އެކި މީހުން ކުރިމަތިލާން ޖެހެނީ އެކި އިމްތިޙާނުތަކާއެވެ. (ދެވަނަބައި)
އެފަދަ އެތައް ޙާދިޘާތަކެއް އިސްލާމީ ތާރީޚުގައިވަނީ ހިނގާ ގޮސްފައެވެ. ކީރިތި ޤުރްއާނުގައިވެސް އެ ވާހަކަތައް ﷲ ތަޢާލާ ބަޔާންކޮށްދެއްވާފައިވެއެވެ. އޭގެތެރެއިންވެސް އަޅުގަނޑުމެންނަށް ކެތްތެރިކަމުގެ މަތިވެރި ނަމޫނާ ލިބިގެންދާ ޙާދިސާތަކުގެ ތެރޭގައި އައްޔޫބު ޢަލައިހިއްސަލާމަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅުގެ ވާހަކަ ފުދެއެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން 70 އަހަރުފުޅުގައި ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއްގެ ސަބަބުން، އަނބިންނާއި ދަރިންނާއި އެކަލޭގެފާނުގެ މުދާތައް ގެއްލިގެން ދިޔައެވެ. އާލާސްކަންފުޅުގައި 18 އަހަރު ހޭދަވެގެންދިޔައިރުވެސް އެކަލޭގެފާނު އެއްވެސް ޝަކުވާފުޅެއް ނުކުރައްވައެވެ. ކެތްތެރިވެ ވަޑައިގެން، ﷲ ތަޢާލާގެ ޙަޟްރަތުގައި ތައުބާވެ ވަޑައިގަތުން އިތުރުކުރައްވާ، އެކަލާނގެ ހަނދުމަފުޅު ކުރެއްވުމުގައި ހޭދަކުރެއްވިއެވެ.
އަދި ހަމައެހެންމެ، ޔަޢުޤޫބުގެފާނުގެ ދަރިކަލުން، ޔޫސުފް ޢަލައިހިއްސަލާމް އެކަލޭގެފާނާއި ވަކިވެ ވަޑައިގެންނެވި ވަޑައިގަތުން، އެކަލޭގެފާނު ހިތާމަފުޅު ކުރެއްވި ކުރެއްވުމާއި އެކަލޭގެފާނުގެ ކެތްތެރިކަމުގެ ނަމޫނާ ޢިބްރަތަކަށް ފުދެއެވެ. މިވާހަކަ ޔޫސުފް ސޫރަތުގައި ﷲ ތަޢާލާ ބަޔާން ކުރައްވާފައިވެއެވެ.
ތިމާއަށް ނުވަތަ ތިމާގެ އާއިލީ މީހަކަށް ނުވަތަ ދަރިޔަކަށް ދާއިމީ ބަލިމަޑުކަމެއް މެދުވެރި ކުރައްވައިގެން ﷲ ތަޢާލާ ތިމާ އާއި ތިމާގެ އާއިލާ މީހުންނާއި އަނބިދަރިންނާއި ރައްޓެހިންވެސް އިމްތިޙާނު ކުރައްވަފާނެތެވެ. އަދި ހަމައެހެންމެ، ތިމާގެ ގެ މައިންބަފައިން ނުވަތަ އާއިލާ މީހަކު ނުވަތަ ދަރިޔެއްގެ ފުރާނަ ކުއްލިގޮތަކަށް ހިތްޕަވައިގެންވެސް ﷲ ތަޢާލާ ތިމާ އާއި ތިމާގެ އާއިލާ މީހުންނާއި އަނބިދަރިންނާއި ރައްޓެހިންވެސް އިމްތިޙާނު ކުރައްވަފާނެތެވެ. ނުވަތަ ބައެއްގެ އަނިޔާވެރިކަމެއްގެ ސަބަބުން ތިމާއަށް ޖަލުގެ ތޭރިތަކުގެ ތެރެއަށް ވަންނަންޖެހިވެސް ﷲ ތަޢާލާ ތިމާ އާއި ތިމާގެ އާއިލާ މީހުންނާއި އަނބިދަރިންނާއި ރައްޓެހިންވެސް އިމްތިޙާނު ކުރައްވަފާނެތެވެ. ނުވަތަ ތިމާއަށް ލިބިފައިވާ ހުނަރަކާއި ޢިލްމެއް މެދުވެރި ކުރައްވާވެސް ﷲ ތަޢާލާ ތިމާ އާއި ތިމާގެ އާއިލާ މީހުންނާއި އަނބިދަރިންނާއި ރައްޓެހިންވެސް އިމްތިޙާނު ކުރައްވަފާނެތެވެ. ތިމާ އެންމެ ހިތްނޭދޭ ކަމެއް މެދުވެރިކުރައްވައިގެންވެސް ﷲ ތަޢާލާ ތިމާ އާއި ތިމާގެ އާއިލާ މީހުންނާއި އަނބިދަރިންނާއި ރައްޓެހިންވެސް އިމްތިޙާނު ކުރައްވަފާނެތެވެ. ނުވަތަ ތިމާ އެންމެ ހިތްއެދޭ ކަންތައް މެދުވެރިކުރައްވައިގެންވެސް ﷲ ތަޢާލާ ތިމާ އާއި ތިމާގެ އާއިލާ މީހުންނާއި އަނބިދަރިންނާއި ރައްޓެހިންވެސް އިމްތިޙާނު ކުރައްވަފާނެތެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަބަދުވެސް ދަންނަންޖެހޭ ކަމަކީ ނުވަތަ އެނގިގަންނަން ޖެހޭ ކަމަކީ، ﷲ ތަޢާލާ މުޞީބާތެއް ނުވަތަ އިމްތިޙާނެއް ކުރިމަތި ކުރައްވާނީ އެކަމުގެ ފަހަތުގައި ވަރަށްބޮޑު ޙިކުމަތެއް ވާތީވެއެވެ. ފަހަރުގައި ތިބާއަށް އެކަން ނޭންގިދާނެއެވެ.
އަދި ހަމައެހެންމެ، ތިބާއަށް ކުރިމަތިވާ މުޞީބާތެއް ނުވަތަ އިމްތިޙާނެއްގެ އަޘަރުން ތިބާގެ އާއިލާ މީހުންނާއި ރައްޓެހިންނާއި އަދި އެނޫންވެސް މީހުންނަށް އޭގެ އާޘާރުތައްޖެހި، ތިބާއަށް ކުރިމަތިވީ އިމްތިޙާނު ނުވަތަ މުޞީބާތުގެ ތެރެއިން އެމީހުންވެސް އިމްތިޙާނު ކުރެވިގެންދާކަން ޤަބޫލުކުރަން ޖެހޭނެއެވެ.
އާއެކެވެ. މުޞީބާތްތަކާއި އިމްތިޙާނުތަކުގައި އެތަކެއް ފައިދާތަކެއް ވެއެވެ. އެފައިދާތަކުގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައިވެސް ބަޔާން ކުރައްވާފައިވެއެވެ. އަދި މާތް ނަބިއްޔާ ރަސޫލުﷲ ﷺ ގެ ޙަދީޘްތަކުގައިވެސް އެކަން ބަޔާން ކުރައްވާފައިވެއެވެ.
(ނުނިމޭ)

