ޙޫރުލްޢީނުން (ބާރަވަނަބައި) – ޖަންނަތުގެ އަހުލުވެރީންގެ ދާއިމަށް އިތުރުވަމުންދާ ރީތިކަން (2)
އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. “(ޖަންނަތުގައި އެންމެ ދަށުދަރަޖައިގައިވާ މީހާ) އޭނާގެ ގަނޑުވަރު އޭނާއަށްޓަކައި ހުޅުވިއްޖެއުމަށް ދާންދަން ކުރިއަށްދާނެއެވެ. އެތަނާއި އެތަނުގެ ފުރާޅުތަކާއި، ދޮރުތަކާއި، ތަޅުތަކާއި، ތަޅުދަނޑިތައް ހެއްދެވިގެންވަނީ މުތްތަކުންނެވެ. އެގަނޑުވަރުގެ ކުރިމަތީގައި ރަތްކުލައިން ފަތިއެޅިފައިވާ ބޮޑު ފެހި ޖަވާހިރެއްވެއެވެ. އޭގައި ހަތްދިހަ ދޮރުވެއެވެ. ކޮންމެ ދޮރަކުންވެސް ދެވޭނީ ފަތިއެޅިގެންވާ އެހެން ފެހި ޖަވާހިރަކަށެވެ. ކޮންމެ ޖަވާހިރަކުންވެސް ދެވޭނީ، ތަފާތު އެހެން ކުލައެއްގެ ޖަވާހިރަކަށެވެ. ކޮންމެ ޖަވާހިރެއްގައި އެނދުތަކާއި އަނބީންތައް ވެއެވެ. އެއަނބީންގެ ތެރެއިން، އެންމެ ދަށުގައިވާ އަނބިމީހާއަކީ، ހަތްދިހަ ހެދުން އެޅިގެންވާ، އެހެދުންތަކުގެ ތެރެއިން އެއަންހެނާގެ ކަށިމަތީގެ އެތެރޭގެ ހުދުކަން ފެންނަ، ބޮޑަތި ލޯ ލިބިގެންވާ ޙޫރެކެވެ. އެއަންހެނާގެ ހިތަކީ، އޭނާގެ ލޯގަނޑެވެ. (އެބަހީ، އެދެމީހުންގެ ދޭތެރޭވާނީ، އިންތިހާއަށް ލޯތްބާއި، އުފާ އުފެދިފައެވެ.) އެއަންހެނާގެ ކިބައިން މޫނު އަނބުރާލައިފިނަމަ، އިހުނަށްވުރެ ހަތްދިހަ ގުނަ އެއަންހެނާ ރީތިކަމަށް ފެންނާނެއެވެ. އޭނާއަށް ބުނެވޭނެއެވެ. “ބަލާށެވެ.” ދެން އެނާ ބަލާނެއެވެ. އޭނާއަށް ބުނެވޭ ހުއްޓެވެ. “ތިބާގެ ރަސްކަން ލޮލަށް ފެންނަ ދުރުމިނުގެ ސަތޭކަ އަހަރުގެ ދުރުމިނަށް ދެމިގެންވެއެވެ.” ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އޭ ކަޢުބެވެ. ޖަންނަތުގައިވާ އެންމެ ދަށުދަރަޖައިގައިވާ މީހާއާއި ބެހޭގޮތުން، އިބްނު އުއްމި ޢަބްދު (އިބްނު މަސްޢޫދު) ކިޔާދޭ ވާހަކަތައް އަޑުއަހާނަން ހެއްޔެވެ؟” ކަޢުބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އޭ އަމީރުލް މުއުމިނީންއެވެ. އެއްވެސް ލޮލަކަށް ފެނިފައިނުވާ، އެއްވެސް ކަންފަތަކަށް އަޑުއަހާފައިނުވާ ތަނެކެވެ. އަހަރެންނަށް އަޑުއިވިފައިވަނީ، ﷲ ތަޢާލާ ގެޔެއް ހައްދަވައި، އެގޭގައި އެކަލާނގެ އިރާދަކުރެއްވި ވަރަކަށް އަނބީންނާއި، މޭވާތަކާއި، ބުއިންތައް ލެއްވިއެވެ. ދެން އެކަލާނގެ އެތައް ބަންދު ކުރައްވާ ވަންހަނާ ކުރެއްވިއެވެ. ފަހެ، އެކަލާނގެ ޚަލްޤުތަކުން ކުރެ، އެކަކަށްވެސް، ޖިބްރީލްއަށްވެސް، އަދި އެނޫން އެއްވެސް މަލާއިކަތަކަށްވެސް އެތަން ފެނިފައެއް ނުވެއެވެ.”
