ދީން

ދަރިންގެ ހިތުގައި ނަމާދަށް ލޯބި ޖައްސާށެވެ!

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ތަނބުތައް ރަނގަޅު ފެންވަރެއްގައި ޤާއިމު ނުކުރެވިއްޖެނަމަ އޭގެ މަތީ އޮންނަ ފަންގި ފިލާ ބޮލަށް ވެއްޓޭފަދައިން ފަރުޟު ފަސް ނަމާދު ހެޔޮ ގޮތުގައި ޤާއިމު ނުކުރެވޭނަމަ އެ މީހެއްގެ ދީން ބޯމައްޗަށް ވެއްޓިދާހުއްޓެވެ. އެހެންކަމުން، ނަމާދުތައް އޭގެ ވަގުތުގައި ޤާއިމުކުރާށެވެ! ދަރިން ނަމާދަށް ފަރިތަ ކުރުވާށެވެ!
އަމިއްލަ ނަފްސު ނަރަކައިން ސަލާމަތް ކުރުމާއެކު ތިބާގެ އަހުލު ވެރިން ނަރަކައިން ސަލާމަތް ކުރުމަށް ﷲ ވަނީ އަންގަވާފައެވެ. އެކަމަށް އެންމެ މުހިންމީ ނަމާދުތަކަށް ރައްކާތެރިވުމެވެ. ތިބާއަށާއި ތިބާގެ ދަރިންނަށް ނަމާދު ކުރުމުގެ ތައުފީޤު ދެއްވައިތޯ މާތް ﷲއަށް ގިނަގިނައިން ދުޢާކޮށް ދެންނެވުމެވެ.
ތައުޙީދުގެ އިމާމް، އަބުލް-އަންބިޔާއި ސައްޔިދުނާ އިބްރާހީމް عَلَيْهِ السَّلَام ކުރެއްވި ދުޢާފުޅަކީ ﷲގެ ޝަރީޢަތަށް ތަބަޢަވާ ކޮންމެ މީހަކަށް އޮތް ޢިބުރަތްތެރި ފިލާވަޅެކެވެ. އިތުރު އެކަލޭގެފާނު މުސްކުޅިފުޅު ވެފައިވަނިކޮށް ﷲ ދެއްވި ދެ ދަރިކަލުންނަށްޓަކައި ކުރެއްވި ދުޢާފުޅު އިބްރާހިމް ސޫރަތުގެ 40 ވަނަ އާޔަތުގައި އެ ވަނީއެވެ.﴿رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي، رَبَّنَا وَتَقَبَّلْ دُعَاءِ﴾ (إبراهيم: ٤٠) މާނައީ:- “އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިން ކުރެން ވެސް މެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!”
ﷲ سبحانه وتعالىއަށް ދުޢާ ދެންނެވުމާއެކު، ޢަމަލީ ގޮތުން އެކަމަށް މަސައްކަތް ވެސް ކުރަންވާނެއެވެ. ދަރިންނަށް ނަމާދުގެ ޙަރަކާތްތައް ދަސްކޮށްދޭން ވާނެއެވެ. ނަމާދުގައި ކިޔާ ތަކެތި އުނގަންނައިދޭން ވާނެއެވެ. އެއްވެސް ޙަރަކާތެއް ނުވަތަ ޛިކުރެއް އަދި ދުޢާއެއް ވިޔަސް ފަހުން ދަސްކޮށްދޭން ދޫކޮށްލައިގެން ނުވާނެއެވެ. ފުރަތަމަ އަޅައިދޭ ބިންގަލަކީ ފުރިހަމަ އެއްޗަކަށް ހަދަންވާނެއެވެ.
ވުޟޫކުރާގޮތް ޢަމަލީ ގޮތުން ދައްކާށެވެ! ހުރިހާ ގުނަވަނެއްގައި ރަނގަޅަށް ފެން ޖެހުނުތޯ ބަލާށެވެ! ކުރާހިތުން މި ކަންކަން ކުރާނެ ޝައުޤެއް އުފައްދާށެވެ! އެ ކުދިން ގޮވައިގެން، އަތުގައި ހިފައިގެން މިސްކިތަށް ދާށެވެ! އެ ކުދިން އުރައިގެން، ލޯބިން ހިތައިގެން ނަމާދާ ގާތް ކުރާށެވެ! ދަރިންގެ ހިތުގައި ނަމާދަށް ލޯބި ޖައްސާށެވެ!

[مُحَمَّدُ أَفْضَل]

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close