބޭނުން ވެގެންވާ ލާޒިމުކަމެކެވެ. މިހެނީ، ހަމަ ކޮންމެ މީހަކުމެ، އެ މީހާގެ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިގަތުމާއި، އެ މީހާ ހައްދަވާ ބޮޑުކުރެއްވި ކަލާނގެ މަޢްރިފާކޮށް ދެނެ، އެކަލާނގެ ކިބައަށް ކުއްތަންވެގަތުމަށް، އިޤްތިދާ ވާންޖެހޭ އެންމެ ބޮޑު މުޤްތަދާޔަކީ، އިތުރު އެކަލޭގެފާނެވެ. އެކަލޭގެފާނު އުޅުއްވި ގޮތްކޮޅުތަކާއި، ކުރެއްވި ކަންތަކާއި، ނުދެނި ހުރެގެން، އިޤްތިދާވެ، ތަބާވާހުށީ ކޮން ގޮތަކުން ހެއްޔެވެ.”

ފަޞާޙާތްތެރި އަދި ބަލާޣާތްތެރި އެ ބަސްތަކީ، ނުހަނު ބޭނުންތެރި، މާނައިން ފުރިގެންވާ ބަސްފުޅުތަކެއް ކަމުގައި ނޫނީ އަޅުގަނޑަކަށް ނުފެނެއެވެ. ކޮންމެ ރަމަޟާންމަހެއްގެ މުލަ ރޯދަ ދުވަހު، އަލްމަރްޙޫމް މުޙައްމަދު ތައުފީޤްގެ ރިވެތި އަޑުފުޅުން ވިދާޅުވެ، އަޅުގަނޑުމެންގެ ކަންފަތްތަކުގައި ގުގުމައިލާ ބަސްފުޅުތަކެކެވެ.  އިހާއި ފަހުގެ ޒަމާންތަކާއި މަކާންތަކަށް މުނާސަބު ބަސްފުޅުތަކެކެވެ.

ދެންފަހެ އެބަސްފުޅު ތަކުން ދަރުސް ލިބިގަންނަ ހާލު، އަޅުގަނޑުގެ ގަލަން މި ހިންގައިލަނީ އިތުރު ކައު ސާހިބާ صلي الله عليه وسلمގެ ރިވެތިވެގެންވާ ސިޔަރަތުން ކޮންމެވެސް މިންވަރެއް ބަޔާންކުރެވޭތޯއެވެ. އެ މާތް ސިޔަރުގެ ހިޔަލުގައި، ތިބާއާއި އެކު، ކުޑަ ހިނދުކޮޅެއް ނަމަވެސް ހޭދަ ކޮށްލެވޭތޯއެވެ. ޢިލްމުތަކުންކުރެ ޛައްރާއެއްގެ މިންވަރު ނަމަވެސް އަޅުގަނޑާއި ހަމައަށް ފޯރާފައިވާނަމަ، އެ މިންވަރެއްގެ ބޭނުން ހިފާ ހާލުގައެވެ. އޭގެ ސަބަބުން، ޙުސައިން ޞަލާޙުއްދީން رحمه الله ލިޔުއްވާފައިވާ ފަދައިން، ތިބާއަށާއި އަޅުގަނޑަށް، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިގަތުމުގެ މަގު އަލިވެ، އުޖާލާ ވެދާނެ ކަމުގެ އުއްމީދުގައެވެ.

އެ އުއްމީދުގައި، މި ހިނދުގައި، އަޅުގަނޑަށް ޤަޞްދުކުރެވުނީ، މާތް ނަބިއްޔާ صلي الله عليه وسلمގެ ސިޔަރަތުން ކޮންމެވެސް އެއް ޙާދިޘާއަކުން ލިއްބައިދެނިވި އަލިކަމަކާއި، ޢިބުރަތްތަކަކާއި، އަދި ފައިދާތަކުގެ މައްޗަށް ކުރުނަމަވެސް ބަޔާނެއް ލިޔެލުމަށެވެ. އެގޮތުން، ސިޔަރަތު ޢިލްމުގެ ބޮޑުވެގެންވާ ދަންނަ ބޭކަލެއްކަމުގައިވި، ޢަބްދުލްމަލިކް އިބްނި ހިޝާމް (އަވަހާރަވީ 218 ހ.) رحمه الله ، އެބޭފުޅާގެ ސިޔަރަތު ފޮތުގައި ގެންނަވާފައިވާ ޙާދިޘާއެއްގެ ދިވެހި ތަރުޖަމާ، އަންނަނިވި ފޮޅުވަތްތަކުގައި ލިޔަމެވެ.

