ބަދުރު ހަނގުރާމައިގެ ހަނދާންތައް
މިއަދަކީ މުސްލިމުން އެންމެ ފުރަތަމަ ކުރި ހަނގުރާމަކަމަށްވާ ބަދުރު ހަނގުރާމަ ކުރި ދުވަހެވެ. އެއީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑުމެން އެހަނދާންތައް އާ ކުރަމުންދާއިރު މިކަމުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. ބަދުރު ހަނގުރާމައަކީ ހައްޤާއި ބާޠިލް ވަކިކޮށްދިން އަދި މުސްލިމުންގެ އަދަދު އެހާ މަދުކަމާއެކުވެސް ވަރަށް ފުރިހަމަ ނަޞްރެއް މާތްﷲ ދެއްވެވި ހަނގުރާމައެކެވެ. ހަމަ އެހައިމެ މަދު ވަސީލަތްތަކަކާއިއެކުވެސް މުޝްރިކުންގެ އެހާމެ ބޮޑު ލަޝްކަރާ ކުރި ހަނގުރާމައެކެވެ.
މިދުވަހަކީ ޙައްޤާއި ބާޠިލު ވަކި ވެގެން ދިޔަ ދުވަހެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ: (إِن كُنتُمْ آمَنتُم بِاللَّـهِ وَمَا أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ) [ الأنفال 41 ]. މާނަ: “(އެއީ) اللَّه އަށާއި، حقއާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.”
އަދިވެސް މާތްﷲ ވަޙީ ކުރެއްވިއެވެ: ( وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ) [ الإسراء 81 ]. މާނަ: ” އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ. ”
އަދިވެސް މާތްﷲ ވަޙީ ކުރެއްވިއެވެ: ( وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ) [ الإسراء 81 ]. މާނަ: ” އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ. ”
މިހަނގުރާމައިގައި މުޝްރިކުންގެ ލަޝްކަރުގައި 1300 އަށްވުރެ ގިނަމީހުން ބައިވެރިވިއެވެ. މުސްލިމުންގެ އަދަދަކީ އެންމެ 314 ވަރަކަށް މީހުންނެވެ. މުސްލިމުން މަދީނާއިން ނުކުތީ މިފަދަ ބޮޑު ހަނގުރާމައެއް ކުރުމަކަށް ނޫނެވެ. މި ހަނގުރާމަ ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ ، ކުރީ ފަހަރެއްގައި މުސްލިމުން ދިމާކުރި ޝާމަށް ދިޔަ ޤުރަޝީ ޤާފިލާއެއް، މުސްލިމުން އަތު ނުޖެހި ފިލައިގެން ދިޔައެވެ. ދެން އެނބުރި އަންނަ ވަގުތަކަށް ބަލަބަލާ ތިބުމަށް ރަސޫލާ، ޠަލްޙާ ބިން ޢުބައިދުއްﷲ އާއި ސަޢީދު ބިން ޒައިދު ފޮނުއްވިއެވެ. މި ދެ ބޭފުޅުން އަލްޙައުރާއޭ ކިއުނު ހިސާބުގައި ޚަބަރު ދަބަރު ބަލަން ތިއްބަވަނިކޮށް، މި ހިސާބުން އަބޫ ސުފްޔާނުގެ ވެރިކަމުގެ ދަށުގައި ދަތުރު ކުރަމުންދާ ޤާފިލާއެއް އަންނަކަން އެނގިއްޖެއެވެ.
މި ޤާފިލާގައި މުސްލިމުން ރަށުން ބޭރުކޮށް، މުދާކޮޅު ނިގުޅައިގަތް މައްކާގެ ބޮޑުންގެ ގިނަ ޢަދަދެއްގެ މުދަލާއި ސާމާނު ހުއްޓެވެ. ފަންސާސް ހާސް ދީނާރަށްވުރެ އަގު ހުރި 1000ޖަމަލުގެ މުދާ މި ޤާފިލާގައި ހުއްޓެވެ. އަދި ޤާފިލާގެ ފާރަވެރިންގެ ގޮތުގައި ތިބީ އެންމެ 40 ހަކަށް މީހުންނެވެ.
