ދީން

ޚުޠުބާ ނިމުމުގެ ކުރިން ކޮޅަށް ތެދުވުމާއި ސަފުހެދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ހުކުރު ޚުޠުބާ ދެމުންދާހިނދު ޚުޠުބާ ނިމުމުގެ ކުރިން ކޮޅަށް ތެދުވުމާއި ސަފުހެދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ހުކުރު ޚުޠުބާ ދެމުންދާހިނދު ޚުޠުބާ ނިމުމުގެ ކުރިން ކޮޅަށް ތެދުވުމާއި ސަފުހެދުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ހުކުރު ޚުޠުބާ ދެމުންދާހިނދު މައުމޫމީން ކޮޅަށް ތެދުވުމަކީ ސުންނަތާއި ޚިލާފްވެގެންވާ ޢަމަލެއް ކަމުގައި މެނުވީ ނުވެ އެވެ.

ފަހެ، ޚުޠުބާ ދޭން ފެށުމާއެކު މައުމޫމީންނަށް ވާޖިބުވެގެންވަނީ ޚުޠުބާ އަޑު އެހުމަށްޓަކައި އިށީނދެ ތިބުމާއި އަދި އަދަބުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި އެކުގައި ތިބުމެވެ.

އަދި މިކަން ފުރިހަމައަށް ޙާޞިލްވެ ދިއުމަށްޓަކައި، މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުންގެ އަރިހުން ވާރިދުވެގެންވަނީ އެބޭކަލުން އިމާމްއާ ދިމާލަށް އެބޭކަލުން މޫނުފުޅު އަބުރައިގެން ތިއްބަވާ ކަމެވެ.

مطيع بن الحكم -رضي الله عنه- ވިދާޅުވި އެވެ. (أن النبي صلى الله عليه وسلم كان إذا صعد المنبر أقبلنا بوجوهنا إليه) ”ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މިންބަރަށް އަރާވަޑައިގެންނެވުމުން، އަހަރެމެން ނަބިއްޔާއާ ދިމާލަށް އަހަރެމެންގެ މޫނުތައް އަނބުރާލަމެވެ.“ الصحيحة2080

الإِماَم الأَلْبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މިއީ މީސްތަކުން ޢަމަލުކުރުން ދޫކޮށްލާފައިއޮތް ސުންނަތެކެވެ. ފަހެ، ސުންނަތަށް ލޯބިކުރާ ފަރާތްތަކަށް އޮތީ މި ސުންނަތް ދިރުވުމެވެ.“ تمام المنة

ވުމާއެކު، ޚުޠުބާދޭން ފަށާ ވަޤުތުން ފަށައިގެންގޮސް ޚުޠުބާ ނިމުމަށް ދާންދެން މައުމޫމީންނަށް ކަނޑައެޅިފައިވަނީ މިގޮތުގައި ދެމިތިބުމެވެ.

އެއީ، އެކުއެކީގައި ޚުޠުބާއަށް ހުސްވެ، އެންމެހައި ޙަރަކާތްތަކުން ދުރުވެ ޚުޠުބާއަޑު އެހުމަށް ހަނު އިނުމެވެ.

ދަންނަ އެވެ. ހުކުރު ނަމާދުގެ ޚުޠުބާ ދެވޭހިނދު ބޭކާރު ޢަމަލުތައް ކުރުމާއި، ޚުޠުބާގައި ކިޔާ ތަކެއްޗަށް ސަމާލުކަން ދިނުމުން ދުރުވެވޭ އެންމެހައި ޢަމަލުތަކުގެ މައްޗަށް ނަހީކުރެވިގެންވެ އެވެ.

އިމާމް مسلم ޞަޙީޙުގައި ޞަހާބީ أبو هريرة ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (ومَن مَسَّ الحَصَى فقَدْ لَغا) ”މިސްކިތުގެ ބިންމަތި އެ ގާތަކުން އެއްވަރު ކުރެވިފައިވާ ކުދި ގާކޮޅުތައް ނަގައި އެ ޤާތަކާއި ކުޅެފިމީހާ ( އެބަހީ : ޚުޠުބާދޭ ވަޤުތުގައި) ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމު ކުރުވައިފި އެވެ.“