“އެއް ދުވަހަކު، މާތް ނަބިއްޔާ صلي الله عليه وسلم، ކަޢްބާގެ އަރިހުގައި ގިނިކަންޏާ އިންނަވަނިކޮށް، ޤުރައިޝުންގެ ސާހިބެއް ކަމުގައިވި ޢުތްބާ އިބްނި ރަބީޢާ، އޭނާއާއި އެކު މަޖިލީހުގައިވި ޤުރައިޝުންގެ ޖަމާޢަތާއި މުޚާޠަބުކޮށް ބުންޏެވެ. ‘ހުށަހެޅުންތަކަކާއި އެކު، މުޙައްމަދުގެ އަރިހަށް އަހުރެން ނުދާންވީ ފަހެ ކީއްވެހެއްޔެވެ؟ އެކަލޭގެފާނު، އަހުރެމެންގެ ބައެއް ހުށަހެޅުންތައް ޤަބޫލްކޮށް، (ދީނަށް ގޮވާލެއްވުން ހުއްޓަވާ) އަހުރެމެން، އަހުރެމެންނާއިގެން ހިމޭންކަމުގައި ދޫކޮށްފާވެސް ނޫންހެއްޔެވެ؟’ މިކަމެއް ހިނގީ ޙަމްޒަތުގެފާނު އިސްލާމްވެ، އަދި މުސްލިމުންގެ ޢަދަދު (އިހުނައި އަޅާ ބަލައި) ނުހަނު އިތުރުވުމަށްފަހުއެވެ. ޤުރައިޝުން، އޭނާ (ޢުތްބާ)ގެ ހުށަހެޅުމަށް އެއްބަސްވިއެވެ. އެއަށްފަހު، އިތުރު ރަސޫލާ صلي الله عليه وسلم ގެ އަރިހުގައި އިށިއިނުމަށްފަހު، ޢުތްބާ ބުންޏެވެ. ‘އޭ ކޮއިފުޅާއެވެ. ތިބާ ދަންނާނޭ ފަދައިން، ތިބާއަކީ އަހުރެމެން ކުރެ އެކަކީމެވެ. އަދި އަހުރެމެންގެ ވަންހައިންކުރެ، އެންމެ ކަރާމާތްތެރިކަން ލިބިގެންވާ އަދި ނަސަބުގެ ގޮތުން އަރާ ހުންނެވި ބޭކަލަކީމުއެވެ. ކަލޭގެފާނު، ކަލޭގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ބޮޑުވެގެންވާ ކަމެއް ގެނެސްގަންފީމުއެވެ. އެއާއިއެކު، އެއުރެން ބައިބައިކޮށް، އެއުރެންގެ ދީނާއި ވައްޓަފާޅިއަށް އިންކާރުކޮށް، ހަޖޫކިޔައި، އަދި އެއުރެންގެ ކާބަފައިންވީ ކާފަރުންކަމުގައި ބުނެފީމުއެވެ. އެހެންކަމުން، (ދީނަށް ގޮވާލެއްވުން ހުއްޓަވާ ލެއްވުމަށް ޝަރުޠުކޮށް) އަހުރެން މި  ހުށަހަޅާ ހުށަހެޅުންތަކުގެ އަޑު އައްސަވާށެވެ. ފަހަރުގައި، އޭގެން ބައެއް ކަންކަމީ ތިބާއަށް އެއްބަސްވެވޭފަދަ ކަންކަމަށް ވެދާހުއްޓެވެ.’ މާތް ނަބިއްޔާ صلي الله عليه وسلم ޙަދީޘްކުރެއްވިއެވެ. ‘އޭ އަބުލް ވަލީދެވެ. (އެއުރެން ކައިރީ)ވިދާޅުވާށެވެ. އަހުރެން މިހުރީ އަޑު އަހާށެވެ.’ އޭނާ ބުންޏެވެ. ‘ކަލޭގެފާނު އެދެނީ ފައިސާ އާއި މުދާވެރިކަން ކަމުގައި ވަނީނަމަ، އަހުރެމެންގެ މުދަލުން ކަލޭގެފާނަށް ދީ، ކަލޭގެފާނީ އަހުރެމެންކުރެ އެންމެ މުއްސަނދި މީހާ ކަމުގައި ހަދައިފާ ހުށީމެވެ. ނުވަތަ، ކަލޭގެފާނު އެދެނީ ޢިއްޒަތާއި ޝަރަފްކަމުގައިވަނީނަމަ، ކަލޭގެފާނީ، އެބޭކަލެއްގެ ބަހައި ނުލައި އަހުރެމެންގެ އެއްވެސް ކަމެއް ފައިސަލާނުކުރެނިވި، އަހުރެމެންގެ އެންމެ އިސް މީހާ ކަމުގައި ހަދައިފާ ހުށީމެވެ. ނުވަތަ، ކަލޭގެފާނު އެދެނީ ވެރިކަން ކަމުގައިވަނީނަމަ، ކަލޭގެފާނީ އަހުރެމެންގެ ރަސްގެފާނުކަމުގައި ހަދައިފާ ހުށީމެވެ. ނުވަތަ، ކަލޭފެފާނަށް ތިޔަ ފެންނަކަމުގެ(ޝައިޠާނާ) ކިބައިން ސަލާމަތް ނުވެވިގެން އުޅެނީ ކަމުގައިވަނީނަމަ، އެކަމަށް ފަރުވާކުރާނޭ ޙަކީމަކު ހޯދައި، ކަލޭގެފާނު އެކަމުން ނަޖާކޮށްދޭ ހުށީމެވެ. އެއީ އަހުރެމެންގެ ހުރިހައި މުދަލެއް އެކަމުގައި ހޭދަކުރަން ޖެހުނު ކަމުގައި ވިޔަސްމެއެވެ. އެހެނީ، ދެކެ ފަރިތަ ރޫޙެއް، ފަރުވާ ކޮށް އޭގެ ކިބައިން ބަރީޢަވެވިއްޖައުމަށް ދާންދެން، މީހާއާއި އަވަލަވައި، ނުނެއްޓިދާ ހުއްޓެވެ.’ މާތް ނަބިއްޔާ صلي الله عليه وسلم ކެތްތެރިކަމާއިއެކު އަޑު އެއްސެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. ‘އޭ އަބުލް ވަލީދެވެ. ނިމުނީ ހެއްޔެވެ؟’ އޭނާ އާދޭހޭ ދެންނެވުމުން އިތުރު ނަބިއްޔާ صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ‘މިހާރު އަހުރެން މި ބުނާ އެއްޗެއްގެ އަޑު އަހާށެވެ.’ އޭނާ ބުންޏެވެ. ‘އާދޭހެވެ.’ އެއަށްފަހު، މާތް ނަބިއްޔާ صلي الله عليه وسلم ކިޔަވާ ވިދާޅުވާން ފެއްޓެވިއެވެ.