[رواه ابن ابي النيا والطبراني والحاكم هكذا عن ابن مسعود مرفوعا وآخره من قوله: إن الله جل ذكره خلق دارا……إلى آخره موقوف على كعب وقال الحاكم رحمه الله: صحيح الإسناد – المستدرك على الصحيحين:589/4 – وقال المنذري رحمه الله: أحد طرق الطبراني صحيح – الترغيب: 503/4 – وقال الهيثمي رحمه الله: رجاله رجال الصحيح غير أبي خالد الدالاني وهو ثقه – المجمع: 342/10]
ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު، ޢުމަރު ބުނުލްޚައްޠާބު ރަޟިޔަﷲ ޢަންހު އަށް މިޙަދީޘް ކިޔާދެއްވިއެވެ. “މީސްތަކުން މަޙްޝަރު ކުރެއްވިއްޖިއްޔާ،…….. ދެން ޙަދީޘް ޛިކުރު ކުރެއްވިއެވެ. “(ޖަންނަތައް އެންމެފަހުން ވަންނަ މީހާއަށް) ޖަންނަތުން ދޮރެއް ހުޅުވޭނެއެވެ. އެހިނދު އޭނާ ދަންނަވާނެއެވެ. “އޭ އަހަރެންގެ ރައްބެވެ. މިދޮރުކޮޅުން އަހަރެން ވައްދަވާނދޭވެ.” އެކަލާނގެ ވަޙީކުރައްވާނެއެވެ. “އޭ ތިމަންއިލާހުގެ އަޅާއެވެ! ތިމަން އިލާހު، ތިބާ މިދޮރުކޮޅުން ވައްދަވައިފިއްޔާ، ތިބާ އަދިވެސް އިތުރުކަމަށް އެދިފާނެއެވެ.” އޭނާ ދަންނަވާނެއެވެ. “އިބަ އިލާހުގެ ޢިއްޒަތާއި ޤަދަރު ގަންދީ ބުނަމެވެ. އިބަ އިލާހު، އަހުރެން އެދޮރުކޮޅުން ވައްދަވައިފިއްޔާ، އިތުރު އެއްވެސް ކަމަކަށް ނުއެދޭނަމެވެ.” ދެން އެކަލާނގެ އޭނާ އެދޮރުކޮޅުން ވައްދަވާނެތެވެ. ދެން އޭނާ އެތަނުގައިވާ ތަކެއްޗާއި މެދު ޢަޖައިބުވެފައި ހުންނަނިކޮށް، އެހެން ދޮރުކޮޅެއް ހުޅުވޭނެއެވެ. ދެން އޭނާ ހުރިތަނުގައި ހުރިތަކެތި އެއީ ނިކަމެތި އަގެއްނެތް އެއްޗެއްކަމުގައި، އޭނާގެ ނަޒަރުގައި ހީކުރާނެއެވެ. އެހިނދު އޭނާ އަނެއްކާވެސް، ދަންނަވާނެއެވެ. އޭ އަހުރެންގެ ވެރި ރައްބެވެ. މިދޮރުކޮޅުން އަހަރެން ވައްދަވާނދޭވެ!” އެކަލާނގެ ވަޙީކުރައްވާނެއެވެ. “ބަލަ، ތިބާ ތިމަން އިލާހުގެ ޙަޟްރަތުން އިތުރުކަމަކަށް ނުއެދޭނެކަމަކަށް ނުބުނަމު ހެއްޔެވެ؟” އޭނާ ދަންނަވާނެއެވެ. “އިބަ އިލާހުގެ ޢިއްޒަތާއި