ދީން

ކޮންމެ އުނދަގުލަކަށް ފަހު ފަސޭހައެއް ވާނެކަން އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ހާމަވޭ: ހުކުރު ޚުޠުބާ

ކޮންމެ އުނދަގުލަކަށް ފަހު ފަސޭހައެއް ވާނެކަން އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ހާމަވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ރަސޫލާ ﷺ ކުރެއްވި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ލިބިދޭ މަތިވެރި ޢިބުރަތްތަކުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކުރި ގޮތުގައި، މި މަތިވެރި މުޢުޖިޒާތުން އުންމަތަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކޮންމެ ދަތި އުނދަގޫ ޙާލަތަކަށް ފަހު، މާތްالله ގެ ރަޙްމަތުން ފަސޭހަކަމާއި އުފާވެރިކަން ލިބޭނެކަމެވެ.

އިސްލާމީ ތާރީޚުގައި ހިނގާދިޔަ މި ބޮޑު ހާދިސާއަކީ މުސްލިމުންގެ އީމާންކަން އިމްތިޙާނުކުރެއްވި ވަގުތެއްކަން ފާހަގަކުރައްވައި، ޚުޠުބާގައި ބުނީ މިއީ ކީރިތި ރަސޫލާ ﷺ އިސްލާމްދީނަށް ގޮވައިލެއްވުމުގައި އުފުއްލެވި ބުރަ ތަކުލީފުތަކުގެ ބަދަލުގައި އެކަލޭގެފާނަށް ދެއްވި މަތިވެރި އިނާމެއް ކަމަށެވެ. ޚާއްޞަކޮށް، އެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖަތުގެފާނާއި ބޮޑުބޭބޭފުޅު އަބޫ ޠާލިބު އަވަހާރަވުމުން ލިބިވަޑައިގަތް ފުން ހިތާމައަށް މި ދަތުރުފުޅުން ތަސައްލީއެއް ލިބިގެންދިޔަކަން ޚުޠުބާގައި ފާހަގަކުރިއެވެ.

މުސްލިމުންގެ މެދުގައި ރަޖަބު މަހުގެ 27 ވިލޭރޭ ހިނގި ކަމަށް މަޝްހޫރުވެފައިވާ މި ދަތުރުފުޅުގެ ތެރެއިން “އިސްރާ” އަކީ މައްކާގެ މަސްޖިދުލްޙަރާމުން ބައިތުލް މަޤްދިސަށް ކުރެއްވި ދަތުރުފުޅެވެ. އަދި “މިޢުރާޖު” އަކީ އެތަނުން ފެށިގެން އުޑުތަކުގެ މައްޗަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާ ކަމެއް ކަމަށާއި، މީގެ ސަބަބުން އެހެން ހުރިހާ ނަބީބޭކަލުންގެ މައްޗަށް ރަސޫލާ ﷺ އަށް ލިބިވަޑައިގެންފައިވާ މަތިވެރި ދަރަޖަ ހާމަވެގެންދިޔަ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި އިތުރަށް އަލިއަޅުވާލި މުހިންމު ކަންތައްތަކުގެ ތެރޭގައި، މި ދަތުރުފުޅުގައި މުސްލިމް އުންމަތަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކީ ފަރުޟު ފަސް ނަމާދުކަން ފާހަގަކުރިއެވެ. އަދި މި ހާދިސާގެ ވާހަކަ ރަސޫލާ ﷺ މައްކާގެ މީހުންނަށް ކިޔައިދެއްވުމުން، މުޝްރިކުން އެކަލޭގެފާނު ދޮގުކުރި ނަމަވެސް، އަބޫބަކުރުގެފާނު އެއްވެސް ޝައްކެއް ނެތި އެކަން ތެދުކުރެއްވުމުން “އައްޞިއްދީޤު” ގެ ލަޤަބު ލިބިވަޑައިގަތްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މާތްالله ގެ ޙަޟުރަތުން މަދަދަށް އެދޭ މީހަކު ދުވަހަކުވެސް ނާއުންމީދުވާން ނުޖެހޭނެކަން ބަޔާންކުރަމުން، ކޮންމެ ކަމަކާ ކުރިމަތިލާއިރުވެސް ހިތުގެ ޠާހިރުކަމާއި ފުރިހަމަ އީމާންކަމާއެކު ކުރިމަތިލުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close