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

حم (1) تَنْزِيلٌ مِنَ الرَّحْمَنِ الرَّحِيمِ (2) كِتَابٌ فُصِّلَتْ آيَاتُهُ قُرْآنًا عَرَبِيًّا لِقَوْمٍ يَعْلَمُونَ (3) بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ (4) وَقَالُوا قُلُوبُنَا فِي أَكِنَّةٍ مِمَّا تَدْعُونَا إِلَيْهِ وَفِي آذَانِنَا وَقْرٌ وَمِنْ بَيْنِنَا وَبَيْنِكَ حِجَابٌ فَاعْمَلْ إِنَّنَا عَامِلُونَ …

މާނައީ:

‘ރަޙްމާންވަންތަ ރަޙީމްވަންތަ اللهގެ އިސްމުފުޅުން ފަށައިގަންނަމެވެ. ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ. އެފޮތުގެ آية ތައް تفصيل ކޮށްދެއްވާފައިވާ ފޮތެކެވެ. عرب ބަހުންވާ قرآن އެއްގެ ގޮތުގައެވެ. (އެއީ އެކަން) ދަންނަ ބަޔަކަށްޓަކައެވެ. އުފާވެރިކަމުގެ خبر ދޭ، އަދި ބިރުވެރިކަމުގެ خبر ދޭ ފޮތެއްކަމުގައެވެ. ފަހެ، އެއުރެންކުރެ ގިނަމީހުން ފުރަގަސްދީ އެނބުރިގަތޫއެވެ. ފަހެ، އެއުރެން އަޑެއް ނާހަތެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންގެ ހިތްތައްވަނީ، ކަލޭގެފާނު ތިޔަ ގޮވައިލައްވާ އެއްޗަކަށް ބަންދުކަމެއްގައެވެ. އަދި ތިމަންމެންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި ތިމަންމެންނާއި، ކަލޭގެފާނާ ދެމެދުގައި ފަރުދާއެއްވެއެވެ. ފަހެ (ކަލޭގެފާނުގެ ގޮތުގައި) ކަލޭގެފާނު މަސައްކަތްކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) މަސައްކަތް ކުރާނޫއެވެ…’

