މާދަމާއަކީ ޢަރަފާތު ދުވަސް: ދެ އަހަރު ދުވަހުގެ ފާފަ ފޮހެލަން އެދޭނަމަ މިކަން ކޮށްލަމާ!
މާދަމާ އަޅުގަނޑުމެންނާއި ބައްދަލު ކުރާނީ މިއަހަރުގެ ޢަރަފާތު ދުވަހެވެ. ނުވަތަ ޙައްޖު ދުވަހެވެ. އެހެންކަމުން އެދުވަހުގެ މާތްކަމާއި މަތިވެރިކަން ހަނދާން އައު ކޮށްލުމަކީ މުސްލިމުންގެ އީމާންތެރިކަން ވަރުގަދަވެ އަޅުކަންތައް ފުރިހަމައަށް އަދާކުރުމަށްޓަކައި ލިބިގެންދާނެ ވަރަށްބޮޑު ބާރެކެވެ.
ފަހެ ޢަރަފާތް ދުވަހަކީ މަތިވެރިވެގެންވާ ދުވަސްތަކުގެ ތެރެއިން އެއްދުވަހެވެ. އެދުވަހަކީ ﷲ ތަޢާލާ ދުޢާ އިޖާބަ ކުރައްވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެދުވަހަކީ ﷲ ތަޢާލާ މިމަތިވެރި ދީން ފުރިހަމަ ކުރެއްވެވި ދުވަސްވެސްމެއެވެ. އަދި އެދުވަހަކީ ﷲ ތަޢާލާ އެދުވަހުގެ ކަންތައްތައް މަތިވެރި ކުރައްވާފައިވާ ދުވަހެކެވެ. އަދި އެދުވަހަކީ މީސްތަކުންގެ ފާފަ ފުއްސަވައި ނަރަކައިން ދިންނަވާ ދުވަހެކެވެ. އެހެންކަމުން މިދުވަހުގެ މަތިވެރިކަމާއި ބެހޭގޮތުން ކޮންމެވެސް މިންވަރެއް އެނގުމަކީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމު ކަމެކެވެ. މިގޮތުން މިދުވަހާއި ބެހޭގޮތުން ރަސޫލު ﷲ صلى الله عليه وسلمގެ ކިބައިން ވާރިދުވެފައިވާ ބައެއް ޙަދީޘްތައް ނަޤަލުކޮށްލާނަމެވެ. (بإذن الله)
ޢަރަފާތް ދުވަހަކީ ދީނާއި, މީސްތަކުންނަށް ނިޢުމަތްތައް ފުރިހަމަ ކުރެއްވެވި ދުވަހެވެ.
އިމާމް ބުޚާރީއާއި މުސްލިމް، ﷲ ތަޢާލާ ރުއްސުންލެއްވެވި ޢުމަރު ބުނުލް ޚައްޠާބުގެ ކިބައިން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. ޔަހޫދީންގެ ތެރެއިން މީހަކު ބުންޏެވެ. “އޭ އަމީރުލް މުއުމިނީން އޭވެ. ތިޔަބައިމީހުންގެ ފޮތުގައި ތިޔަބައިމީހުން ކިޔައި އުޅޭ އާޔަތެއް ވެއެވެ. ފަހެ އެއީ ތިމަންމެން ޔަހޫދީންގެ މައްޗަށް ބާއްވާލެއްވުނު އާޔަތެއް ކަމުގައިވާނަމަ ތިމަންމެން އެދުވަހަކީ ޢީދެއްކަމުގައި ހެދީމުހެއްޔެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ. “އެއީ ކޮން އާޔަތެއް ހެއްޔެވެ؟” ޔަހޫދީކަލޭގެ ބުންޏެވެ. އެއީ “الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْأِسْلامَ دِيناً – ފަހެ ތިމަން ﷲ މިއަދު ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ދީން ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން ﷲގެ ޙަޟްރަތުން ތިޔަބައިމީހުންނަށްވާ ނިޢުމަތްތައްވެސް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން ﷲ ތިޔަބައިމީހުންގެ މައްޗަށް ދީނެއްކަމުގައި އިސްލާމްދީން ރުހިވޮޑިގެންފީމެވެ.”(المائدة: 3). ޢުމަރުގެފާނު ވިދާޅުވިއެވެ. “ރަސޫލު ﷲ صلى الله عليه وسلمގެ މައްޗަށް އެއާޔަތް ބާއްވާލެއްވުނު ދުވަހާއި ތަން އަހަރުމެން ދަންނަމުއެވެ. އެއީ (ޙައްޖު) ހުކުރު ދުވަހު އެކަލޭގެފާނު ޢަރަފާތު ބިމުގައި ކޮޅަށް ހުންނަވަނިކޮށެވެ.”
