ސަޢުދީގައި އުޅޭހާ ބަޔަކީ “ޙުއްޖަތެއް” ނޫނެވެ.
މިނިވަންކަމުގެ ދިފާޢުގައި ވަކާލާތުކޮށް، ކުރިން ނުކުރާ އެތައްކަމެއް ތަޢާރަފުކޮށް، ކުރިން މަނާވެފައިވާ އެތައްކަމެއް ހުއްދަކޮށްގެން އިންސާނީ މިނިވަންކަން ނުވަތަ ޙައްޤުތައް ހޯދައިދޭން ފައިމުޑި ވިއްދާފައިވާ ސަޢުދީގައި އުޅޭހާ ބަޔަކީ މީސްތަކުން އުޅެންވީގޮތް އަންގައިދޭ ޙުއްޖަތެއް ނޫނެވެ. ނުވަތަ ސަޢުދީގައި އުޅޭހާ ބަޔަކު ކަންކަން ކުރާ ގޮތަކީ ކަންކަން ކުރުމަށާއި ނުކުރުމަށް އޮންނަ ދަލީލެއް ނުވަތަ ޙުއްޖަތެއް ނޫނެވެ.
ވިސްނާށެވެ. ޒަމާނީ ތަރަށްޤީއާއި ޒަމާނީ ގޮތްތަކޭ ބުނެ، ސަޢުދީގައިހުރި މިހާރުގެ ވަލިއްޔުލް އަމުރުގެ ސީދާ ބެލުމުގެ ދަށުން ސަޢުދީގައި އެދަނީ ހުޅަނގުގެ ޤައުމުތަކުން އެބުނާ މިނިވަންކަން ހޯދައިދެމުންނެވެ. އެތައް ޒަމާނެއްގައި ސަޢުދީގައި އޮތް ރީތި އާދަކާދަތައް ނައްތާލާ، ހުޅަނގުގެ ޤައުމުތަކުގެ ދަޅަތަކަށްހެއްލި، ދުނިޔެވީ މަންފާއަށްޓަކައި އެދަނީ އެމާތް ބިންވެސް ޚަރާބު ކުރަމުންނެވެ.
އަންހެނުންނަށް އިސްލާމްދީނުގައި ދީފައިވާ ޙައްޤުތައް އެއްފަރާތްކޮށް ހުޅަނގުގެ ޤައުމުތަކުން ރުހޭ ގޮތަށް އެދަނީ އެމީހުން އެބުނާ ހަމަހަމަކަން އަންހެނުންނަށާއި ފިރިހެނުންނަށް ހޯދައިދިނުމުގެ ނަމުގައި އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. ހިލޭ އަންހެނުންނާއި ފިރިހެން އެއްތާކަށް އެއްވެ އުޅުމަކީ ސަޢުދީގައި މީގެ ކުރިން ކުރެވެމުންއައި ކަންކަމެއް ނޫނެވެ.
ބޮޑަތި މިއުޒިކް ޝޯތަކާއި ޑީޖޭ ކުރެވޭނެ ކަންކަމާއި ތަންތަން ހުޅުވި، ސިނަމާތައް ހުޅުވިގެން ދިއުމަކީ ސަޢުދީގެ ޒަމާންވީ ރިވެތި އިސްލާމީ އަޚްލާޤުގެ ފޭރާން ވީދުމުގެ ފެށުމެވެ.
އަދި އެވަރަކުން ފުދުނީކީވެސް ނޫނެވެ. ނިމިގެން ދިޔަ އަހަރުގައި ކްރިސްޓިއަނުން ފާހަގަކުރަމުންދާ ކްރިސްމަސް ފާހަގަ ކުރުމުގެ ހުއްދަވެސް ސަޢުދީގައިދެވި އެކަންވެސް އެވަނީ ކޮށްފައެވެ. ނަޢޫޛު ބިﷲ
މިވަރުންވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ ބައެއް އަފުރާދުން ބުނަމުން އެދަނީ ސަޢުދީގައި އެކަމެއް ސަޢުދީގައި މިވެނި އެވެނިކަމެއްވެސް ކޮށްފިއެވެ. ދެން އަދި އަހަރެމެންނަށް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ. އިސްލާމްދީން މިއޮތީ ރާއްޖޭގައި އެކަނި ހެއްޔެވެ.
އަސްތަޣްފިރުﷲ.! ކޮންފަދަ ބިރުވެތި ހިތާމަވެރި ބަސްތަކެއް ތޯއެވެ. މުސްލިމުންގެ ދުލުން ބޭރުކުރަން ހެޔޮވާވަރުގެ ބަސްތަކެއްވެސް ނޫންތާއެވެ.
ލޮބުވެތި އަޚުންނޭވެ. ވިސްނަންވީކީ ސަޢުދީގައި ބަޔަކު ކުރާ ކަންކަމަކަށް ނޫނެވެ. ވިސްނަންވީ ސަޢުދީގެ ބަޔަކު އުޅޭހާވެސް ގޮތެއް ނޫނެވެ. އަޅުގަނޑުމެންނަށް ކަންކަމުގެ ދަލީލު (ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައްތައް) އަންގަވާ ބަޔާންކޮށްދީފައި ވެއެވެ. އެއީ މާތްވެގެންވާ ކަލާމްފުޅާއި މާތް ނަބިއްޔާގެ ޞައްޙަ ޙަދީޘެވެ.