ފުއްޞިލަތް ސޫރަތް: އާޔަތް 1-5

މާތް ނަބިއްޔާ صلي الله عليه وسلم އެ ސޫރަތް ކިޔަވާ ވިދާޅުވަމުން ކުރިޔަށް ވަޑައިގަތެވެ. ޢުތްބާ، އޭނާގެ ދެ އަތުގެ މައްޗަށް ފަހަތަށް ލެނގިލައިގެން، ފަރުވާތެރިކަމާއި ސަމާލުކަމާއި އެކު، ކިޔެވެމުން ދިޔަ އާޔަތްތަކަށް ކަނުލައި އަޑުއަހަމުން ދިޔައެވެ. ދެން ސަޖިދައިގެ އާޔަތަކާއި(ފުއްޞިލަތް ސޫރަތުގެ 37 ވަނަ އާޔަތް) އަރާ ހަމަވުމުން، މާތް ނަބިއްޔާ صلي الله عليه وسلم ސަޖިދަ ކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. ‘އޭ އަބުލް ވަލީދެވެ. ތިބާ ތިޔަ އަޑު އެހި ތަކެތި، ފަހެ ތިބާ އަޑު އަހައިފީމުއެވެ. ގޮތް ނިންމުން ވަނީ ތިބާއަށެވެ.’ އެއަށްފަހު ޢުތްބާ އޭނާއާއި އެކު މަޖިލީހުގައިވި ޤުރައިޝުންގެ ގާތަށް އެނބުރި ދިޔަ ހިނދު، އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެފައިވާތީ ފެނި، ކަން ހިނގި ގޮތަކާއިމެދު އެއުރެން އޭނާއާއި ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ބުންޏެވެ. ‘މީގެ ކުރިން ދުވަހަކުވެސް ނާހާ ފަދަ ބަސްތަކެއް އަހުރެން އަޑުއަހައިފީމެވެ. الله ގަންދީ ބުނަމެވެ. އެއީ ޅެންވެރިކަމުގެ ބަސްތަކެއް ނޫނެވެ. ސިޙްރުގެ ބަސްތަކެއްވެސް ނޫނެވެ. އަދި ކަހީނުކަމުގެ ބަސްތަކެއްވެސް ނުމެނޫންމެއެވެ. އޭ ޤުރައިޝުންނޭވެ. އަހުރެންގެ ބަސް އަހައި، އަހުރެން މި ޢަމަލުކުރާ ފަދައިން ޢަމަލުކުރާހުށިކަމެވެ. އެކަލޭގެފާނު އެ މަސައްކަތާއިގެން ދޫކޮށްލާށެވެ. الله ގަންދީ ބުނަމެވެ. އެކަލޭގެފާނުގެ ކިބައިން އަހުރެން މި އަޑު އެހި ބަސްތަކަކީ މަތިވެރި ދަރަޖައަކަށް ވާޞިލްވާނޭ ބަސްތަކެކެވެ. އަދި ތިޔަބައިމީހުން ފިޔަވާ އެހެން ޢަރަބީން އެކަލޭގެފާނު ޤަތުލުކުޅަނަމަ، ފަހެ އެއިރުން، ތިޔަބައިމީހުން ބޭނުންވާ ކަންތައް ފުދިއްޖެއެވެ. ނުވަތަ، ޢަރަބީންގެ މައްޗަށް އެކަލޭގެފާނު ގަދަވެ، އެކަލޭގެފާނުގެ ވެރިކަން އެވެރިންގެ މައްޗަށް ތަމްކީނުކުރައްވައިފީމު، ފަހެ، އެ ވެރިކަން ވާހުށީ ހަމަ ތިޔަބައިމީހުންގެވެސް ވެރިކަން ކަމުގައެވެ. އެކަލޭގެފާނުގެ ބާރު ވާހުށީ ތިޔަބައިމީހުންގެވެސް ބާރު ކަމުގައެވެ. އެކަލޭގެފާނުގެ ސަބަބުން ތިޔަބައިމީހުން ވާހުށީ އެންމެ އުފާވެރީންކަމުގައެވެ. އެމީހުން ބުންޏެވެ. ‘ الله ގަންދީ ބުނަމެވެ. ތިބާ ތިޔަ ވަނީ އެކަލޭގެފާނުގެ ދުލުގެ ޖާދޫގައި ޖައްސާފައެވެ.’ އޭނާ ޖަވާބު ދިނެވެ. ‘ތިޔަބައިމީހުން އަހުރެންގެ ރަޢުޔު އަޑުއަހައިފީމެވެ. ތިޔަބައިމީހުނަށް ފެންނަގޮތަކަށް ޢަމަލު ކުރާހުށިކަމެވެ.'”