ޢަރަފާތް ދުވަހާއި އެދުވަހާއި ވިދިގެން އަންނަ ދުވަސްތަކަކީ މުސްލިމުންނަށްވާ ޢީދު ދުވަސްތަކެކެވެ.
ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “يوم عرفة ويوم النحر وأيام التشريق عيدنا أهل الإسلام وهي أيام أكل وشرب” (رواه أهل السّنن). މާނައީ: “ޢަރަފާތް ދުވަހާއި ޤުރުބާން ކުރާ ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ (ޤުރުބާން ކުރާ އެބަހީ ޢީދު ދުވަހާއި ވިދިގެން އަންނަ ތިން ދުވަހަކީ) އަހަރުމެން މުސްލިމުންގެ ޢީދު ދުވަސްތަކެވެ. އަދި އެއީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ.“
އެދުވަހުގެ ރޯދަ ހިފުމުން ދެއަހަރު ދުވަހުގެ ފާފަ ފޮހެވިގެން ދެއެވެ.
ﷲ ތަޢާލާ ރުއްސުން ލެއްވެވި އަބޫ ޤަތާދާގެ ކިބައިން ވާރިދުވެފައިވެއެވެ. ޢަރަފާތް ދުވަހު ރޯދަ ހިފުމާއި ބެހޭ ގޮތުން ރަސޫލު ﷲ صلى الله عليه وسلم އާއި ސުވާލު ކުރެވުނެވެ. އެހިނދު ޙަދީޘްފުޅު ކުރެއްވިއެވެ. “يكفر السنة الماضية والسنة القابلة – އެބަހީ: ޢަރަފާތް ދުވަހުގެ ރޯދަ، ފާއިތުވެދިޔަ އަހަރުގެ ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފޮހެލައެވެ.” (رواه مسلم).
އެދުވަހަކީ ފާފަތައް ފުއްސަވާ، ނަރަކައިން މިންޖުކޮށް އަދި ޢަރަފާތު ބިމުގައި ތިބޭ މީހުންނަށް ފަޚްރު ލިބިގެންވާ ދުވަހެކެވެ.
އިމާމް މުސްލިމް، ﷲ ތަޢާލާ ރުއްސުން ލެއްވެވި ޢާއިޝަތުގެފާނު ކިބައިން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. “ما من يوم أكثر من أن يعتق الله فيه عبدأ من النار من يوم عرفة، وإنه ليدنو ثم يباهي بهم الملائكة فيقول: ما أراد هؤلاء؟”. މާނައީ: “ﷲ ތަޢާލާ ޢަރަފާތް ދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަހެއް ނުވެއެވެ. އަދި އެއިލާހު މީސްތަކުންނާއި ކައިރިވެވޮޑިގަތުމަށްފަހު އެމީސްތަކުންނާމެދު މަލާއިކަތްބޭކަލުންނަށް مباهاةކުރެއްވުމާއެކު ވަޙީ ކުރައްވާ ނެއެވެ. ފަހެ އެމީސްތަކުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟”
އަދިވެސް ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “إن الله تعالى يباهي ملائكته عشية عرفة بأهل عرفة، فيقول: انظروا إلى عبادي، أتوني شعثا غبراً” (رواه أحمد وصححه الألباني). މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ޢަރަފާތް ދުވަހުގެ ހަވީރު ވަޤުތުގައި ޢަރަފާތުގެ އަހުލުވެރިންނަށް (އެބަހީ ޢަރަފާތުގައި ތިބި މީހުންނާމެދު) މަލާއިކަތް ބޭކަލުންނަށް مباهاةކުރައްވާ، ވަޙީ ކުރައްވާނެއެވެ. ފަހެ ބޯހޭވި ހިރަފުސްވެފައިވާ ޙާލު ތިމަން ﷲގެ ޙަޟްރަތަށް އައިސްތިބި މީސްތަކުން، ތިޔަބޭކަލުން ދެކޭށެވެ.”
