ދީން

ޙޫރުލްޢީނުން (ހަވަނަބައި) – ޖަންނަތުގެ އަންހެނުންގެ ހުވަނދާއި އަލިކަމާއި ވިދުން

وَسَمِعْتُ أَنَسَ بْنَ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم ‏ “‏ لَرَوْحَةٌ فِي سَبِيلِ اللَّهِ أَوْ غَدْوَةٌ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا، وَلَقَابُ قَوْسِ أَحَدِكُمْ مِنَ الْجَنَّةِ أَوْ مَوْضِعُ قِيدٍ ـ يَعْنِي سَوْطَهُ ـ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا، وَلَوْ أَنَّ امْرَأَةً مِنْ أَهْلِ الْجَنَّةِ اطَّلَعَتْ إِلَى أَهْلِ الأَرْضِ لأَضَاءَتْ مَا بَيْنَهُمَا وَلَمَلأَتْهُ رِيحًا، وَلَنَصِيفُهَا عَلَى رَأْسِهَا خَيْرٌ مِنَ الدُّنْيَا وَمَا فِيهَا ‏”‏‏. (ޞަޙީޙުލް ބުޚާރީ: 2796)

މާނައީ : އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” ﷲ ގެ މަގުގައި ހެނދުނުގައި ހެނދުނުގައި ހޭދަކޮށްލާ ވަގުތުކޮޅެއް ނުވަތަ ހަވީރުގައި ހޭދަކޮށްލާ ވަގުތުކޮޅެއް، ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ، ހެޔޮވެގެން ވެއެވެ. އަދި ޖަންނަތުގައި ކައިވަތެއްހައި މިންވަރު ނުވަތަ ޗާބޫކެއްހާ މިންވަރު ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮވެގެންވެއެވެ. އަދި ޖަންނަތުގައި އަހުލުވެރިންގެ ތެރެއިން، އަންހެނަކު ދުނިޔެއަށް ބަލާލައިފިނަމަ، އުޑާއި ބިމާއި ދެމެދު އަލިވެގެންދާނެއެވެ. އަދި އުޑާއި ބިމާއިދެމެދު އެ އަންހެނާގެ ހުވަނދުން ފުރިގެންދާނެއެވެ. އަދި އެއަންހެނާގެ ބޮލުފޮތިކޮޅު ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮވެގެންވެއެވެ. (ޞަޙީލް ބުޚާރީ: 2796)

ފަހެ ޖަންނަތުގެ ކުޑަކުޑަ މިންވަރެއް، ދުނިޔެއާއި ދުނިޔޭގެ ވާހައި އެއްޗަކަށްވުރެ ހެޔޮވެގެންވާނަމަ، ޖަންނަތުގެ ބާކީބަޔާއި ނިޢުމަތްތައް އަދި ކިހާވަރެއް ވާނެހެއްޔެވެ؟ އަދި ހަމަ އެހެންމެ ޖަންނަތުގެ އަންހެނެއްގެ ބޮލުފޮތިކޮޅު ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ހެޔޮވެގެންވާނަމަ، އެއަންހެނާގެ އަގު ކިހާ މަތިވެގެންދާނެ ހެއްޔެވެ؟

ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” ޖަންނަތުގެ އަންހެނުންގެ ތެރެއިން އަންހެނެއް، ދުނިޔެއަށް ބަލައިލައިފިކަމުގައިވާނަމަ، މުޅި ދުނިޔެ ގޮމަގަސްތޫރި ވަހުން ފުރިގެން ދިޔައީހެވެ. އަދި އެއަންހެނާގެ (ރީތިކަމާއި އަލިކަމާއި ވިދުމުގެ ސަބަބުން) އިރާއި ހަނދުގެ އަލި ފިލާދާހުއްޓެވެ.” [رواه الطبراني والبزار وقال المنذري رحمه الله: إسناد حسن في المتابعات – الترغيب: 4/533]

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އަހަރެމެން އެއްދުވަހަކު ކަޢްބު ރަޟިޔަﷲ ޢަންހު އާއި އެކު އިށީނދެގެން ތިއްބާ އެކަލޭގެފާނު ވިދާޅުވިއެވެ. ” ޙޫރުލްޢީނެއްގެ އަތެއް ދުނިޔޭގެ އުޑަށް އެލުވާލެވިއްޖެއްޔާ، އިރުގެ އަލިކަން ދުނިޔޭގެ އަހުލުވެރީންނަށް ލިބޭ ފަދައިން، އެއަތުގެ ހުދުކަމާއި އަލިކަމާއި ގަހަނާތަކުގެ ވިދުމުގެ ސަބަބުން، މުޅިދުނިޔެ އަލިވެގެންދާނެއެވެ.” ދެން އެއަށްފަހު ވިދާޅުވިއެވެ. ” އަހުރެން މިދެންނެވީ އަދި އެއަންހެނާގެ އަތުގެ ވާހަކައެވެ. ދެންފަހެ، އެއަންހެނާގެ މޫނުގެ އަލިކަމާއި ދޮންކަމާއި ރީތިކަމާއި އެ އަންހެނާގެ ތާޖާއި ޔާޤޫތާއި މުތްތަކާއި އަލިމަސްތައް އަދިވަނީ ކޮންފަދައަކުން ހެއްޔެވެ؟”

[رواه ابن أبي الدنيا وقال الدمياطبي رحمه الله: إسناده لا بأس به – المتجر: 998]

(ނުނިމޭ)

މި ލިޔުމުގެ އެހެންބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close