އަޚުންނާއި އުޚުތުންނޭވެ! މީސްތަކުން ޝައިޠާނާގެ ދަޅަތަކަށް ހެއްލުމުން އުރެދޭކަށެއް ވަކި ބިމެއް ނޯވެއެވެ. އެއީ މައްކާގެ އަހުލުވެރިންނަށް ވާތީވެ ނުވަތަ މަދީނާގެ އަހުލުވެރިންނަށްވާތީވެ ސުވަރުގެ ވަދެވޭނެ ބަޔަކު ނުވެއެވެ. ސަޢުދީގައި އުޅެނީކީ ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިފައިވާ މީހުންނޭ އޮތީ ކޮން ފޮތަކު ތޯއެވެ. ކޮންމެތާކު، ކޮންމެ މީހަކު ނުބައި ޢަމަލެއް ކުރިޔަސް އެކަންވެގެންދާނީ އޭނާ ކުރި ނުބައި ޢަމަލަކަށެވެ. މައްކާގެ މާތް ބިމުގައި މިއުޒިކް ޝޯ ބޭއްވި، ޒިނޭ ކުރެވޭނެ މަގުތައް ފަހިވެ، ޑީޖޭތައް ބޭއްވޭނެ ދޮރުތައް ހުޅުވި، ނަޞާރާއިން ފާހަގަ ކުރާ ދުވަސްތައް ފާހަގަ ކުރެވިގެންދިއުމަކީ އެއީކީ މައްކާގެ މާތްކަމާއި މަތިވެރިކަމުން ވެގެންދާ ކަންކަމެއް ނޫނެވެ. އެއީ އެތަނުގައި މިވަގުތު ތިބި ވެރިންގެ ނުބައި ނުލަފާކަމުން ވެގެންދާ ކަންކަމެވެ.
ޙައްޤުބަސް ބުނަމުންދާ އެތައްއެތައް ޢިލްމުވެރިންނަށް ޖަލުގެ ތޭރިތަކުގެ ތެރެއަށްލާ، އެމީހުން ބޭނުންވާހާ ގޮތައް ފަތުވާދެމުންދާ ޢިލްމުވެރިންނޭ ކިޔާ ބަޔަކު ފްރޮންޓްލައިނަށްނެރެ ދުނިޔެވީ އުފާތައް ޙާޞިލްކުރަމުންދަނީ އިންތިހާއަށެވެ. ވެރިކަމާއި ފައިސާގެ ދަހިވެތިކަމުގައި ވީދާ ކުދިކުދި އެކުރަނީ މުޅި އިސްލާމީ އުންމަތުގެ ފަރުދާއެވެ.
އަޚުންނާއި އުޚުތުންނޭވެ! ބަޔަކު ބުނަމުން ދެއެވެ. ” އެމާތް ބިމުގައި އެފަދަ ކަމެއް ކުރާއިރު ﷲ ގެ ކޯފާއެއް ނާންނަނީ ދެން ކީއްވެ ހެއްޔެވެ؟” ދަންނަވަންތޯއެވެ. ﷲ ތަޢާލާގެ ކޯފާ ކޮންމެ ފަހަރަކު އަންނާނީކީ ބޮޑު ސުނާމީއަކުން ނުވަތަ ބިންގަނޑު ގަންބަވާގަތުމަކުންވެސް ނޫނެވެ.
އެއިލާހަށް އުރެދޭ އަޅުތަކުންނަށް އެއިލާހު ތަޢާލާގެ އޯގާވަންތަކަމުގެ ތެރެއިން ހެޔޮމަގަށް ރުޖޫޢަވާން މުހުލަތުވެސް ދެއްވައެވެ. އަދި އެއިލާހުގެ ޢަޛާބު އަންނަހިނދު ޢަޛާބަކީ ގަދަފަދަ ވެގެންވާ އެއްޗެއްކަންވެސް ދަންނަން ޖެހެއެވެ.
އަޚުންނާއި އުޚުތުންނޭވެ! ބަލަންވީކީ ބަޔަކު އުޅޭހާ ގޮތެއް ނޫނެވެ. ކުރިން ދެންނެވިހެން އެއްވެސް ފޮތެއްގައި ސަޢުދީގެ އެންމެން ސުވަރުގެ ދާނެއެކޭ ނެތެވެ. އެހެންކަމުން އެތާންގާ އުޅޭހާ ބަޔަކު ކުރާހާ ކަންކަމަކީ ހުއްދަ ކަންކަމެއް ނޫނެވެ. ވިސްނަންވީ އަޅުގަނޑުމެންނަށް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބާ ކިޔަމަންވެ، އިސްތިޣުފާރުކުރުން ގިނަކޮށް، ހެޔޮޢަމަލުތައް ގިނަކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށެވެ.
ﷲ ތަޢާލާއާއި މާތް ނަބިއްޔާ ނަހީކުރައްވާފައިވާކަމެއް ސަޢުދީގެ މީހުން ކީއްކުރަން، ތިމާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ދަރިޔަކު ކުރިޔަސް އެކަމަކާއި ނުރުހުންވެ އެކަންކަން އިސްލާޙުކުރެވޭނެ މަގެއް އޮތިއްޔާ އެކަންކޮށް އެކަމުގެ މަގުފަހިވެފައި ނެތިއްޔާ އެބަޔަކާއި ދުރުހެލިވެ އެމީހުންނަށް ހިދާޔަތް ދައްކަވާތޯ ދުޢާކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ.


ރަނގަޅު ވާހަކަ އެއް!