މިއީ މައްކާގެ މުޝްރިކުންގެ އިޤްތިޞާދުގެ މައި ބަދައިގައި ޖެހޭނެ ރަނގަޅު އެތިފަހަރެއް ކަމުގައި މުސްލިމުންނަށް ވިސްނުނެވެ. ދެން ރަސޫލާ ﷺ އެންގެވުމުގެ މަތިން މި ޤާފިލާއާއި ދިމާކުރުމަށް ނިންމުނެވެ. މި ހަނގުރާމަ އަކީ ހަމައެކަނި ޤާފިލާއަކާއި ދިމާކުރަން ދާ ލަޝްކަރެއްކަމުން، ލަޝްކަރާއެކު ނުކުތުމަށް އެއްވެސް ބަޔަކަށް ރަސޫލާ ﷺ މަޖްބޫރު ނުކުރައްވައެވެ. އޮތީ ބޭނުން ބަޔަކު ދާ ގޮތަށެވެ. ޤާފިލާގެ ބަދަލުގައި މުޝްރިކުންގެ ބިޔަ ލަޝްކަރަކާއި ބައްދަލު ކުރަން ޖެހިދާނެކަމަކަށް މުސްލިމުން އޭރު ނުބަލައެވެ.
މުސްލިމުން މިޤާފިލާއަށް ދިމާކުރުމަށް ނުކުތްކަން އެނގުމުން އަބު ސުފްޔާން ވެސް މައްކާއަށް މީހަކު ފޮނުވައި މިޚަބަރު ދީ ޤާފިލާއަށް އެހީވުމަށް ލަޝްކަރެއް ފޮނުވުމަށް އެދުނެވެ. ހަނގުރާމައަށް މުޝްރިކުން ބޮޑު ލަޝްކަރެއް އެއްކުރިއެވެ. ގާތްގަނޑަކަށް ހާހެއްހާ މުޝްރިކުން އެލަޝްކަރުގައި ހިމެނެއެވެ. މައްކާގެ ބޮޑުން ކުރެ ހަނގުރާމައަށް ނުދަނީ އަބޫ ލަހަބު އެކަންޏެވެ. އަބޫ ލަހަބު ވެސް ބަދަލުގައި މީހަކު ފޮނުވިއެވެ.
މުސްލިމުންގެ އަތުނުޖެހި ޤާފިލާ ސަލާމަތްވި ކަމަށް އަބޫ ސުފްޔާން މުޝްރިކުންނަށް އެންގިއެވެ. ނަމަވެސް އެހިސާބަށް ގޮސްފައި އެނބުރި ދިއުމަށް އަބޫ ޖަހުލު ބޭނުމެއް ނުވިއެވެ. އަބޫޖަހުލު ބޭނުންވީ ބަދުރަށްގޮސް 3 ދުވަހު މަޑުކޮށް މަޖާކޮށްލާފައި އެނބުރި މައްކާއަށް ދިއުމަށެވެ. އެހެންނަމަވެސް އަޚްނަސް ބިން ޝަރީޤް އޭނާއާއި އެކީ ދިޔަ ބަނީ ޒަހްރާ ޤަބީލާގެ މީހުންނާއިގެން އެނބުރި މައްކާއަށް ދިއައީއެވެ.
