ޙޫރުލްޢީނުން (ސަތާރަވަނަބައި) – މުއުމިނާ އޭނާގެ އަނބީންނާއިއެކު އުޅޭނީ ކޮންތަނަކު؟
أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ الْخَيْمَةُ دُرَّةٌ مُجَوَّفَةٌ، طُولُهَا فِي السَّمَاءِ ثَلاَثُونَ مِيلاً، فِي كُلِّ زَاوِيَةٍ مِنْهَا لِلْمُؤْمِنِ أَهْلٌ لاَ يَرَاهُمُ الآخَرُونَ ”. قَالَ أَبُو عَبْدِ الصَّمَدِ وَالْحَارِثُ بْنُ عُبَيْدٍ عَنْ أَبِي عِمْرَانَ سِتُّونَ مِيلاً.
މާނައީ: ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ޖަންނަތުގައި މުއުމިނާއަށް އެތެރެހުސް މުތީއަކުން ހެދިފައިވާ، އުސްމިނުގައި 30 މޭލު ހުންނަ ފޭލިގެއެއް (ޓެންޓެއް) ވެއެވެ. އެތަނުގައި، އޭނާގެ އަނބީންތަކުގެ ކައިރިއަށް އޭނާ ގޮސް އުޅޭނެއެވެ. އަދި އެއިގެ ތެރެއިން އެއްބަޔަކަށް އަނެއްބަޔަކު ނުފެންނާނެއެވެ.” އަބޫ ޢިމްރާންގެ ރިވާޔަތުގައިވަނީ 60 މޭލު (111 ކިލޯ މީޓަރު) ކަމަށެވެ. (ޞަޙީޙުލް ބުޚާރީ – 3243)
މި ޙަދީޘުން ދޭހަވެގެންދަނީ، މުއުމިނާ އޭނާގެ އަނބިންނާއިއެކު ސުވަރުގޭގައި އުޅޭނީ އެކަމަށް ޚާއްޞަ ކުރެވިގެންވާ ތަނެއްކަމުގައެވެ.
ފޭލިގެއެކޭ ޙަދީޘްގައި އައިސްފައިވުމުން، ބައެއް މީހުންނަށް އެއީ ސުވަރުގެއާއި އަޅާބަލާއިރު އެކަށީގެންވާ ކަމެއް ނޫންކަމަށް ވިސްނިދާނެއެވެ. ދަންނަންޖެހޭ ކަމަކީ، ސުވަރުގޭގައިވާ ފޭލިގެ ތަކަކީ، މި ދުނިޔެމަތީގައި މިވާފަދަ ފޭލިގެތައް ނޫންކަމެވެ. ސުވަރުގޭގައިވާ ތަންތަނުގެ ޒީނަތްތެރިކަމާއި ފުރިހަމަކަން އިންސާނެއްގެ ހިތަށް ތަޞައްވުރުވެސްކޮށް ނުލެވޭނެއެވެ.
(ނުނިމޭ)