ދެންފަހެ މި ޙާދިޘާއިން ދަސްވެގެންދާ އެއްކަމަކީ، ވާހަކަ ދެއްކުމުގެ ރިވެތި އަދަބެކެވެ. ރައްދުގައި ބަސް ބުނުމުގެ ކުރިން އަނެކާގެ ވާހަކަ ފުރިހަމަކުރަން ފުރުޞަތު ދިނުމާއި، އަނެކާގެ ވާހަކައަށް ކަނުލައި އަޑު އެހުމުގެ ރިވެތި އަދަބެވެ. ޢުތުބާ އައީ ނުހަނު ބޮޑު، ފުރައްސާރައިގެ ޢަމަލަކާއިގެންނެވެ. އެހެނީ، މާތް اللهގެ ޙަޟްރަތުން ވަޙީ ބާވައިލެއްވޭ، އަދި އެ އިލާހުގެ ތެދުމަގާއިގެން ވަޑައިގެން ހުންނެވި އެންމެ ފަހުގެ، އެންމެ މަތިވެރި ނަބިއްޔާ އަށް ރިޝްވަތު ހުށަހެޅުމަކީ ހައުދަހައި ވާ ބޮޑު ކަމެކެވެ. ހައުދަހައި މަލާމާތަކާއި ފުރައްސާރައިން ފުރިގެންވާ ޢަމަލެކެވެ. އެ ޢަމަލާއިގެން އައި މީހާގެ ކޮޅު ނެތް ކޮޅުގެ ޖާހިލުކަމަށް ދަލާލަތު ކުރާ ޢަމަލެކެވެ. މިކަންކަން މިހެން ހުރެމެ، އިތުރު ރަސޫލާ صلي الله عليه وسلم، އޭނާއަށް ރައްދު ދެއްވުމުގެ ކުރީން، ކެއްތެރިކަމާއި އެކު ކަނުލައި އަޑު އެއްސެވިއެވެ.

ނަމަވެސް، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއިމެދު، ނޫން ނަމަ، އަޅުގަނޑުމެންގެ ވަށައިގެން ފެންނަ މަންޒަރުތަކާއި މެދު ފިކުރު ހިންގާލައިފިނަމަ ފެނިގެންދަނީ މި ރިވެތި ނަމޫނާ އާއި ޚިލާފު މަންޒަރުތަކެއްކަމާއި މެދު، ތިބާ އަޅުގަނޑާއި ދެބަސްވާތީއެއް ނުފެނެއެވެ. ހޮޅުއަށިތަކާއި ފިނި މައިޒާންތަކުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ބަޙުޘްތަކަށް ނަޒަރު ހިންގަވާލައްވާށެވެ. ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް ފެނިގެންދާ އަދި އަޑު އިވިގެންދާ ޕްރޮގްރާމްތަކަށް ފިކުރު ހިންގަވާލައްވާށެވެ. ރައްޔިތުންގެ މަޖިލީހުގައި ކުރެވިގެންދާ ބަޙުޘްތަކަށް ކަޅިއެއް އެއްލަވާލައްވާށެވެ. ފެނިގެން ދަނީ ކޮން މަންޒަރެއްތޯއެވެ؟ ފެނިގެންދަނީ އަނެކާގެ މައްޗަށް ތިމާގެ އަޑު ގަދަކޮށްގަންނަ މަންޒަރުނޫންތޯއެވެ. ފެނިގެން ދަނީ، އަނެކާގެ މައްޗަށް ތިމާގެ ބަސް ގަދަފަދަ އަކަށް ތަމްކީނުކޮށްގަންނަން އުޅޭމަންޒަރުނޫންތޯއެވެ. ފެނިގެން ދަނީ، އަނެކާއަށް ކަނުލައި ނޭހުމާއި، ހަމައެކަނި ތިމާ ބުނަން ބޭނުންވާ އެއްޗެއްގެ މައްޗަށް ތިމާގެ ޙިއްޞުތަކާއި ބުއްދީގެ ލަގަން ދޫކޮށްލެވިގެންވާލެއް ބޮޑުކަމުން، އަނެކާ ދޭ ޒުވާބާއި، ތިމާ އެއަށް ދޭ ރައްދާއި، މަޢްޟޫޢީ ގޮތުން، މަތީ ދަރަޖައަކަށް ބީރައްޓެހިވެގެންވާ މަންޒަރުނޫންތޯއެވެ.