އަބޫ ސުފްޔާންގެ ޤާފިލާ މުސްލިމުންގެ އަތުނުޖެހި ފިލައިފިކަމާ އެހެންނަމަވެސް އަބޫޖަހުލުގެ ބޮޑު ލަޝްކަރު އޮތްކަން ރަސޫލާ ﷺ އެނގިވަޑައިގަތުމުން ދެން ކަންތައްކުރައްވާނެ ގޮތަކާމެދު މުސްލިމުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. ލަޝްކަރުގެ އިސް އަމުރުވެރިން ކަމަށްވާ އަބޫބަކުރު ޢުމަރު ޢަލީ ހަނގުރާމަ ކުރެއްވުން އެއީ ﷲ އާއި ރަސޫލާ އަށް ފެނިވަޑައިގަންނަވާ ގޮތް ނަމަ ކުރައްވަން ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވިއެވެ. ލަޝްކަރުގެ ބޮޑު ބަޔަކީ އަންޞާރުންކަމަށް ވުމުން، އަންޞާރުންގެ ޚިޔާލުވެސް ރަސޫލާ ﷺ ހޯއްދެވިއެވެ. އަދި އަންޞާރުންވެސް ހަނގުރާމަ ކުރަން ތައްޔާރު ކަމަށް ބުނުމުން ލަޝްކަރާއިގެން ކުރިއަށް ވަޑައިގަތެވެ.
ބަދުރުގެ މައިދާނުގައި ތިބިރޭ ލަޝްކަރަށް ހިތްވަރު ދެއްވާ އިރުޝާދު ދެއްވުމުގައި ރަސޫލާ ﷺ މަޝްޣޫލުވެވަޑައިގަތެވެ. އަދި މުސްލިމުންނަށް ނަޞްރު ދެއްވެވުން އެދިވަޑައިގެން ﷲ ގެ ޙަޟްރަތުގައި އެތަކެއް ފަހަރު ދުޢާ ދެންނެވިއެވެ. ލޯފުޅުން ކަރުނަފޮދު އޮހޮރުއްވެވިއެވެ. އަދި މުސްލިމުން ވެސް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން ގެންދެވިއެވެ. އަދި އެރޭގައި ވަރަށް ބޯކޮށް ވާރޭވެހުނެއެވެ. މިވާރޭ ވެގެންދިޔައީ މުޝްރިކުންނަށް ލިބުނު މުސީބާތަކަށެވެ. މުސްލިމުންނަށް ނިޢުމަތަކަށެވެ.
މުސްލިމުންގެ ހިތްތަކަށް މާތް ﷲ ވަނީ ހިތް ހަމަ ޖެހުމާއި ޔަޤީންކަން ވައްދަވާފައެވެ. އަދި މުސްލިމުން ހިތްހަމަޖެހިގެން ފުން ނިންޖެއް ނިދިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ސޫރަތުލް އަންފާލްގެ 11 ، 12 ، 13 ، 14 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّن السَّمَاء مَاء لِّيُطَهِّرَكُم بِهِ وَيُذْهِبَ عَنكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الأَقْدَامَ * إِذْ يُوحِي رَبُّكَ إِلَى الْمَلآئِكَةِ أَنِّي مَعَكُمْ فَثَبِّتُواْ الَّذِينَ آمَنُواْ سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُواْ الرَّعْبَ فَاضْرِبُواْ فَوْقَ الأَعْنَاقِ وَاضْرِبُواْ مِنْهُمْ كُلَّ بَنَانٍ * ذَلِكَ بِأَنَّهُمْ شَآقُّواْ اللّهَ وَرَسُولَهُ وَمَن يُشَاقِقِ اللّهَ وَرَسُولَهُ فَإِنَّ اللّهَ شَدِيدُ الْعِقَابِ * ذَلِكُمْ فَذُوقُوهُ وَأَنَّ لِلْكَافِرِينَ عَذَابَ النَّارِ
