” ނަމަ ” ބޭނުންކުރުމުގެ ޙުކުމް…..؟
” ނަމަ ” ދެގޮތަކަށް ބޭނުންކުރެވެއެވެ. ފުރަތަމައީ މާޒީގައި ވެ ނިމިދިޔަކަންކަމަކާއިމެދު ދެރަވެ ހިތާމަކުރުމުގައި ‘ނަމަ’ ބޭނުންކުރުމާއި އަދި ވެނިމިދިޔަކަމުގެ މައްޗަށް ކެތްތެރިނުވުމާއިއެކު ‘ނަމަ’ މިލަފުޒު ބޭނުންކުރުމެވެ. އަދި މިއީ الله އެގޮތަކުން ‘ނަމަ’ މިލަފުޒު ބޭނުންކުރުން ނަހީކުރައްވާފައިވާ ގޮތެވެ.
الله ވަޙީކުރެއްވިއެވެ: (يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ كَفَرُوا وَقَالُوا لِإِخْوَانِهِمْ إِذَا ضَرَبُوا فِي الْأَرْضِ أَوْ كَانُوا غُزًّى لَّوْ كَانُوا عِندَنَا مَا مَاتُوا وَمَا قُتِلُوا لِيَجْعَلَ اللَّهُ ذَٰلِكَ حَسْرَةً فِي قُلُوبِهِمْ ۗ). (سورة آل عمران 156)
މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފިރުވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ އަޚުން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ، ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި ޤަތުލު އެއްވެސް ނުވީހޭ، އެއުރެންގެ އަޚުންނަށް ބުނި މީހުންނެވެ. (އެއުރެން އެ ބަސްބުނީ) اللَّه، އެ ބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއް ކަމުގައި ލެއްވުމަށެވެ.]
އަދި މިއީ އެކަމަކުން ނަބިއްޔާ ﷺ ނަހީކުރެއްވިކަމެވެ. އެއީ އެކަލޭގެފާނު ޙަދީޘްކުރެއްވި ފަދައިންނެވެ: وَإِنْ أَصَابَكَ شَىْءٌ فَلاَ تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا . وَلَكِنْ قُلْ قَدَرُ اللَّهِ وَمَا شَاءَ فَعَلَ فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ ” . (ޞަޙީހު މުސްލިމް 2664)
މާނައީ: (އަދި ތިބާއަށް ކަމެއް މެދުވެރިވެއްޖެނަމަ ، އަހުރެން މިވެނިހެން އެވެނިހެން ކަންކުރިނަމަ މިހެން ނުވީހޭ ނުބުނާށެވެ. އެހެންނަމަވެސް، ތިބާ ބުނާށެވެ: އެއީ الله ނިޔާކަނޑައެޅުއްވިގޮތެވެ. އެއިލާހު އިރާދަކުރެއްވިގޮތަކަށް ކަންތައްކުރައްވައެވެ. ފަހެ ހަމަކަށަވަރުން -ނަމަ- މިލަފުޒު ޝައިޠާނާގެ ޢަމަލަށް މަގުފަހިކޮށްދެއެވެ). އެބަހީ ދެރަވެ ހިތާމަކުރުމާއި ކެތްތެރިނުވުމަށް މަގުފަހިކޮށްދެއެވެ. އަދި އެކަމަކީ އެއްވެސް މަންފާއެއް ގެއްލުމެއްނުކޮށްދޭ ކަންތަކެކެވެ. އެއީ الله ވަޙީކުރެއްވި ފަދައިންނެވެ: (مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ ۚ). (سورة التغابن 11)
މާނައީ: [اللَّه ގެ އިޛުނަފުޅަށްމެނުވީ، އެއްވެސް މުޞީބާތެއް ނުޖެހެއެވެ. އަދި اللَّه އަށް އީމާންވާމީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ]
އެބޭކަލުން ވިދާޅުވިއެވެ: «އެމީހަކީ މުޞީބާތެއް އެމީހަކަށް ކުރިމަތިވުމުން އެކަން ދިމާވީ الله ގެ ޙަޟްރަތުންކަން ދަނެ އެކަމަށް ރުހި ޤަބޫލުވާމީހާއެވެ.»
