ކޮންމެ ދުވަހަކުވެސް މަދުވެގެން 100 ފަހަރު އެންމެ މަތިވެރި ހަތަރު ކަލިމަ ކިޔުމުގެ މުހިއްމުކަން މިއޮތީއެވެ.
ޛިކުރު ކުރުމަކީ އިންސާނާއަށް އެންމެ ފަސޭހަކަމާއިއެކު ކޮށްލެވޭ އެންމެ މަތިވެރި އަޅުކަމެވެ. ﷲ ގެ މަތިން ތާ އަބަދުމެ ހަނދުމަކޮށްކޮށް ހުރުމަކީ އެއިލާހާ ތިބާއާއި ދެމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް ނައިސް އެ މަތިވެރި ގުޅުން ދެމިގެންވާކަމުގެ އަލިގަދަ ރަމްޒެކެވެ. ބަޔާންވެސް ކުރަން ނޭންގޭ ފަދަ ހެޔޮކަން ޛިކުރު ކުރުމުގައި ލައްވާފައިވެއެވެ. އެކަމެއްގެ ސަބަބުން ތިބާއަށް އެތައް ގޮތަކުން ނުހަނު މަންފާކުރާނެ ކަމެކެވެ. މިކަމަށް ބާރު ލިބޭ އެހެން ޙަދީޘެއް މިއަދު މި ލިޔުމުގައި ގެނެސްދޭނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެގެން އައިސްފައިވެއެވެ.
” އަދި އުއްމުހާނީ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. އެއްފަހަރެއްގައި ތިމަން ކަމަނާގެ ކައިރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންހިނދު ތިމަން ދެންނެވީމެވެ. ހަމަކަށަވަރުން ތިމަން މުސްކުޅިވެ، ގައިގެ ބާރު ދެރަވެއްޖެއެވެ. ތިމަން ކަމަނާ އިށީނދެ އިނދެގެން ކުރެވޭނެ ކަމަކަށް ކަލޭގެފާނު ތިމަން ކަމަނާއަށް އަމުރު ކުރައްވާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ކަމަނާ 100 ފަހަރު ﷲ އަށް ތަޞްބީޙަ ކިޔާށެވެ. ފަހެ، ކަމަނާ އިސްމާޢީލްގެފާނުގެ ދަރިކޮޅުން ސަތޭކަ އަޅުން މިނިވަންކުރުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަ ވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲ އަށް ޙަމްދުކުރާށެވެ. ފަހެ، ކަމަނާ ﷲ ގެ މަގުގައި ހަނގުރާމަ ކުރާ މީހުން އުފުލުމަށްޓަކައި އަސްދާނުގޮނޑިއާއި ލަގަންލީ ސަތޭކަ އަސް ތައްޔާރުކުރުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަ ވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲ އަށް ތަކްބީރު ކިޔާށެވެ. ފަހެ، ކަމަނާ ޤަބޫލުވެވިގެންވާ ގޮތުގައި ޙަރަމްފުޅަށް ގެންދެވޭ ސަތޭކަ ޖަމަލު ކަތިލުމާ މިކަމާ (ޘަވާބުގެ ގޮތުން) ހަމަހަމަ ވެގެންވެއެވެ. އަދި ކަމަނާ 100 ފަހަރު ﷲ އަށް ތަހްލީލު ކިޔާށެވެ. އުޑާއި ބިމާ ދެމެދުގައިވާތަން (ޘަވާބުން) ފުރިގެންދާނެއެވެ. ކަމަނާ މިކަލިމަތައް ކިޔައިފި ދުވަހަކު، އުފުއްލެވޭ (ހެޔޮޢަމަލުތަކުގެ ތެރޭގައި) ކަމަނާ އެކީފަދައިން ކިޔައިފި މީހެއްގެ ޢަމަލުތައް މެނުވީ، އެއްވެސް މީހެއްގެ ޢަމަލުތައް ކަމަނާގެ ޢަމަލުތަކާ އެއްފަދަ ވެގެން ނުވެއެވެ. ” (މުސްނަދު އަޙްމަދު)
މަޞްދަރު: މި ޙަދީޘް ނެގިފައިވަނީ ޝައިޚް މުޙައްމަދު ޝިނާނު ތައްޔާރުކޮށްފައިވާ ރިޕޯރޓަކުންނެވެ. މި ރިޕޯރޓް އަޚް ޢަލީ ރަމީޒުގެ ޔޫޓިއުބް ޗެނަލުންވެސް ފެންނާނެއެވެ.