މާނައަކީ: “އެންމެން އެކުލެވޭ ގޮތުގައި ނިދިޖެހުމެއް ތިޔަބައި މީހުންގެ މައްޗަށް، އެކަލާނގެ ފޮނުއްވި ހިނދެވެ. އެކަލާނގެ ޙަޟުރަތުން ފޮނުއްވި އަމާންކަމެއްގެ ގޮތުގައެވެ. (އެބަހީ ނަޞްރާއި މެދު ލިބުނު ޔަޤީންކަމަކާއި ހިތްހަމަ ޖެހުމެއްގެ ގޮތުގައެވެ.) އަދި އެއިން އެކަލާނގެ ތިޔަބައި މީހުން ޠާހިރު ކުރައްވައި، ޝައިޠާނާގެ ވަސްވާސް ތިޔަބައި މީހުންގެ ކިބައިން ފިއްލަވައި، ތިޔަބައި މީހުންގެ ހިތްތަކަށް ގަދަކަން ދެއްވައި، ތިޔަބައި މީހުންގެ ފައިތިލަތައް ހަނގުރާމައިގެ މައިދާނުގައި ސާބިތު ކުރެއްވުމަށްޓަކައި (އެ ބަހީ ހަރުލާނެ ގޮތް މެދުވެރިވުމަށްޓަކައި)، އެހިނދު ތިޔަބައި މީހުންގެ މައްޗަށް އުޑުން ވާރޭފެން ފައިބާއިލެއްވިއެވެ. * ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވި ހިނދެވެ. ހަމަ ކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނާއި އެކު ވޮޑިގެން ވަމެވެ. ކާފިރުވީ މީސްތަކުންގެ ހިތްތަކުގެ ތެރެއަށް، ބިރުވެރިކަން ތިމަން ރަސްކަލާނގެ ލައްވާ ހުށީމެވެ. ފަހެ ކަނދުރާތަކުގައި ތިޔަބައި މީހުން ކަނޑިތަކުން ތަޅާށެވެ. އަދި އެބައި މީހުންގެ ކޮންމެ އިނގިލި ކުރިއެއްގައި ތަޅާށެވެ. (އެބަހީ ބޯތަކާއި އަތްފައި ކަނޑައި ޤަތުލުކުރަމުން ދާށެވެ.) * އެއީ އެބައި މީހުން ﷲ އާއި ރަސޫލާއަށް ނުކިޔަމަންތެރިވެ ދެކޮޅުވެރި ވީ ކަމަށްޓަކައެވެ. ﷲ އާއި ރަސޫލާއަށް ނުކިޔަމަންތެރިވެ ދެކޮޅުވެރި ވާ މީހާ ދަންނާށެވެ. ފަހަ ހަމަކަށަވަރުން މާތް ﷲ އީ ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. * އެއީ އެބައި މީހުންނަށް އެކަން އޮތް ގޮތެވެ. ފަހެ އެކަމުގެ ރަހަ ތިޔަބައި މީހުން (ކާފިރުން) ލިބިގަންނާށެވެ. އަދި ހަމަ ކަށަވަރުން ކާފިރުންނަށްޓަކައި ނަރަކައިގެ ޢަޛާބު ހުއްޓެވެ.”
މާތް ﷲ މުސްލިމުންނަށް ނަޞްރު ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު ކައުއިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލިބިވަޑައިގެންނެވިއެވެ. މުސްލިމުންނަށް ނަޞްރު ދެއްވެވުމަށްޓަކައި 1000 މަލާއިކަތް ބޭކަލުން ފައިބައިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރުވެސް ލިބިވަޑައިގެންނެވިއެވެ.
ހަނގުރާމައިގައި މަލާއިކަތް ބޭކަލުން ބައިވެރިވެވަޑައިގަތުމުގެ ނަތީޖާއަކަށްވީ މުޝްރިކުންގެ ތެރެއިން އަބޫޖަހުލާއި އެމީހުންގެ ބޮޑުންގެ ގިނަ ބައަކާއިއެކު 70 މީހުން މަރުވެ 70 މީހުން އަސީރުވުމެވެ.