ނަމަކިޔުމުގެ ދެވަނަގޮތަކީ: މަންފާކުރަނިވި ޢިލްމެއް ބަޔާންކުރުމުގެ ގޮތުން ‘ނަމަ’ މިލަފުޒު ބޭނުންކުރުމެވެ. އެއީ الله ވަޙީބަސްފުޅުގައިވާ ފަދައިން: (لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّهُ لَفَسَدَتَا ۚ). (سورة الأنبياء 22) މާނައީ: [އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ އިލާހުންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ.]
އަދި ހެޔޮކަމަކަށް ލޯބިކޮށް އެކަމެއްކުރުމަށް ބޭނުންވާކަން އަންގައިދިނުމުގެ ގޮތުންވެސް ‘ނަމަ’ ބޭނުންކުރެވެއެވެ. މިޘާލަކަށް: «އަހުރެންނަށް އެވެނިމިވެނިމީހަކަށް ލިބިފައިވާ އެއްޗެއް ނުވަތަ ކަމެއް ލިބިފައިވާނަމަ އަހުރެން އޭނާ ޢަމަލުކުރާފަދައިން ޢަމަލުކުރީމުހެވެ.» އަދި މިފަދަ ބަސްތައް ބުނުންވަނީ ހުއްދަވެގެންނެވެ.
އަދި ނަބިއްޔާ ﷺ ގެ މިޙަދީޘް ބަސްފުޅު: (وددت لو أن موسى صبر ليقص الله علينا من خبرهما). (ޞަޙީހުލް ބުޚާރީ 122) މާނައީ: [މޫސާގެފާނު ކެތްތެރިވެވަޑައިގެންނެވިނަމަ ކޮންފަދަހޭހިތައި ތިމަންކަލޭގެފާނު އެކަމަށް އެދިވަޑައިގެންނެވީމެވެ. އެއީ އޭރުން الله ތަޢާލާ އެދެބޭކަލުން (އެބަހީ މޫސާގެފާނާ ޚިޟްރުގެފާނުންގެ) ވާހަކަ އަހުރެމެންނަށް ކިޔައިދެއްވުމަށެވެ.] މިބަސްފުޅުވަނީ މިބާބުގެ ތެރޭގައިއެވެ. (އެބަހީ ‘ނަމަ’ ކިޔުން ހުއްދަވެގެންވާ ބާބުގެ ތެރެއިންނެވެ.) އަދި الله ވަޙީކުރެއްވި ބަސްފުޅު: ﴿وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ﴾. (ޤަލަމް ސޫރަތުގެ 9 ވަނަ އާޔަތް) މާނައީ: [ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ.].
ފަހެ ހަމަކަށަވަރުން، ނަބިއްޔާ ﷺ ލޯބިކުރެއްވެވީ الله އެދެބޭކަލުންގެ (މޫސާގެފާނާ ޚިޟްރުގެފާނުގެ) ޚަބަރު ކިޔައިދެއްވުމަށެވެ. ދެންފަހެ الله އެވާހަކަ ބަޔާންކުރެއްވީ އެކަމުގެ މައްޗައް ތަރުތީބުވެގެން އައިސްފައިވާ ކަންތައްތަކުގެ މައްޗައް ކެތްތެރިވުމުގެ ވާހަކަ އައިސްފައިއޮތުމުންނެވެ. ދެންފަހެ އެކަލޭގެފާނު ކިޔައިދެއްވެވީ ކެތްތެރިވުމުން ލިބޭނެ މަންފާތަކުގެ ވާހަކައެވެ. އަދި އެކަމުގައި އެކަލޭގެފާނު އެއްގޮތަކަށްވެސް ނުރުހުންފުޅުވެ ދެރަފުޅުނުވެއެވެ. ނުވަތަ ކުޅަދާނަވެގެންވާ ކަމަކަށް ކެތްތެރިވުން ވާޖިބުވާކަން ދޫކޮށްނުލައްވައެވެ.
–މަޞްދަރު–

