ނަމާދާމެދު ޣާފިލުވުން: މުޖުތަމަޢަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު، ގިނަ ބަޔަކު ނަމާދާމެދު ޣާފިލުވެފައިވާ މަންޒަރު ފެނުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބޭނެ ފުން ހިތާމައެކެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ފަޚުރުވެރިވާ، އިސްލާމީ ވަހުދަތުގެ މަތީގައި އެތައް ސަތޭކަ އަހަރެއް ހޭދަކޮށްފައިވާ މި ދިވެހިރާއްޖޭގައި، ދީނުގެ އެންމެ މުހިންމު ތަނބު ކަމުގައިވާ ނަމާދާމެދު މިހާ ބޮޑު ފަރުވާކުޑަކަމެއް އުފެދެންޖެހުނު ސަބަބަކީ ކޮބައިތޯ ސުވާލު އުފެދެއެވެ.
ނަމާދަކީ ކަނޑައެޅިގެންވާ ވަގުތުތަކެއްގައި އަދާކުރުން މުސްލިމުންގެ މައްޗަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ފަރުޟުކުރައްވާފައިވާ މަތިވެރި އަޅުކަމެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ: “إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا” (النّساء: 103). މާނައީ: “ހަމަކަށަވަރުން، ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންވާ ފަރުޟެއް ކަމުގައިވެއެވެ.”
މިފަދަ ސަރީޙަ އަމުރުފުޅުތައް އައިސްފައިވާއިރުވެސް، މިސްކިތްތަކުގެ ސަފުތަކުން ފެންނަނީ މަދު ބަޔެކެވެ. އާބާދީގެ ބޮޑު ބައެއް ނަމާދުގެ މަތިވެރި އަޅުކަމުން މަޙްރޫމްވެފައިވާކަމީ ހިތާމަހުރި ކަމެކެވެ. ނަމާދަކީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދިރިއުޅުމުގެ ބަރަކާތާ ގުޅިފައިވާ ކަމެކެވެ. ހަޤީޤީ އުފާވެރިކަން ލިބެން އޮތީ ﷲ ހަނދުމަކުރުންމަތީ ދެމިތިބެގެންނެވެ. ފަސްވަގުތު މިސްކިތްތަކުން ގޮވާލެވޭ ބަންގީގެ އަޑަށް އިޖާބަ ނުދެވުމަކީ، އަމިއްލަ ނަފްސާ ސުވާލުކޮށްލަންޖެހޭ ކަމެކެވެ.
ކީރިތި ޤުރުއާނުގައި، ފަހުޒަމާނުގައި އަންނާނެ ބަޔަކާ ބެހޭގޮތުން އިންޒާރު ދެއްވާފައިވެއެވެ. މަރްޔަމް ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ: “ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބަޢަވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!” މިއީ މިއަދުގެ ޙަޤީޤީ ސޫރައެވެ. ދުވާލަކު އެއް ނަމާދު ނުވަތަ ދެ ނަމާދު ކޮށްލުމަކީ ނަމާދު ޤާއިމުކުރުމެއް ނޫނެވެ. އެއީ ހަމައެކަނި ކަންދެއްކުމުގެ ޢަމަލަކަށް ވެދާނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި، ނަމާދު އެޅުމަކީ ދީނުގެ ބިންގާ މުގުރާލުމެވެ. އަދި އެއީ ކައްވަޅުގެ ގަދަފަދަ ޢަޛާބަށް ހުށަހެޅިގެންދާނެ ކަމެކެވެ. މަރުވުމަށްފަހު ހުރިހާ ކަމެއް ނިމުނީ ކަމަށް ދެކޭ ދެކުމަކީ ބޮޑުވެގެންވާ ކުށްހީއެކެވެ. ނަމާދާ މެދު ފަރުވާކުޑަކޮށް، ކަންދެއްކުމަށް ނަމާދުކުރާ މީހުންނަށް އޮތް ގެއްލުމާއި ހަލާކުގެ ވާހަކަ ސޫރަތުލް މާޢޫންގައި ﷲ ވަނީ ބަޔާންކުރައްވާފައެވެ.
އަޅުގަނޑުމެން އިޞްލާހުވާން މިތިބެނީ ކޮން ދުވަހަކަށް ހެއްޔެވެ؟ ރަމަޟާން މަސް އައުމުން ނަމާދު ފަށަން މަޑުކޮށްގެން ތިބޭ މީހާ ދަންނާށެވެ! ތިބާއަށް އެ މަހާ ބައްދަލުވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އެބައޮތްތޯއެވެ؟ ﷲ ބައްލަވާވޮޑިގެންވަނީ ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ.
ނަމާދުގެ މުހިންމުކަން ބަޔާންކޮށް ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރެއްވި ވަޞިއްޔަތް ލުޤުމާނު ސޫރަތުގެ 17 ވަނަ އާޔަތުގައިވެއެވެ. އެކަލޭގެފާނު ވިދާޅުވީ: “އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާއަށް ޖެހޭ މުސީބާތަށް ކެތްކުރާށެވެ!…”
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދަށް ރައްކާތެރިވާށެވެ. ޤިޔާމަތް ދުވަހު ﷲ އަށް ސަޖިދަކުރުމަށް ގޮވާލެވޭ ހިނދު، އެކަލާނގެއަށް ސަޖިދަ ކުރެވޭނީ ދުނިޔެމަތީގައި ނަމާދު ޤާއިމުކުރި މީހުންނަށެވެ. ނަމާދަށް ފަރުވާކުޑަކުރި މީހުންގެ ބުރަކަށި އެދުވަހުން ގަނޑުވެ، ސަޖިދައަށް ތިރިނުވެވޭނެއެވެ.
ޔާ ﷲ! އަޅުގަނޑުމެންނަކީ ނަމާދަށް ރައްކާތެރިވާ، ވަގުތުން ވަގުތަށް ނަމާދު ޤާއިމުކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި ޣާފިލުކަމުގެ ނިދިން އަޅުގަނޑުމެން ހޭލައްވާ، އިޞްލާހުގެ މަގު ދައްކަވާށިއެވެ. އާމީން.