މި ހަނގުރާމައަކީ ޢަޤީދާގެ ވަރުގަދަ ކަމާއި މުސްލިމުން ހިފަހައްޓާ އުސޫލުގެ މަތިވެރިކަމާއި ހަރުދަނާ ކަން ހާމަވެގެން ދިޔަ ހަނގުރާމައެކެވެ. ފަހެ މިހަނގުރާމައިގައި ބައްޕައިންނާއި ދަރިން މުޤާބަލާކުރިއެވެ. ކޮއްކޮއިން ބޭބެއިންނާއި މުޤާބަލާ ކުރިއެވެ. ތިމާގެ މީހުންނެއް ކަމަކު ޢަޤީދާ ޚިލާފު ވުމުން، އެ ޚިލާފުކަން ފިލުވީ ކަނޑިންނެވެ. ނިކަމެތި ކުރެވުނު މީހުން ނިކަމެތި ކުރި މީހާއާއި ބައްދަލުކޮށް ނަފްސަށް ޢިއްޒަތްތެރިކަން ހޯދިއެވެ.
1- ޢައްބާސް ބިން ޢަބުލް މުއްޠަލިބް، އަބުލް ބަޚްތަރީ ބިން ހިޝާމް، ހާޝިމް ވަންހައިގެ އެއްވެސް މީހެއް ނުމެރުމެށް ރަސޫލާ އެންގެވިއެވެ. އެއީ އޭގެ ތެރެއިން ބައެއް މީހުންނަކީ މަޖްބޫރު ކުރެވިގެން ހަނގުރާމައަށް ގެނެވުނު މީހުންނަށް ވާތީއެވެ. މިހެން ރަސޫލާ ޙަދީޘް ކުރެއްވުމުން އަބޫ ޙުޛާއިފާ ބިން އަލްޢަތަބާ އެކަމާއި ނުރުހުގެން ބުންޏެވެ . ”އަހަރެމެން އަހަރެމެންގެ ބަފައިންނާއި ދަރިންނާއި ބޭބެއިން އަދި ޤަބީލާ މީހުން މަރާ އިރު، ޢައްބާސް ނުމަރައި ދޫކުރަން ވީ ކީއްވެހެއްޔެވެ؟ ހުވާ ކުރަމެވެ. އަހަރެންނަށް އޭނާ ފެނިއްޖެނަމަ ކަނޑިއަށް އުތުވާލާނަމެވެ.” މިވާހަކަ ރަސޫލާއަށް އިވިވަޑައިގަތެވެ. އަދި ޢުމަރުގެފާނަށް ޙަދީޘް ކުރެއްވިއެވެ. ”އޭ އަބޫ ޙަފްޞްއެވެ. ރަސޫލާގެ ބޮޑު ބޭބެފުޅުގެ މޫނުގައި ކަނޑިން ޖަހާހެއްޔެވެ؟” އެ ހިނދު ޢުމަރުގެފާނު ކޯފާވެގެން އެހެން ބުނި މީހާއަކީ މުނާފިޤްވެއްޖެ މީހެއް ކަމަށް ވިދާޅުވެ އޭނާ ޤަތުލު ކުރައްވަން އުޅުއްވިއެވެ.
ފަހުން އަބޫ ޙުޛައިފާ ބުނެވުނު އެއްޗާއި މެދު ވަރަށް ދެރަވެ ހިތާމަ ކުރިއެވެ. އެއީ ރަސޫލާ ހިތްޕުޅުގައި ޖެހޭފަދަ އެއްޗެއް ބުނެވުމުންނެވެ. އަދި ބުނުވުނު މި ނުބައި ބަހަކީ ޝަހީދުވުން ނުން ކަމަކުން ފޮހެލެވޭނެ ކުށެއް ނޫންކަމަށް، އަބޫ ޙުޛައިފާ ކިޔައިގެން ހުއްޓާ ، ޔަމާމާ ހަނގުރާމައިގައި އޭނާ ޝަހީދުވިއެވެ.
