ދީން

ދަތުރުމަތީ ރަވާތިބު ސުންނަތް ކުރުން ވޭހެއްޔެވެ؟

ސުވާލު: ދަތުރުމަތީ ރަވާތިބު ސުންނަތް ކުރުން ވޭހެއްޔެވެ؟

ޖަވާބު: «إِذَا مَرِضَ العَبْدُ أَوْ سَافَر كُتِبَ لَهُ مِثْلُ مَا كَانَ صَحِيْحًا مُقِيْمًا» (ޢަޅަކު ބަލިވެއްޖެ ނަމަ ނުވަތަ ދަތުރު ކުރާނަމަ، އޭނާ ދުޅަހެޔޮ ޙާލުގައި ޤާއިމުވެހުރިއިރާއި އެއްފަދައިން (އަޖުރު) ލިޔެވޭނެތެވެ.) ބައްޔަކީ އެއެއްގައި އޭނާ އަށް ކުޅަދާނަ ކަންތައް ކުރުމަށް އުދަގޫވާ އެއްޗެކެވެ. އަދި އޭނާ އަށް ކުޅަދާނަ ނުވާ އެއްޗެއް، ފަހެ ހަމަކަށަވަރުން ﷲ جل وعلا އޭނާ ދުޅަހެޔޮކަމުގައި ކުރަމުންދިޔަ ކަންތަކުގެ މައްޗަށް (އެއާއި އެއްވަރަށް) ، އޭނާއަށް ޘަވާބުދެއްވައެވެ. ދެންފަހެ ދަތުރުގައި، ނަބިއްޔު ﷺ އަރިހުން ޘާބިތުކަމާއި އެކު އައިސްފައިވަނީ ރަވާތިބު ތައް ދޫކުރެއްވިކަމެވެ. އަދި މުޠްލަޤު (އެބަހީ: ވަކި ޚާއްޞަ ކަމަކާއި ގުޅިފައިނުވާ) ތަޠައްވުޢު (އެބަހީ: ފަރުޟު ނޫން ސުންނަތް) (ނަމާދު) ތަކަށް ބަލާއިރު، ނަބިއްޔު ﷺ އަރިހުން މިކަމާއި މެދު އެއްވެސް އެއްޗެއް ޘާބިތެއް ނޫނެވެ. އަދި އަޞްޙާބު ބޭކަލުން ކުރެ ބައިގަނޑެއް — މިޘާލަކަށް ޟުޙާ ނަމާދު ފަދަ — މުޠްލަޤު ތަޠައްވުޢު (ޢާންމު ސުންނަތް ނަމާދުތައް) ކުރައްވާފައިވެއެވެ. އަދި ވުޟޫޢު ގެ ދެރަކުޢަތް ފަދައެވެ. އަދި މިއަކަށް މަނަލެއް ނެތެވެ. ދެންފަހެ ރަވާތިބު ތަކަށް ބަލާއިރު، ނަބިއްޔު ﷺ އެތަކެތި ދޫކުރެއްވިއެވެ. އަދި ފަތިސް ނަމާދުގެ އިހު ރަވާތިބު ފިޔަވައި އެނޫން އެއްވެސް ރަވާތިބެއް، ނަބިއްޔު ﷺ އަދައު ކުރެއްވީ ކަމަށް ދުވަހަކުވެސް ވާރިދުވެފައި ނުވެއެވެ. އަދި ޙާޟިރުވެ ހުންނަވާ އިރަކުވެސް އަދި ދަތުރަކުވެސް ނަބިއްޔު ﷺ ވިތުރި ދޫނުކުރައްވާއެވެ. މިއީ ނަބިއްޔު ﷺ އަރިހުން ޘާބިތުކޮށް އައިސްފައިވާ ކަމެކެވެ. ދެންފަހެ (التَّطَوُّع المطْلَق) ޢާންމު ސުންނަތް ނަމާދުތައް، އެ އަދައު ކުރުމަކަށް އިންކާރެއް ނުވެއެވެ. އެހެންކަމުން، އިންސާނާ، ދަތުރުވެރިއެއް ކަމުގައި ވަނީ ހިނދު، ދަމު ނަމާދާއި، ވިތުރިއާއި ފަތިސްނަމާދުގެ (ސުންނަތް) ދެރަކުޢަތް ފިޔަވައި، އެންމެހާ ރަވާތިބު ތަކެއް ވަނީ ދޫކުޅައުމެވެ. އެނޫން ޢާންމު ސުންނަތްތައް ކުޅައުމުގައި މަނައެއް ނުވެއެވެ.