ޤަދަރުވެރިކަން ގަންދީ ބުނަމެވެ. އިބަ އިލާހު، އަހުރެން މިދޮރުކޮޅުން ވައްދަވައިފިއްޔާ، އިތުރު އެއްވެސް ކަމަކަށް ނުއެދޭނަމެވެ.” ދެން އެކަލާނގެ، އޭނާ އެދޮރުކޮޅުން ވައްދަވައިދެއްވާނެއެވެ. އެގޮތަށް، އޭނާ ހަތަރު ދޮރުކޮޅުން ވައްދަވާނެއެވެ. ކޮންމެ ފަހަރަކުވެސް، ހަމައެގޮތަށް އޭނާ ދަންނަވާނެއެވެ. ދެން އަލިކަމުން ވިދަވިދާހުރި މީހެއް އޭނާއާއި ކުރިމަތިވާނެއެވެ. އެހިނދުން، އޭނާ އެމީހާއަށް ސަޖިދަކުރުމަށް ވެއްޓޭނެއެވެ. ދެން އެ އަލިކަން ފައުޅުވެގެންވާ މީހާ، އަހާނެއެވެ. “ތިބާއަށް ތިޔަވަނީ ކީއްހެއްޔެވެ؟” އޭނާ ބުނާނެއެވެ. “ތިޔައީ، އަހަރެންގެ ރައްބެއް ނޫންހެއްޔެވެ؟” އަލިކަން ފާޅުވޭވޭ ހުންނަ މީހާ ބުނާނެއެވެ. ” އަހަރެންނަކީ، ތިބާގެ އެއްހާސް ގަނޑުވަރު ބަލަހައްޓާ ޚާދިމުންގެ ތެރެއިން ޚާދިމެކެވެ.” އެއިން ކޮންމެ ގަނޑުވަރެއްގެ ދޭތެރޭގައި، އަހަރު ދުވަހުގެ ރާސްތާ ހުންނާނެއެވެ. އެއިގެ އެންމެ ދުރުގައިވާ ގަނޑުވަރުވެސް، އެންމެ ކައިރީގައިވާ ގަނޑުވަރުހެން ފެންނާނެއެވެ. ދެން އަލިމަހުންވާ ފެހިކުލައިގެ ދޮރެއް އޭނާއަށްޓަކައި ހުޅުވޭނެއެވެ. އެއިގެ ހަތްދިހަ ދޮރުވެއެވެ. އެއިން ކޮންމެ ދޮރެއްގައިމެ، އެތަކެއް ދޮރުތަކާއި އަނބިންނާއި އެނދުތަކާއި ޚާދިމުންވެއެވެ. ދެން އޭނާ، އޭނަގެ އަނބިމީހާއާއެކު އިށީނުމުން، (ރާ) ތައްޓެއް ދެވޭނެއެވެ. އަދި އޭނާގެ އަނބިމީހާ ބުނާނެއެވެ. “އަހުރެން މިތަށި ދިންފަހުން، ތިބާ ކުރިއަށްވުރެ ހަތްދިހަގުނަ ރީތިކަން އިތުރުވެއްޖެއެވެ.” އަދި އެއަންހެނާގެ ގައިގައި ތަފާތު އެކި ކުލަކުލައިގެ ހެދުން އެޅިގެންވެއެވެ. އަދި އެއިގެ ތެރެއިން އެއަންހެނާގެ ކަށިމަތީގެ އެތެރޭގެ ހުދުކަން ފެންނަ ހުއްޓެވެ.”
[رواه إسحاق بن راهويه وقال الحافظ ابن حجر رحمه الله: هذا إسناد صحيح متصل ورجاله ثقات – المطالب العالية: 47/10 – وقال البوصيري رحمه الله: إسناده صحيح – إتحاغ الخيرة المهرة: 341/10]
(ނުނިމޭ)