2- އަބުލް ބަޚްތަރީ ނުމަރަން ރަސޫލާ އެންގެވީ އެއީ، އޭނާއަކީ މައްކާގެ މުޝްރިކުންގެ ތެރެއިން ރަސޫލާއަށް އެންމެ ގޯނާ ނުކުރާ މީހާއަށްވެފައި، ބަނީ ހާޝިމާއި ބަނީ މުއްޠަލިބު ޢާއިލާއާއި މައްކާ މީހުން މުޢާމަލާތު ކުރުން ހުއްޓާލާ އެކަހެރި ކުރު ޢަހުދު އެންމެ ފުރަތަމަ އުވައިލީވެސް އަބުލް ބަޚްތަރީއަށް ވީތީއެވެ.
މިހެން ކަންތަށް ކޮށްފައި އަދި އޭނާ ނުމަރަން ރަސޫލާ އެންގިވި އެންގެވުމުގެ ފައިދާއެއް އެ ދުވަހު އޭނާއަށް ނުކުރިއެވެ. އެއީ މުސްލިމުންގެ ތެރެއިން މުޖައްޛަރް ބިން ޒިޔާދު ހަނގުރާމަ ކުރުމުގެ ތެރޭގައި އަބުލް ބަޚްތަރީއާއި އެހެން މުޝްރިކެއް އެކު އެކީގައި ހަނގުރާމަ ކުރަނިކޮށް ފެނުނެވެ. ދެން މުޖައްޛަރު ބުންޏެވެ. ”އޭ އަބުލް ބަޚްތަރީއެވެ. ރަސޫލާވަނީ ކަލޭ މެރުން މަނާކޮށްފައެވެ.” އަބުލް ބަޚްތަރީ ބުންޏެވެ. ”އަހަރެންގެ މި އެކުވެރިއާ ޔޯ ؟” މުޖައްޛިރް ބުންޏެވެ. ”ހުވާ ކުރަމެވެ. ކަލޭގެ އެކުވެރިއާ ސަލާމަތުން ދުލެއް ނުކުރާނަމެވެ.” އެ ހިނދު އަބުލް ބަޚްތަރީ” އެހެން ވިއްޔާ އެނާއާއި އަހަރެން މަރުވާނީ އެކީގައި ކަމަށް ބުނެ ދެ މީހުންވެގެން މުޖައްޛަރާއި ހަނގުރާމަ ފެއްޓިއެވެ. އެ ހިނދު އޭނާއަށް މަޖްބޫރުވީ އަބުލް ބަޚްތަރީއާއި އޭނާގެ އެކުވެރިއާވެސް މަރާލާށެވެ.
3- ޢަބްދުއް ރަޙްމާން ބިން ޢައުފް އާއި އުމައްޔާ ބިން ޚަލަފް އަކީ ޖާހިލިއްޔަ ޒަމާނުގެ ވަރަށް ގާތް ދެ އެކުވެރިންނެވެ. ބަދުރު ހަނގުރާމަ ހިނގި ދުވަހު ޢަބްދުއް ރަޙްމާނަށް އުމައްޔާ ބިން ޚަލަފް އާއި އޭނާގެ ދަރި އަމާން ދީފައި ތިއްބާ ފެނިގެން ގެންދަނިކޮށް ބިލާލްގެފާނަށް އުމައްޔާ ފެނިއްޖެއެވެ. މި އުމައްޔާއަކީ މައްކާގައި ބިލާލަށް ޢަޛާބުގެ ހުރިހާ ކުލަވަރެއް ދައްކައި ނިކަން އަނިޔާކޮށްފައި ހުރި މީހެކެވެ. ކަން މިހެން އޮތުމާއެކު ބިލާލް ބޭނުންވީ އޭގަ ބަދަލު މިއަދި ހިފާށެވެ. ދެން ބިލާލް