ދީން

ދީނީ އިލްމު ބޮޑަށް ފަތުރަން ސަރުކާރުން އިސްކަންދޭނެ – ރައީސް

ދީނީ އިލްމު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ރައީސް ސޯލިހް ވިދާޅުވީ ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން ކަމުގައެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތަޖުވީދު މަގުން ޤުރްއާން ކިޔަވަން ދަސްކޮށް، ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައެވެ. އަދި ރީތި ރާގުތަކަށް ޤުރްއާން ކިޔެވުމަކީ އޭގެ ސަބަބުން އަޑުއަހާ މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ، ގިނަގިނައިން ކީރިތި ޤުރްއާން ކިޔެވުމަށް ހިތްވަރުދެއްވިއެވެ.

ހަމައެއާއެކު ކީރިތި ޤުރްއާނުން ހިފޭނެ ގިނަގުނަ ބޭނުންތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކީރިތި ޤުރްއާނުން އިތުރު ބޭނުންތައް ހިފޭނީ އަމަލީ ދިރިއުޅުމުގައި ކީރިތި ޤުރްއާން ތަންފީޒުކުރަން ދަސްކޮށްގެން ކަމަށާއި ކީރިތި ޤުރްއާނުގެ އަޚްލާގު އުނގެނި ދަސްކުރުމުން ކަމުގައި ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މުޖުތަމައު ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ޤުރްއާނުގެ އަޚްލާގުން ހައްލު ލިބެން އެބަހުރި ކަމުގައެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރުތަކަކީ، އިސްލާމީ ތަރުބަވީ އަޚްލާގު ދަންނަ އެއްޗެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިސްލާމް ދީނުން ފެންނަން އޮތީ، އިޖްތިމާއީ އަދާލަތާއި ހަމަހަމަކަމާއި މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް ކަމަށާއި ބައިބައިވުމާއި ވަކިވަކިވުން ނޫންކަން ފާހަގަކުރެއްވިއެވެ.

ރޭގެ ހަފްލާގައި ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވި ދަރިވަރުންނަށް މަރުހަބާ ދަންނަވަމުން ރައީސް ސޯލިހް ވަނީ ކީރިތި ޤުރްއާނުގެ އިލްމު ފެތުރުމުގައި ދެމިތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ. މި ހަފްލާގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close