ކޮންމެއަކަސް އަޅުގަނޑުމެން އެންމެންނަކީ މިފަދަ މަތިވެރި ދުވަހެއްގެ ފާފަ ފުއްސެވުމާއި ރަޙްމަތަށް ދަހިވެތިވެފައިވާ ބައެއް ކަމުގައިވެ އަޅުގަނޑުމެންގެ އާޚިރަތުގެ ތިލަފަތް ބަރުކުރުމަށް ގަދައަޅާ މަސައްކަތް ކުރަމާތޯއެވެ. މިދުވަހު ކުރުމަށް އެންމެ މޮޅުއިތުރުވެގެންވާ ދުޢާކަމަށް ރަސޫލު ﷲ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. “خير الدعاء دعاء يوم عرفة، وخير ما قلت أنا والنبيون من قبلي: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ” (رواه الترمذي وحسنه الألباني). މާނައީ: “އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތް ދުވަހު ކުރާ ދުޢާއެވެ. އަދި އެންމެ ހެޔޮ ދުޢާއަކީ ތިމަން ނަބިއްޔާއާއި ތިމަން ނަބިއްޔާގެ ކުރީގެ ނަބީބޭކަލުންވެސް ވިދާޅުވެފައިވާ: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ އެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އުފައްދާ ސުވާލަކީ ޢަރަފާތު ދުވަހު އެކަނި ރޯދަ ހިފުމަށްފަހު ދެން އޭގެ ފަހުން ހެޔޮ ޢަމަލެއް ނުކުރިޔަސް ފާފަތައް ފޮހެވިގެންދާނެތޯއެވެ. އާދެ! އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ވަރަށް ބޮޑު ކުންހީއެކެވެ. ޢަރަފާތު ދުވަހު ރޯދަ ހިފުމަށްފަހު ފާފަތައް ފޮހެވިގެންދާނީ ފަހުންވެސް ހެޔޮޢަމަލުތައްކުރުންމަތީ ދެމިހުރެވިގެންނެވެ. މިފަދަ ދުވަސްތަކަކީ ﷲ ތަޢާލާ މުސްލިމުންނަށްޓަކައި ޚާއްޞަ ކުރެއްވި ދުވަސްތަކެވެ. އޭގެ މާނައަކީ އެދުވަހު އެކަނި އަޅުކަންކޮށްލުމަށްފަހު ދެން އެހެން ހުރިހާ ދުވަސްތަކެއްގައި ﷲ ތަޢާލާއަށް އުރެދުމެއް ނޫނެވެ.
-ނިމުނީ-
ނޯޓް: މިއީ ދިސަލަފިއްޔާގައިވާ ލިޔުމެއް އަޞްލަކަށް ބަލައިގެން ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ.
މި ލިޔުމަކީ 18 އޯގަސްޓް 2018 ވަނަ ދުވަހުވެސް ނާރެސްގައި ޝާޢިޢު ކުރެވިފައިވާ ލިޔުމެކެވެ.