މި ޙާދިޘާއިން ފެނިގެންދާ އަނެއް މިސާލަކީ، ޖާހިލިއްޔަތުގެ އުސްލޫބުތަކާއިގެން ޖަދަލުކުރުމަށް އަންނަ މީހާއަށް ރައްދު ދޭންވީ ގޮތުގެ ރިވެތި ގޮތެވެ. އާދެ! ހަނުހުރުމެވެ. ޙާދިޘާއަށް ބައްލަވާށެވެ. ޢުތުބާގެ ހުށަހެޅުން ތަކަށް، ސީދާ ޖަވާބެއްގެ ގޮތުގައި، އެންމެ ކުޑަމިނުން “ނޫނެކެވެ” ވެސް އިތުރު ރަސޫލާ صلي الله عليه وسلم ޙަދީޘް ނުކުރައްވައެވެ. ޖަވާބު ދެއްވީ، ނުސީދާކޮށް، ޙިކުމަތްތެރިކަމާއި އެކުއެވެ. އެބައިމީހުން، އެ އެއްޗެއްގެ އަޑު ނޭހުމަށް ކަންފަތްތަކުގައި އިނގިލި އަޅަމުން ދިޔަ ކީރިތި ޤުރުއާން އިއްވައިދިނުމުންނެވެ. މާތް اللهގެ ދީނުގެ ދަޢްވަތު ދެއްވުމުންނެވެ. އެ ދަޢްވަތު ދެއްވުން ހުއްޓަވާލެއްވުން ޝަރުޠުކޮށް، ރިޝްވަތާއިގެން އައި މީހަކަށް، މިއަށްވުރެ ވަކީން ފުރިހަމަ ރައްދެއް ދެވުނީސްތޯއެވެ؟ ފަހެ، ޖަދަލަކާއިގެން އަންނަ ކޮންމެ މީހަކީ، ޖާހިލުކަމާއި ނޭއްގާނީކަން އިސްކުރާ މިންވަރެއްގެ ނިސްބަތުގައި، ރައްދު ޖަދަލެއް ލިބުން ޙައްޤުވާ މީހެއް ނޫނެވެ.

ޙާދިޘާއާއި އަދުގެ ހާލާއި ގުޅުވައިލަމާތޯއެވެ. އިވޭ އަޑުތަކާއި، ފެންނަ މަންޒަރުތަކާއި އަދި މުޙައްޤިޤުންގެ ބަސްތަކަށް ބުރަވާއިރު، އަޅުގަނޑުމެން މި ތިބީ، ރިޝްވަތާއި ވަރަށް ދޯޅު ދަނޑިވަޅެއްގައިކަމުގައި ބުރަވެވެއެވެ. އާދެ! ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޕޭން ކުރެވެމުންދާ ދުވަސްވަރުގެ ތެރޭގައެވެ. އެއްވެސް ނިޔަތެއްގައި، ދެ ޙާލަތު އެއްގޮތް ކުރަނީ އެއް ނޫނެވެ. އެހެނީ، ހެޔޮ ކަމުގައި، އެކަކުވެސް، އިތުރު މާތް ނަބިއްޔާ صلي الله عليه وسلمއާއި އެއް ދަރަޖަ ވެގެން ނުވެއެވެ. ހަމަ އެފަދައިން، ޖާހިލު ކަމުގައި، އަޅުގަނޑުމެންކުރެ އެކަކުވެސް، ޢުތްބާ އިބްނި ރަބީޢަތާއި އެއް ދަރަޖަ ވެގެން ނުވެއެވެ. ވޯޓަކަށް ދެވޭ ރިޝްވަތަކާއި، އިސްލާމީ ދަޢްވަތު ހުއްޓަވައި ކަފުން ކުރެއްވުމަށް އެދި ނަބިއްޔަކަށް ހުށަހެޅުނު ރިޝްވަތަކާއި ވެސް އެއްފަދަ ވެގެންވަނީއަކީވެސް ނޫނެވެ.

