ދީން

ބޮޑަތި ފާފަތަކުން އަދި ކުދި ފާފަތަކުން ތައުބާވިޔަސް ޤިޔާމަތް ދުވަހުން އެ ފާފަތަކަށް ޢަޛާބު ދެއްވާނެތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ޝައްކެއްނެތް ފާފަޔަކީ ނުރައްކާތެރި ބިރުވެރިކަން ހުރި ، އިލާހުގެ ކޯފާ ޙައްޤު ވާނެކަމެކެވެ. ނަމަވެސް ﷲ އީ އޯގާވަންތަ ރަޙުމަތްވަންތަ ރަސްކަލާނގެ، އެހެންވެ އަޅުތަކުން ކުރެ އެބައިމީހުންގެ ނަފްސަށް އަނިޔާވެރިވެވޭ މީހުނަށް ތައުބާގެ ދޮރު ހުޅުއްވަވާފައިވެއެވެ. ކިތަންމެ ފާފައެއް ކުރިއަސް، ކޮންމެ ގޮތަކަށް އުޅުނަސް، އެކަލާނގެ ހައިބަވަންތަކަމާއި ގަދަ ކީރިތި ވަންތަކަން ވިސްނި، އެކަލާނގެއަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތަށް އަތުވައްޖެ އަޅަކު އެކަލާނގެ ޤަބޫލު ކުރައްވައެވެ. ވީމާ ﷲގެ ރަޙުމަތުން މާޔޫސް ނުވާށެވެ! އެކަލާނގެ ހަޟުރަތަށް އަވަސްވާށެވެ! އެކަލާނގެއީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެއެވެ. އަޅުން އެކަލާނގެ ހަޟުރަތަށް ރުޖޫޢަވެ، ތައުބާވެ، ފާފަ ފުއްސެވުންއެދި އާދޭސް ދެންނެވުމަށް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ ވަހީކުރެއްވިއެވެ.

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ‎ [الزمر 53] މާނައީ: “ތިމަން އިލާހުގެ އަޅުތަކުންކުރެ ފާފަކުރުމުން އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކޮށްފައިވާ މީހުނަށް ކަލޭގެފާނު ދަންނަވާށެވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އެކަލާނގެ ހުރިހައިފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.”

މާތް ﷲ އެކަލާނގެ އަޅާގެ ކިބައިން ބޭނުންވެ ވޮޑިގަންނަވަނީ އެއްމެ ކަމެކެވެ. އެއީ އިޚްލާޞްތެރިކަމެވެ. ތެދުވެރިކަމެވެ. އެކަލާނގެ ކޯފާއާއި އަޛާބަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތުގައިވާ ނިއުމަތަށް އެދުންވެރިވެ، ފާފަކުރުން ހުއްޓާލައި، މުސްތަޤުބަލްގައި އެފަދަ ފާފައަކަށް އަރައިނުގަތުމަށް އަޒުމްކޮށް އެކަލާނގެއަށް ދެންނެވުމެވެ. އަދި ޞާލިޙް އަމަލު ގިނަކުރުމެވެ. އޭރުން އެކަލާނގެ ތިބާގެ ހުރިހާ ފާފައެއް ފުއްސަވައި، ތިބާއީ އެކަލާނގެ ގާތް އަޅުންގެ ތެރެއިން ލައްވާނެކަން ކަށަވަރެވެ. އަދި ކިޔެއް އަޅާގެ ތައުބާ ފުރިހަމަވެ، ފާއިތުވީ ތަނުގެ ބަދަލުގައި ހެޔޮ ޢަމަލު ކޮށް، އެގޮތުގައި ސާބިތުވެ، ތަޤުވާވެރި ވެއްޖެ އަޅެއްގެ އިސްވެ ދިޔަބައި ޘަވާބާއި ދަރުމައަށް ބަދަލު ކޮށްދެއްވައެވެ. އެކަލާނގެ ވަޙީކުރައްވަނީ إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا } الفرقان 70. މާނައީ: ” توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ..”

އަޅާގެ މައްޗަށް ވަނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އެކުގައި ތައުބާވެ، އިސްލާހު ވުމެވެ. އެކަލާނގެ އަންގަވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ…..} [التحريم 8]. “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ތެދުވެރި ތައުބާއަކުން ﷲގެ ހަޟުރަތަށް ތައުބާވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި އެތަނެއްގެ (ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން) ފެން އާރުތަށް ހިނގަހިނގައިވާ ސުވަރުގެ ތަކަކަށް ތިޔަބައިމީހުން ވައްދަވާނެއެވެ.”

ތެދުވެރި ނުވަތަ އިޚްލާޞްތެރި ތައުބާއަކީ: 1- ތައުބާވުމަށް ގަސްތުކުރާ ފާފަ ހުއްޓާލުމެވެ. 2- ތިބާއަށް ކުރެވެފައިވާ ފާފައިގެ މައްޗަށް ލަދުވެތިވެ ދެރަވުމެވެ. 3- އެފާފަ އަލުން ނުކުރުމަށް އަޒުމް ކުރުމެވެ. 4- އަދި އަޅުންގެ ހައްގެއް އޮތް ކަމެއް ނަމަ އެކަމެއް ރައްދު ކުރުން ނުވަތަ އެމީހެއްގެ ހިތް ހަލާލު ހޯދުމެވެ. މިސިފަތަށް އެކުލެވިގެންވާ ތައުބާއަކުން ތައުބާ ވެއްޖެ ނަމަ އެތައުބާއީ ޞައްހަ ތައުބާއެކެވެ. މާތް ﷲ އެފާފަ ފުއްސަވާނެތެވެ. އަދި އެފާފައިން ދުރުހެލިވުންވެސް ފަސޭހަ ވާނެއެވެ. މާތް ﷲ ބައްލަވަނީ ތައުބާގެ އަދަދަކަށް ނޫނެވެ. ތައުބާގެ “ކޮލިޓީ” އެށެވެ.

ނުބައި ކަންތައްތަކާއި ދުރުހެލިވެ، ހެޔޮ އަމަލުތައް ކުރުމަށް ލޯބި ޖެހުމަކީ ޝައްކެއް ނެތް ގޮތުގައި މާތް ﷲ ގެ ހަޟުރަތުންވާ މަދަދެކެވެ. އެއީ އަބަދު އަބަދު ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. ވީމާ ތިބާއަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ﷲގެ ދީން އުނގެނި އޮޅުންފިލުވައި، ﷲ އާއި ރަސޫލާ އެންގެވިގޮތަށް އުޅެން މަސައްކަތް ކުރާށެވެ. އޭރުން ތިބާއަކީ ތަގުވާވެރި ރަނގަޅު މީހެއްކަމުގައި ވެވޭނެކަން ކަށަވަރެވެ. އަދި ހަމައެކަނި ކާމިޔާބު ވާނެ މީހުންނަކީ އެއީއެވެ.والله أعلم.

(ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް – 19 އޭޕްރިލް 2021 ގައި ޝާޢިޢުކޮށްފައިވާ ލިޔުމެއް)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close