ހުކުރު ދުވަހުގެ ބަންގީގެ އަޑުއިވިއްޖެނަމަ، އިޖާބަ ދިނުމަކީ ވާޖިބެއް!
ހުކުރު ނަމާދު ވާޖިބުވާ މީހަކަށް، ހުކުރު ދުވަހުގެ ބަންގީގެ އަޑުއިވިއްޖެނަމަ، ބަންގިއަށް އިޖާބަ ދިނުމަކީ ވާޖިބު ވެގެންވާކަމެކެވެ. އެބަހީ ހުކުރު ދުވަހުގެ އެޖަމާޢަތަށް ޙާޟިރުވުމަކީ ވާޖިބެކެވެ. އަދި ޝަރުޢީ ޢުޛުރެއްނެތި ޖަމާޢަތަށް ޙާޟިރު ނުވުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ އެމީހަކު ފާފަވެރި ވާނޭކަމެކެވެ.
ހުކުރު ނަމާދުގެ ޖަމާޢަތައް ޙާޟިރުނުވުމަށް އޮތް ޢުޛުރުތަކަކީ ހަމަ އާންމުކޮށް ޖަމާޢަތުގެ ނަމާދަށް ޙާޟިރުނުވުމަށް އޮތް ޢުޛުރުތަކެވެ. އަދި ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުމަށް ޢުޛުރުވެރި ވެއްޖެ މީހަކަށް އޮތީ އެދުވަހުގެ މެންދުރު ނަމާދުކުރުމެވެ.
ހުކުރު ނަމާދު އެމީހެއްގެ މައްޗަށް ވާޖިބުވެފައިވާމީހާ، އެނަމާދު ޝަރުޢީ ޢުޛުރެއްނެތި ދޫކޮށްލުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمُ الْجُمُعَاتِ، أَوْ لَيَخْتِمَنَّ اللهُ عَلَى قُلُوبِهِمْ، ثُمَّ لَيَكُونُنَّ مِنَ الْغَافِلِينَ)) [2] މާނައީ: ”ބަޔަކު މީހުން، ހުކުރު ނަމާދު އެޅުން ހުއްޓާލާ ހުށިކަމެވެ. އެހެން ނުހަދައިފިނަމަ، ﷲ ތަޢާލާ އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާނެއެވެ. ދެން އެބައިމީހުންވާހުށީ ޣާފިލުވީ މީހުންގެ ތެރެއިންނެވެ.”
އެހެން ޙަދީޘްފުޅެއްގައިވެއެވެ. ((مَنْ تَرَكَ ثَلاَثَ جُمَعٍ تَهَاوُنًا بِهَا طَبَعَ اللَّهُ عَلَى قَلْبِهِ))[3] މާނައީ: “ފަރުވާކުޑަކަމާއެކު ތިން ހުކުރު އަޅައިފިމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާގެ ހިތުގައި ސިއްކަޖައްސަވާ ހުއްޓެވެ.”
ނޯޓް: މިއީ ޖަމިއްޔަތު ސަލަފު ގެ ވެބްސައިޓުން ނަގާފައި ލިޔުމަކުން ކުދިކުދި ބަދަލުގެނެސްގެން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.

