ދީން

ޙޫރުލްޢީނުން (ހަތަރުވަނަބައި) – ޙޫރުންނަކީ ކޮބައިކަމާއި ޙޫރުން އުފެއްދިގެންވަނީ ކޮންއެއްޗަކުންކަން

ޙޫރުންނަކީ ކޮބާ ؟

ޖަންނަތުގައިވާ ދެވަނަ ވައްތަރުގެ އަންހެނުންނަކީ، ޖަންނަތުގެ އަހުލުވެރީންނަށްޓަކައި ޚާއްޞަކޮށް އުފެއްދިފައިވާ ޙޫރުލްޢީން އެވެ. ޙޫރަކީ ޒުވާން، ރީތި، ދޮން ހަންގަނޑެއް ލިބިގެންވާ، ކަޅުކަންގަދަ ދެލޯ ލިބިގެންވާ އަންހެނެކެވެ. އެހެން ތަފްސީރަކީ، އެ އަންހެނުންގެ ލޮލުގެ ކަޅުކަމާއި ހުދުކަން ވަރަށްބޮޑަށް ފާހަގަވާން ހުރުމެވެ. އެއީ ވަރަށް ރީތި ޞިފައެކެވެ. ނުވަތަ އަނެއްމާނައަކީ، އެ އަންހެނުންގެ ރީތި ކަމުގެ ސަބަބުން، އެހެން މީހުން ޙައިރާންކޮށްލާ، އާޝޯޚުކޮށްލުމެވެ. ” އަލް ޢީން ” ގެ މާނައަކީ، ރީތި، ބޮޑެތި ލޯތަކެއް ލިބިގެންވާ އަންހެނުންތަކެކެވެ. އެވެސް ރީތި ކަމުގެ ޞިފައެކެވެ. (ހާދީ އަލް އަރްވާޙް)

ޙޫރުން އުފެއްދިގެންވަނީ ކޮން އެއްޗަކުން ހެއްޔެވެ؟

خلق الحور العين من الزعفران وهذا مروي عن صحابين وهما ابن عباس وأنس, وعن تابعين وهما أبو سلمة ومجاهد (هادي الأرواح: 274)

މާނައީ ” ޙޫރުލްޢީނުން އުފެއްދެވިގެންވަނީ، ޒަޢުފަރާން އިންނެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަގެ ދެ ޞަޙާބީން ކަމުގައިވާ އިބުނު ޢައްބާސްއާއި އަނަސް ރަޟިޔަﷲ ޢަންހު އަރިހުން ރިވާވެގެންވާ ބަސްފުޅެކެވެ. އަދި ދެތާބިޢީ ބޭކަލުން ކަމުގައިވާ އަބޫ ސަލަމާއާއި މުޖާހިދު ރަޟިޔަﷲ ޢަންހުގެ އަރިހުންވެސް މިގޮތަށް ރިވާވެގެންވެއެވެ.”

ޒަޢްފަރާންއަކީ، މަލަކުން ނެގޭ އޮރެންޖު ކުލައިގައި ހުންނަ އެއްޗެކެވެ. އެބޭނުންކުރެވެނީ، ކާއެއްޗެތީގައި ކުލަޖެއްސުމަށާއި، ރަހަލެއްވުމަށެވެ. ފަހެ، ވެލީން ހެއްދެވިފައިވާ އިންސާނުންގެ ތެރޭ، ޢަޖައިބުކުރުވަނިވި ރީތިކަމާއި، ބުރުޞޫރަ ރީތިކަންވާއިރު، ޒަޢުފަރާން އިން އުފެއްދެވިގެންވާ އަންހެނުންގެ ރީތިކަމާއިމެދު ފިކުރުކޮށް ބަލާށެވެ!

ދެއަނބިގެން ދެމެދުގައި ޙަސަދަވެރިކަމެއް، ރުޅިވެރިކަމެއް ނޯންނާނެއެވެ.

أَتْرَابًا (އަލް ވާޤިޢާ ސޫރަތުގެ 37) (ޢުމުރުން އެއްވަރުވެގެންވާ ބައެކެވެ.) މީގެ އަނެއް މާނައަކީ، ޖަންނަތުގައި އަންހެނުންގެ ޢުމުރު އެއްވަރުވެގެން ވުމުން، އެކަކު އަނެކަކާއި ޙަސަދަވެރިކަމެއް، ރުޅިވެރިކަމެއްނެތި، ގުޅިގެން އެކުވެރިކަމާއެކު އުޅޭތީވެ، މުއުމިނާގެ ޙަޔާތް އަމާންވެފައި ހަމަޖެހުންވާނެއެވެ. (ރޫޙުލް މަޢާނީ 220/13)

ދުނިޔޭގައި މުއުމިނާގެ ޙަޔާތް ޢާއްމުގޮތެއްގައި ހަމަޖެހުން ކުޑަވެފައި، ހިތާމަވެރިވާނީ، އަނބީންގެ ދެމެދު އޮންނަ ޙަސަދަވެރިކަމާއި، ޒުވާބުކުރުމާއި، އަރައިރުންވުމުގެ ސަބަބުންނެވެ. އެހެނަސް، ޖަންނަތުގައި އެއްވެސް މީހަކު އަނެކާއާއި ދޭތެރޭ ޙަސަދަވެރިކަމެއް، ރުޅިވެރިކަމެއް، ދެކޮޅުވެރިކަމެއް ނޯންނާނެއެވެ. އެގޮތުން، ބުޚާރީ އާއި މުސްލިމުގައިވާ ޙަދީޘެއްގައި ބަޔާންވެގެންވާ ގޮތުން، ޖަންނަތުގެ އަހުލުވެރިންގެ ހިތްތައް އެއްހިތްފަދަ އެވެ. އެހެންކަމުން، އެމީހުންގެ ތެރޭގައި އެއްވެސް ދެބަސްވުމެއް، ހަމަނުޖެހުމެއް ނުވާނެއެވެ.

އެގޮތުން ﷲ ތަޢާލާ މިކަން ބަޔާންކުރައްވާ، އަލް އަޢުރާފް ސޫރަތުގެ 43 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ

މާނައީ ” އަދި ތިމަން އިލާހު، އެމީހުންގެ ހިތްތަކުން ހުރިހާ ރުޅިވެރިކަމެއް ބޭރުކުރެއްވީމެވެ. “

އެހެންކަމުން ޖަންނަތުގައި މުއުމިނާގެ އަނބީންގެ ދެމެދުގައި ޙަސަދައެއް، ރުޅިއެއް ނުވާނެއެވެ.

(ނުނިމޭ)

މި ލިޔުމުގެ ފުރަތަމަބައި ކިޔާލުމަށް

މި ލިޔުމުގެ ދެވަނަބައި ކިޔާލުމަށް

މި ލިޔުމުގެ ތިންވަނަބައި ކިޔާލުމަށް

މިވެސް ބަލާ
Close