އެހެނަސް މީގެ ތެރެއަށް ވަންނަ މުހިއްމު މައްސަލަ އެއް އެބަވެއެވެ. އަދި މީސްތަކުން މިކަމުގައި ވަރަށް ސުވާލު އުފައްދައެވެ: މި ދަތުރުވެރިޔާ މުޤީމުވެ ހުރި މީހެއް ފަހަތުގައި ވާނަމަ، މިޘާލަކަށް މައްކާއަށް ދާ މީހުން އެތަނުގެ އިމާމުގެ ފަހަތުގައި ނަމާދު ކުރާހިނދު، ރަވާތިބު ނަމާދު ކުޅައުމުގައިވެސް އެވެރިންނަށް ވަނީ މުޤީމުވެ ހުރިމީހެއް ފަދައިން ހެއްޔެވެ؟ ނުވަތަ (ކުރިން ބަޔާން ކުރިފަދައިން) ރަވާތިބުތައް މިވެރިންނަށް އަދައު ކުރުމެއް ނުވޭ ހެއްޔެވެ؟

ގުޅުންހުރި ލިޔުންތައް

މިއީ ޢިލްމިވެރިން މެދުގައި އެކަމަކާއިމެދު ޚިލާފު އޮތް މައްސަލައެކެވެ: އިބްނު ޢުމަރު رضي الله عنه ވިދާޅުވި ބަސްފުޅުގެ މައްޗަށެވެ: (لَوْ كُنْتُ مُتَنَفِّلًا لَأَتْمَمْتُ) ”ތިމަންކަލޭގެފާނު ނާފިލުތައް (އެބަހީ: ސުންނަތް ނަމާދުތައް) އަދައު ކުރައްވަނީނަމަ (ފަރުޟުތައް ނަމާދުތައް) ފުރިހަމައަށް ކުރެއްވީމުއީހެވެ. (އެބަހީ: ކުރުކޮށް ނުޖުރެއްވީމުހެވެ.)“ މިއިން ބައެއް ޢިލްމިވެރިން ފަހުމުވެލެއްވީ، (ދަތުރުވެރިޔާ،) އެނޫން މީހެއް ފަހަތުގައި (ފަރުޟު ނަމާދުތައް) ފުރިހަމަޔަށް ކުރާނަމަ، ރަވާތިބުތައްވެސް ކުޅައުމެވެ. އެހެނީ އޭނާ (ފަރުޟު ނަމާދުތައް) ފުރިހަމަޔަށް ކުރާތީއެވެ. އަދި އެނޫން ބައެއް ޢިލްމުވެރިން ވިދާޅުވަނީ:އެޙާލަތުގައި (ވިޔަސް) ރަވާތިބުތައް ނުކުރުމެވެ. ކީއްވެހެއްޔެވެ؟

އެހެނީ ތިބާ (ފަރުޟު ނަމާދުތައް) ފުރިހަމަކުޅައީ (އިމާމު މީހާއަށް) ތަބައުވުމުގެ ގޮތުންނެވެ. އަދި އެއަކުން ތިބާ ދަތުރުވެރިއެއް ކަމުން ކެނޑިނުދެއެވެ. އުޞޫލީގޮތުން ބަލާއިރު ރާޖިހު (ބޮޑަށް ޞައްޙަ) ގޮތަކީ މިއީއެވެ. އެހެނީ ތިބާއަށް (ތިބާގެ ޙާލަތައް) ބަދަލުނާދައެވެ. ތިބާ (ފަރުޟުތައް) ފުރިހަމަކޮށް ކުރީ  (އެހެން މީހަކަށް) ތަބައުވުމުގެ ގޮތުންނެވެ. އެނޫން ގޮތެއްގައި ނޫނެވެ. އަދި މީގެ ދަލީލަކީ، ތިބާ އިމާމުވެ އޭނާ މައުމޫމު ވަނީ ނަމަ، ތިބާ ކުރާނީ ޤަޞްރުކޮށެވެ. މިހެންކަމުން ދަތުރުވެރިއެއް ކަމަށް ވެހުރުމުގައި ތިބާ އަށް ބަދަލެއް ނާދެއެވެ. (ނަމާދުތައް) ފުރިހަމަކުރުން އައީ އެނިޔަތާއި ނުލައެވެ. ދެންފަހެ އިބްނު ޢުމަރުގެ އެ ބާސްފުޅު: (لَوْ كُنْتُ مُتَنَفِّلًا لَأَتْمَمْتُ) ”ތިމަންކަލޭގެފާނު ނާފިލުތައް (އެބަހީ: ސުންނަތް ނަމާދުތައް) އަދައު ކުރައްވަނީނަމަ (ފަރުޟު ނަމާދުތައް) ފުރިހަމައަށް ކުރެއްވީމުއީހެވެ. (އެބަހީ: ކުރުކޮށް ނުކުރެއްވީމުހެވެ.)“ އެކަލޭގެފާނު މިބަސްފުޅުން ގަސްދު ކުރައްވަނީ ސުންނަތް ނަމާދު ކުޅައުމުގެ ވާހަކައެވެ.

މާނައީ، ރަވާތިބު ތައް ކުރުމަށް ތިމަންކަލޭގެފާނު ބޭނުން ފުޅުނަމަ، އަދި ތިމަންކަލޭގެފާނު ވެސް އެދެމޭ ސުންނަތްތައް ކޮށް ދެން ވިތުރިކުރުމަށް، އެހެންވެއްޖެ ނަމަ، ދެން ތިމަންކަލޭގެފާނު ޤަޞްރުކުރަނީ ފަހެ ކީއްކުރަން ހެއްޔެވެ؟ އެހެނީ މިއީ ރުޚްސަތު ގެ ތެރެއިން ލުއިފަސޭހަ ކުރެއްވުމުގެ ބާބުގެ ތެރެއިންވާ ކަމެކެވެ.

ޝައިޚް ސުލައިމާން ބުނު ނާޞިރް، އަލްޢަލްވާން – މަޞްދަރު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close