އަންޞާރީންގަ ބަޔަކަށް ގޮވައި އެ މީހުން ފަހަތުން ދުއްވައިގަނެއްޖެއެވެ. އަދި އުމައްޔާ ސަލާމަތް ވެއްޖިއްޔާ ޢަބްދުއްރަޙްމާންވެސް ސަލާމަތް ނުވާނެ ކަމަށް ބުންޏެވެ. މި މީހުން ފަހަތުން ދުއްވައި ގަތުމުން، އުމައްޔާގެ ދަރި ބިލާލް މެންނާ ހަވާލު ކުރެވުނުވެ. އެ ހިނދު އޭނާވެސް މަރާލާފައި ޢަބްދުއް ރަޙްމާން އާއި އުމައްޔާ އަތުލައިގަތެވެ. އަދި އުމައްޔާ ސަލާމަތް ކުރަން އޭނާގެ ގައިމަތީ ޢަބްދުއް ރަޙްމާން އޮށޯތުމުންވެސް އެކި ފަރާތް ފަރާތުން ކަނޑި ހަރައި އުމައްޔާ މަރައިލިއެވެ. އެ ކަންތައްގަނޑުގެ ތެރޭގައި ޢަބްދުއް ރަޙްމާން ގެ ފަޔަށްވެސް އެތިފަހަރެއް އަރައި ޒަޚަމްވިއެވެ. މި ވާހަކަ ކިޔައި ދެމުން ޒަޚަމްވި ލަކުނު ޢަބްދުއް ރަޙްމާން ދައްކައި އުޅެއެވެ. (މި ވާހަކަ ރިވާ ކުރެވިފައިވަނީ ބުޚާރީގެ ކިތާބުލް ވަކާލާ ގައި )
4- ހަމަ މިދުވަހު ޢުމަރުގެފާނުގެ މަންމަފަރާތު ބޮޑުބޭބެއެއް ކަމުގައިވާ ހިޝާމް ބިން މުޣީރާވެސް ޤަތުލު ކޮށްލެއްވިއެވެ. ތިމާގެ ކަމާއި ޢަޤީދާގެ ތެރެއިން ޢަޤީދާ އިޚްތިޔާރު ކުރެއްވީއެވެ.
5- އަބޫބަކުރުގެ ދަރިކަލުން ޢަބްދުއް ރަޙްމާންވެސް ހުރީ މުޝްރިކުންގެ ސަފުގައެވެ. އަދި އަބޫބަކުރުގެ ފައިސާ ކޮބައިތޯ އޭނާ ކައިރިން އަބޫ ބަކުރު އެއްސެވުމުން ބުނީ މިއަދު ހަތިޔާރު ނޫން އެއްޗެއް ނެތް ކަމަށެވެ.
6- މުސްލިމުން މުޝްރިކުން އަސީރު ކުރާތަން ފެނިގެން، ރަސޫލާގެ ފޭލިކޮޅު ބަލަހައްޓަން ހުންނެވި މުޢާޛް މޫނުފުޅު ކިލަނބުވާތަން ފެނިވަޑައިގެން ރަސޫލާ، ޙަދީޘް ކުރެއްވިއެވެ. ”ޔަޤީނުންވެސް ކަލޭ ތި ހުންނަ އެ މީހުން ކަންތައް ކުރާ ގޮތާމެދު ހިތްހަމަ ނުޖެހިފައެވެ.” އެހިނދު މުޢާޛް ދެންނެވިއެވެ. ”އާދޭހެވެ. ﷲގެ ރަސޫލާއެވެ. މުޝްރިކުންނާއި ފުރަތަމަ ފަހަރު ބައްދަލު ކުރެވުނު ފަހަރު އަހަރެންނަށް ރަނގަޅީ އެ މީހުން ދިރި ބޭތިއްބުމަށްވުރެ މަރައިލުމެވެ.”