އަދިވެސް އެހެން ޙަދީޘެއްގައިވެ އެވެ. އިމާމް البخاري ޞަޙީޙުގައި ރިވާކޮށްފައިވެ އެވެ. ނަބިއްޔާ ﷺ ހަދީޘް ކުރެއްވި އެވެ. (إِذَا قُلْتَ لِصَاحِبِكَ يَومَ الجُمُعَةِ: أنْصِتْ، والإِمَامُ يَخْطُبُ، فقَدْ لَغَوْتَ) ”އިމާމް ޚުޠުބާ ދެމުންދާހިނދު، ތިބާގެ އަޚާއާ ދިމާލަށް ”ހަނުއިންނާށެވެ.“ ބުނެފިހިނދު، ހަމަކަށަވަރުން ތިބާވަނީ ހުކުރު ނަމާދުގެ އަޖުރުން މަޙްރޫމް ކުރުވިފަ އެވެ.“

ވުމުން، ޢިލްމުވެރިންގެ ބަސްފުޅުތަކުގައިވަނީ، ޚުޠުބާދޭ ވަޤުތުގައި ލިޔުމާއި، ފެންބުއިމާއި، ސަލާމް ގޮވުމާއި ސަލާމް ރައްދުކުރުން މިފަދަ އެންމެހައި ޢަމަލުތަކަކީ ހުއްދަވެގެން ނުވާނެ ޢަމަލުތަކެއްގެ ގޮތުގައި ކަނޑައަޅައި ފަތުވާދެއްވާފަ އެވެ.

ވުމުން، ބަޔާންވެގެންދަނީ، ޚުޠުބާ ދެމުންދާ ދަނޑިވަޅުގައި، ޚުޠުބާ އަޑުއެހުމުން ބޭރުގައިވާ އެއްވެސް ޢަމަލެއް ގެނެސްގަތުން ހުއްދަވެގެންނުވާނެ އެވެ.

ވުމުން، ޚުލާޞާއަކީ ހުކުރު ޚުޠުބާ ނިމުމަށް ދާންދެން މިސްކިތުގައި އިށީނދެ އިނުމެވެ. ކޮޅަށް ތެދުވުމާއި ސަފުތައް ހަދަން ފެށުމަކީ ކަނޑައެޅިގެން ސުންނަތާއި ޚިލާފް ޢަމަލެއް ކަމުގަ އެވެ.

ފަހެ، ކޮޅަށްތެދުވުމުގައި ޚުޠުބާއަށް ދެވޭ ސަމާލުކަން ކެނޑިގެން ދާނެކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ. ފަހެ، އެފަދަ މީހާގެ ކިބައިން ހުކުރު ނަމާދުގެ އަޖުރާއި ޘަވާބު ފާއިތުވެ ގޮސްދާނެ ކަމުގެ މައްޗަށް ބިރުވެ އެވެ.

މި މައްސަލައިގައި މިއަދު މަދީނާގައި ތިއްބެވި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشيخ عَرَفَات بن حَسن المحمدي -حفظه الله- އަރިހުގައި ދެންނެވީމެވެ.

ސުވާލު : އަހަރެމެންގެ ޝެއިޚް އެވެ. ﷲ ތަޢާލާ ޝެއިޚްއަށް ބަރަކާތް ލައްވާށި އެވެ. ފަހުގެ ދުވަސްތަކުގައި އަހަރެމެންނަށް ފެންނަ މަންޒަރެކެވެ. އެއީ ހުކުރު ނަމާދަށް ޙާޟިރުވެތިބޭ މީހުން ހުކުރު ޚުޠުބާ ނިމުމުގެ ކުރިން ކޮޅަށް ތެދުވެ އެވެ. ކޮޅަށް ތެދުވެ ސަފުތައް ހަދަންވެސް ފަށަ އެވެ. ޚުޠުބާ ނިމެން ގާތްގަޑަކަށް މިނިޓެއްހާ ވަޤުތު އޮއްވާ އެބަކު މިފަދައިން ތެދުވެ އެވެ.

މި ޢަމަލުގެ މައްޗަށް ޝެއިޚް ވިދާޅުވަނީ ކީކޭ ތޯ އެވެ؟

ޖަވާބު : ”ތިޔައި ކުށެކެވެ. ހުއްދަވެގެން ނުވެ އެވެ.“

ފަހެ، އެންމެހައި މުސްލިމުންނަށް ނަޞޭޙަތްތެރިވަނީ އެބައިމީހުން ނަބިއްޔާ ﷺ ގެ ސުންނަތުގައި ދެމިތިބުމެވެ. އަދި އަޞްހާބުބޭކަލުންގެ ހިދާޔަތަށް ތަބަޢަވެ އެގޮތުގައި ޤާއިމްވެ ދެމިތިބުމެވެ. ފަހެ، އެއީ ދުނިޔެއާއި އާޚިރަތުގެ އެންމެހައި ބާއްޖަވެރިކަމެއް ޙާޞިލްވެގެންދާނެ ޢަމަލެއް ކަމުގައި ބަޔާންކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

(މަޞްދަރު)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close