ރިޝްވަތުގެ ޙަރާމްކަމާއި، އޭގެ ނޭއްގާނީކަމާއި އަދި ފަސާދަ އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. އެހެންކަމުން، ތިބާއަށް ރިޝްވަތެއް ހުށަހެޅިއްޖެ ހިނދަކު، ތިބާގެ އެންމެ ލޮބުވެތި ޙަބީބް صلي الله عليه وسلم އާއި އިޤްތިދާވެ، އެއަށް އިންކާރުކުރައްވާށެވެ. ހަނުހުރުމާއި ހަމަ ހިމޭންކަމުގެ ރައްދެއް ދެއްވާށެވެ. ރައްދުގައި ބަހެއް ބުނަން ޤަޞްދުކޮށްފީމު، ރިވެތި ހެޔޮ ބަހެއް ބުނާށެވެ.

ކުރިއަށް ދަމާ ހެއްޔެވެ. އެޒަމާނުގެ ޢަރަބީންނަކީ، ވަރަށް މަދު ހިސާބެއް ފިޔަވާ، ރަސްކަމާއި ޙަޟާރަތުގެ އަހުލުވެރީންނެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެމީހުންނަކީ ވަކިވަކި ޤަބީލާތަކެއްގެ ގޮތުގައި އުޅެމުން ދިޔަ، ބައިބައި ވެފައިވި ބައެކެވެ. ޤަބީލާތަކުގެ ކަންކަން ނިންމާ އުޅުނީ ޤަބީލާތަކުގެ ވެރީންނާއި، ހަރު މީހުންގެ މަޝްވަރާއާއި ރައުޔުގެ މަތީންނެވެ. ބައެއް ފަހަރު، އެއް ޤަބީލާ އަނެއް ޤަބީލާއާއި ވީ ހަނގުރާމައާއި ލޭ އޮހޮރުވުމުގެ ޙާލަތުގައެވެ. އަނެއްބައި ފަހަރު، ޞުލްޙައިގެ ހާލަތުގައެވެ.

އެހެނެއް ކަމަކު، ޢުތްބާގެ ހުށަހެޅުމުގައި އެވަނީ، އެ ހުރިހާ ޤަބީލާއެއް އެކަތިގަނޑަކަށްވެ، އެވެރިންގެ ރަސްކަލަކަށް އިތުރު ރަސޫލާ صلي الله عليه وسلم ހެދުމަށެވެ. އެއްބައިވެ އެކަތި ވުމަކީ ހެވެކެވެ. ނަމަވެސް އެ ހުށަހެޅުމަށް އެބައިމީހުން ވާޞިލްކޮށްދިނީ، ޙައްޤު ދީނާއި، އިތުރު ރަސޫލާ صلي الله عليه وسلمއާއި އަދި މުސްލިމުންގެ މައްޗަށް އެބައި މީހުން ހިތްތަކުގައިވި ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަން ނޫން ހެއްޔެވެ؟ ޢަޖާއިބުކަމާއެވެ. އެބައިމީހުން މާތް ނަބިއްޔާ صلي الله عليه وسلمގެ ދަޢްވަތައް އިންކާރުކުމަށް ދެއްކި އެންމެ ބޮޑު ބަހަނާއަކީވެސް، އެބައިމީހުންގެ ކާބަފައިންގެ ދީނާއި ގޮތް ދޫކޮށްލަންޖެހުމެވެ. އެހެނެއްކަމަކު، ޢުތްބާގެ ހުށަހެޅުމުގައި އެވަނީ އެބައިމީހުންގެ ކާބަފައިންގެ މެދުގައި ސިޔާސީ ގޮތުން ކަންކަން ތަރުތީބުވެފައި އޮތް ގޮތް އެފުއް މިފުށަށް ޖެހުމުގެ ވާހަކައެކެވެ. ރަސްކަމެއް ގެނައުމުގެ ވާހަކައެވެ. ކާބަފައިންގެ ގޮތް އެއީ އެންމެ ހެޔޮ ގޮތް ކަމުގައި ދެކި، އެކަން ބަހަނާއަކަށް ހަދައި، ދެ ދުނިޔޭގެ ދިންނެވުމުގެ މަގައިގެން ވަޑައިގެންނެވި ރަޙްމަތުގެ ނަބިއްޔާއަށް އިންކާރު ކުރި ބައެއްގެ ފުށުން ފެނިގެން އެ ދިޔައީ ހާދަހައި ވާ ނިފާޤުކަމުގެ ޢަމަލެކެވެ. ކާބަފައިން މުހިއްމު ވީ ހަމަ އެކަނި މާތް ނަބިއްޔާ صلي الله عليه وسلمގެ ދަޢްވަތަށް އިންކާރުކުރުމަށް ބަހަނާ ނެރޭންވީމާތާއެވެ. އާއެކެވެ. ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުގައި ހައްދު ފަހަނަޅައި ދިޔުމުގެ ނަތީޖާ ވާހުށީ އެފަދައިންނެވެ.