7-ހަނގުރާމަ ހިނގަމުން ދަނިކޮށް، ޢުއްކާޝާ ބިން މިޙްޞަން އަލްއަސަދީ ގެ ކަނޑި ބިންދައިގެން ދިޔައެވެ. އެހިނދު ރަސޫލާ އަރިއަހަށް ވަޑައިގަތުމުން ރަސޫލާ އަތްޕުޅުގައި އޮތް ދަނޑި ބުރިއެއް ދެއްވާފައި އެއީން ހަނގުރާމަ ކުރެއްވުމަށް ޙަދީޘްކުރެއްވިއެވެ. ދެން ޢުއްކާޝާ އޭތި ނަގާފައި ތަޅުވައި ގަތުމުން ދިގު ކަނޑިއަކަށް ބަދަލުވިއެވެ. މި ކަނޑިއަށް ދެވުނު ނަމަކީ ”އަލްޢައުން” އެވެ. ރިއްދާ ހަނގުރާމައާއި ޖެހެންދެންވެސް އޭނާ އަތުގައި މި ކަނޑި އޮތެވެ.
8- މުޝްރިކުންގެ ހަށިތައް ވަޅަކަށް އެޅުމަށް ރަސޫލާ އަމުރު ކުރެއްވުމުން، ޤަތުލު ކުރެވިފައިވާ ޢަތަބާ ބިން ރަބީޢާގެ ހަށިގަނޑު އޭނާގެ މުސްލިމް ދަރި އަބޫ ޙުޛައިފާ ދަމާފައިގެންދާތަން ރަސޫލާއަށް ފެނިވަޑައިގަތެވެ. އެ ވަގުތު އޭނާގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވެއެވެ. ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ. ”އޭ އަބޫ ޙުޛައިފާއެވެ. ހީވާ ގޮތުން ކަލޭގެ ބައްޕާ މަރުވި ގޮތާމެދު ކަލޭގެ ހިތައް އެއްޗެއް އެބަ އަރައެވެ.” އެ ހިނދު އަބޫ ޙުޛައިފާ ދެންނެވިއެވެ. ނޫނެކެވެ. ގަންދީ ބުނަމަވެ. އަހަރެންގެ ބައްޕަގެ ޙަޤީޤަތާއި އޭނާ މަރުވުމާއި މެދު އަހަރެން ހިތުތެރޭގައި ޝައްކެއް ނުއުފެދެއެވެ. އެކަމަކުވެސް އަހަރެން ބައްޕަގެ ކިބައިން، ރުޅި މަޑުކަމާއި ދީލަތިކަން، އަދި ރަނގަޅު ނަސޭޙަތް ދެކުނީމެވެ. އަހަރެން އެދިގެން ހުރީ އެކަންތަކުގެ ސަބަބުން ބައްޕައަށް އިސްލާމް ދީނުގެ ތެދުމަގު ލިބޭނެ ކަމަށެވެ. އެފަދަ އުއްމީދެއް ކުރަނިކޮށް މަރުވީމައި އަހަރެން ދަރަވަނީއެވެ.” އެހިނދު ރަސޫލާ އޭނާއަށް ހެޔޮ ދުޢާ ކުރެއްވިއެވެ.
މުސްލިމުންގެ ތެރެއިން ޝަހީދުވީ 14 ބޭކަލުންނެވެ. އެއިގެ ތެރޭގައި 6 މުޖާހިރުންނާއި 8 އަންޞާރުން ހިމެނިެއެވެ. މުސްލިމުންގެ ސަފުތަކަށް ލިބުނު ގެއްލުންތައް އެހައިމެ ކުޑައެވެ.
ރިފަރެންސް: ކަވާސާ.ކޮމް، ނޫރުލްއިސްލާމް.ކޮމް، މިއަދު.އެމްވީ


މަޢުލޫމާތު ފުރިގެންވާ މޮޅު ލިޔުމެއް.. .