މާތް ނަބިއްޔާ صلي الله عليه وسلم ސުވަރުގެ ވަޑައިގެންވީ، ހަމަ އެ ޤަބީލާތައް، އިސްލާމްކަން މަތީ، އެކުވެރިވެ އެއްބައި ކުރައްވާފައެވެ. އެއިރު އެކަލޭގެފާނުވީ، އެއްވެސް ބަޙުޘެއް ނެތް ގޮތުގައި، އެއުރެންގެ ވެރިޔާކަމުގައެވެ. އެކަލޭގެފާނުގެ ފައިންޕުޅު ދަށަށް ޣަނީމާ މުދާ، ކެނޑި ނޭޅި އޮއްސެމުން ދިޔައެވެ. އެ ތަކެތި ޙާޞިލްކުޅައުމަށް، ކާފަރުންގެ ރިޝްވަތަކަށް އެކަލޭގެފާނު ޙާޖާތްތެރިވެގެން ނުވެތެވެ. އެކަލޭގެފާނަށް ފަހު، މުސްލިމުން އިރާއި ހުޅނގަށް ފެތުރިގެން ދިޔަ ނޫންހެއްޔެވެ.

މި ހިސާބުން، މި މަޒުމޫނު ކުރުކޮށްލަން އަޅުގަނޑު ޤަޞްދުކުރަމެވެ. އެހެނެއް ކަމަކު ތިބާގެ ފިކުރު ހިންގަވާށެވެ. ވިސްނަވާށެވެ. އެކަން ކޮށްފި މީހަކަށް، އަދިވެސް، ނުހަނު ގިނަ ޢިބްރަތާއި ފައިދާ، ބަޔާންކުރެވުނު ޙާދިޘާގައި ވާތީ އަޅުގަނޑަށް ފެނެއެވެ.

 މަސްދަރުތައް:

  1. https://soundcloud.com/siyarath/part1
  2. ޢަބްދުލް މަލިކް އިބްނި ހިޝާމް. (2000). ސީރަތު އިބްނި ހިޝާމް (ތަޛްހީބް ކުރެއްވީ، ޢަބްދުއްސަލާމް މ. ހާރޫން؛ ތަރުޖަމާކުރެއްވީ، އީނާސް އ. ފަރީދް؛ މުރާޖަޢާ ކުރެއްވީ، މުޙައްމަދު މ. ޢަބްދުލް ފައްތާޙް؛ އެޑިޓް ކުރެއްވީ، އުއްމު ފާރޫޤް ކުކް). ޞ. 48-49. ޤާހިރާ: އަލް ފަލާޙް ފައުންޑޭޝަން ފޯރ ޓްރާންސްލޭޝަން، ޕަބްލިކޭޝަން އެންޑް ޑިސްޓްރިބިއުޝަން.
  3. http://tanzil.net/#41:1
  4. https://muslimcentral.com/yasir-qadhi-seerah-13-opposition-from-the-quraysh/

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close